ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ ދެކުނު ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު އަލްސަން، ވެރިކަން ކުރާ ޕީއެންސީއާ ގުޅިވަޑައިގަތުމަކީ ޒުވާނުންގެ ގިނަ އުންމީދުތަކެއްވާ ކަމުގެ ހެއްކެއް ކަމުގައި ފިޝަރީޒް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެއެވެ.

ޝިޔާމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 20 ވަނަ މަޖިލިހުގެ އެންމެ ޒުވާން މެމްބަރެއްގެ ގޮތުގައި އިންތިހާބުވެވަޑައިގެންނެވި އަސްލަން، ރައީސް މުއިއްޒު އާ އެކުގައި ކުރިއަށް ވަޑައިގަތުމަށް ނިންމަވައި ޕީއެންސީއާ ގުޅިވަޑައިގަތުމަކީ ރައީސްއާ އެކު ޒުވާނުންގެ ގިނަ އުންމީދުތަކެއްވާ ކަމުގެ ހެއްކެއް ކަމަށެވެ.

ޝިޔާމް ވަނީ އަލްސަން ޕީއެންސީއާ ގުޅިވަޑައިގަތުމަށް ނިންމެވުމާ ގުޅިގެން އެކަމަށް މަރުހަބާ ދަންނަވައިފައެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އަމިއްލަ ގޮތުން ކާމިޔާބު ކުރެއްވި އަލްސަން ޕީއެންސީއަށް ސޮއިކުރެއްވީ މުލިއާގޭގައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އޭނާ ސޮއިކުރެއްވި ފޯމް ހަވާލު ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އަލްސަން ކާމިޔާބު ކުރެއްވީ 870 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު އަބްދުﷲ ޝަރީފެވެ. އޭނާ އަށް ލިބިވަޑައިގެންނެވީ 799 ވޯޓެވެ. ތިން ވަނަ އަށް ދިޔަ އެމްޑީޕީގެ ކެންޑިޑޭޓު ޒިފްލީނާ ހަސަނަށް ލިބިވަޑައިގަތީ 519 ވޯޓެވެ.

މިދިޔަ އޭޕްރީލް 21 ވަނަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ވަނީ 66 ގޮނޑި ކާމިޔާބުކޮށްފައެވެ. އަދި އަލްސަން ހިމެނޭހެން އަމިއްލަ ގޮތުން ވާދަކުރެއްވި ނުވަ މެމްބަރުން ވަނީ ޕީއެންސީ އަށް ސޮއިކުރައްވައިފައެވެ. މިއާއެކު، ހަމައެކަނި ޕީއެންސީގެ މެމްބަރުންގެ އަދަދު ވަނީ 75 އަށް އަރައިފައެވެ. ވިހި ވަނަ މަޖިލިހުގައި ޕީއެންސީ އަށް ވަނީ ސުޕާ މެޖޯރިޓީ ލިބިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޤައުމު

    ދެރަ ކަމެއް. ގިނަ ރައްޔިތުންތަކެއް އަލްސަން އަށް ވޯޓު ދިނީ އަމިއްލަ ގޮތުން ކުރިމަތިލާފައިވާތީ. މަދުބަޔެއްގެ އެދުމަކަށް ސަރުކާރާއި ގުޅުނުކަމީ ހިތާމަވެރި ކަމެއް. ވިކުނީއޭ ނުބުނާނަން ސާބިތުނުވަނީސް. އެކަމަކު ޕާޓީއާ ގުޅުން ކުށްވެރިކުރަން....