ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތުގެ މަތިން މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިނދުމުގެ ޕްރޮގްރާމް އަންނަ ޖޫންގައި އަމަލީ ގޮތުން ފަށާނެ ކަމަށް ކަމަށް އެންވާރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ތޯރިގު މިހެން ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ އިން ކުރެވިފައިވާ މަސައްކަތްތައް ހިއްސާ ކުރުމަށް އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ އިތުރުން ރިސޯޓްތަކުގައިވެސް އެ ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށާއި އެ ޕްރޮގްރާމްގެ އަމަލީ މަސައްކަތް ޖޫން 5 ވަނަ ދުވަހު ފަށާނެ ކަމަށް ތޯރިގު ވިދާޅުވިއެވެ. ޖޫން 5 ވަނަ ދުވަހަކީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ކަމުން އެ ދުވަހާ ދިމާކޮށް އެ ޕްރޮގްރާމް ފެށުމަށް މިވަނީ ނިންމާފައެވެ.

އެ މަޝްރޫއަކީ ރައީސް މުއިއްޒު ޔޫއޭއީގެ ދުބާއީގައި ކުރިއަށްދިޔަ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި ގައުމީ ބަޔާން އިއްވަވަމުން އިއުލާން ކުރައްވާައިވާ މަޝްރޫޢުއެކެވެ.

ފާއިތުވީ 6 މަސްދުވަހު އެ މިނިސްޓްރީން ކުރި މަސައްކަތްތަކަށް ތޯރިގުވަނީ ހާމަކުރައްވާފައެވެ، އެގޮތުން:

  • މާޗް އަދި އެޕްރީލް މަހުގެ ކަރަންޓާއި ފެން ބިލުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާއި އެއްގޮތަށް ޑިސްކައުންޓް ފޯރުކޮށްދީފައިވޭ.
  • ވިލިމާލޭގެ ފެނާއި ނަރުދަމާ ނިޒާމުގެ ހާލަތު ދިރާސާކޮށް، އިތުރަށް ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމަށް މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި ހަވާލުކުރުން.
  • ތ. އަތޮޅުގެ މީހުން ދިރިއުޅޭ 12 ރަށުގައި ގާއިމުކޮށްފައިވާ 2.5 މެގަވޮޓުގެ ސޯލާ ޕީވީ ޑީސަލް ހައިބްރިޑް ސިސްޓަމަތަކުގައި އެނާޖީ މެނޭޖްމަންޓް ސިސްޓަމް ގާއިމުކޮށް ކަމިޝަންކުރަން ފެށުން.
  • ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށާއި އަދި ގޭބިސީތަކުން ކަރަންޓު ބިލަށް ކުރާ ހަރަދު ކުޑަކުރުމަށް ހަފުތާ 14 ގެ ދަށުން "މަގޭ ސޯލާ ޕްރޮގްރާމް"، 29 ނޮވެމްބަރ 2024 ގައި ފެށުން.
  • ރ އަދި ބ އަތޮޅުގެ މީހުން ދިރިއުޅޭ 26 ރަށުގައި ޖުމްލަ 6.35 މެގަވޮޓުގެ ސޯލާ ޕީވީ ޑީސަލް ހައިބްރިޑް ސިސްޓަމްތައް ގާއިމުކުރުމަށް ހަދަންޖެހޭ ޑީޓެއިލް ޑިޒައިންގެ މަސައްކަތް ނިންމައި ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ބައެއް ސާމާނު ރާއްޖެ ގެނައުން.
  • މަގޭ ސޯލާ ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 3 ކިލޯވޮޓުގެ 375 ނިޒާމާއި އަދި 5 ކިލޯވޮޓުގެ 375 ނިޒާމު (ޖުމްލަ 3 މެގަ ވޮޓުގެ ސޯލާ ޕީވީ ސިސްޓަމް) ހޯދުމަށް ކޮންޓުރެކްޓަރަކު ހޯދައި އެފަރާތާއެކު 09 މެއި 2024ގައި ކޮންޓްރެކްޓްގައި ސޮއި ކުރުން ހިމެނެއެވެ.