މި ދިޔަ އެމްޑީޕީގެ ސަރުކާރުގައި އޮތް 19 ވަނަ މަޖިލީހުން ކަންތައް ކުރެއްވިގޮތުން ރައްޔިތުންގެ މަޖިލީހަށް ގެއްލިފައިވާ ލޯތްބާއި އިތުބާރު ހޯދާނެ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަޖިލިހުގެ ރައީސް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވާފައިވާ އަބްދުއް ރަހީމް ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ބައްޓަން ކުރާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށާއި ރައްޔިތުންނަށް ފައިދާވާ ގޮތަށް މަޖިލީހުން މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން އިރާދު ކުރެއްވިއްޔާ މި މަހު 28 ވަނަ ދުވަހު މިފައްޓާ 20 ވަނަ މަޖިލީސް ވާނީ ރައްޔިތުންގެ އިތުބާރާއި ލޯބި ލިބިގެން އޮތް މަޖިޅިހަކަށް، އަޅުގަނޑު މި ދަންނަވަނީ ވަރަށް ކެރިގެން ސާބިތު ކަމާއިއެކު އިރާދު ކުރެއްވިއްޔާ، 20 ވަނަ ރައްޔިތުންގެ މަޖިލީހުން މިހާރު ރައްޔިތުންގެ ކުރިމަތީގައި ގެއްލިފައިވާ އިތުބާރު އަޅުގަނޑުމެން ހޯދާނަން. 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަށް ބައްޓަން ކުރާނީ ރައްޔިތުން ބޭނުންވާ ގޮތަށް، ރައްޔިތުންނަށް ފައިދާ ވާ ގޮތަށް އެ މަޖިލީހުގެ މެމްބަރުން ކުރާނީ. ހާއްސަކޮށް ސަރުކާރު ހިންގާ ޕާޓީގެ މެމްބަރުންނާއި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރާ ބޭފުޅުންވެސް. އަޅުގަނޑުމެންގެ މުޅި އަމާޒަކަށްވެސް ވާނީ ރައީސް ޑރ. މުއިއްޒު އެ މަނިކުފާނުގެ މެނިފެސްޓޯ ތަންފީޒު ކުރުމަށްޓަކައި އަޅުގަނޑުމެންގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ވީ އެއްމެ އަވަސް ފުރުސަތެއްގެ ތެރޭގައި ހަމަޖެހިފައި އޮންނަ އުސޫލުތަކާއި ހަމަތަކުގެ މަތިން ފޯރު ކޮށްދިނުން."، އޭނާ ވިދާޅުވިއެވެ.

އަބްދުއް ރަހީމް ވިދާޅުވީ އެބޭފުޅުންގެ އަމިއްލަ މަސްލަހަތު އިސް ނުކުރާނެ ކަމަށާއި އަދި އަހުލާގީ ދަށު ދަރަގައިގެ އެއްވެސް އަމަލެއް ހިންގުމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމިއްލަ ފައިދާއަށް އަމިއްލަ މަސްލަހަތަކަށް އިރާދުކުރެއްވިއްޔާ އަޅުގަނޑުމެން ކަމެއް ނުކުރާނަން. އަޅުގަނޑުމެންގެ 20 މަޖިލީހުގައި ތި ވިދާޅުވި ކަހަލަ އަހުލާގީ ދަށްފެންވަރުގެ ކަންކަން ކުރުމަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން،".

މެމްބަރަކަަށް ހޮވުމާއި އެކު ގާނޫނުން ލާޒިމު ކުރަނީ އިއްޒަތްތެރި މެމްބަރު ކިޔަން ކަމަށާއި، އެހެންވުމުގެ ސަބަބުން އެހާ އިއްޒަތްތެރި ބޭފުޅުންގެ ގައިގައި ހަމަ ތަކަކާއި އުސޫލުތަކެއް ހުންނަން ޖެހޭނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަގޭ ރާއްޖެ

    ރަގަޅު އެހެންވެދޯ ޔާމީނަށް ދޯކާދިނީ މަކަރުވެރިކަމުގެ 1 ވަނަ. ރާއްޖޭގެ ރައްޔިތުން ކާލި މީހަކަށް އެގްރިކަލްޗަރުން ބޮޑު މަގާމްދިނީ ވެސް.

  2. ނަތަންޔާހޫ

    ކިހިނެއްތޯ ހޯދާނީ! ތިބޭފުޅުންނަކީ މަޖުލިހުގައި މެމްބަރުންގެ ގޮތުގައި ތިބި އިރު އެތާ އެތެރޭގައި ރޯ އައު ގްރާން ގޮވާފައި ތިބި ބައެއް ރައްޔިތުންގެ ކުރިމަތީގައި. އަދިވެސް އެހެރީ އެ ވީޑިއޯތައް ރައްޔިތުންނަށް ފެންނަން.