ވިހި ވަނަ ރައްޔިތުންގެ މަޖިލީހުން ފެނިގެންދާނީ "އިއްޒަތްރި މެމްބަރު" ކިޔޭ ފެންވަރުގެ މެމްބަރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދި މަޖިލީހުގެ ފޮނަދޫ ދާއިރާއަށް އިންތިހާބުވެވަޑައިގަތް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން، ކުރިއަށް އޮތް މަޖިލީހުުގެ ރައީސަކަށް އިންތިހާބު ކުރަން ޕީއެންސީން ނިންމާފައިވާ އަދުރޭ ވިދާޅުވީ، 19 ވަނަ މަޖިލީހުގެ މެޖޯރިޓީ އޭރު އޮތް އެމްޑީޕީ ސަރުކާރަށް ލިބުމުންވެސް މަޖިލީހުގެ ތެރެއިން ރައްޔިތުންނަށް އެއްވެސް ކަމެއް ނުކޮށްދެވުނު ކަމަށާއި ރައްޔިތުންގެ އިތުބާރު ގެއްލި މަޖިލީހުގެ އަގު ވެއްޓިފައިވާ ކަމަށެވެ.

އެގޮތަށް އެކަން ދިމާވީ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގައުމުގެ މަންފާއަށްވުރެ އަމިއްލަ މަންފާއަށް އިސްކަން ދިނުމުން ކަމަށާއި ރައީސް މުއިއްޒުގެ ސަރުކާރުގައި އެހެން ނުވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ. ސަބަބަކީ ރައީސް މުއިއްޒު އަކީ އަބަދުވެސް ރައްޔިތުންނާއި ދޭތެރޭ ވިސްނާ ބޭފުޅެއް ކަމަށާއި އެމަނިކުފާނުގެ މުޅި ފޯކަސް ހުރީ ރައްޔިތުންނަށް ޚިދުމްތަކޮށްދިނުމަށް ކަމަށް ވަނީ ވިދާޅުވެފައެވެ.

"ރައްޔިތުން ކުރިމަތީގައި މަޖިލީހުގެ އަގު މިވަނީ ވަރަށް ބޮޑަށް ވެއްޓިފައި، އެހެން ދިމާވެފައި މިއޮތީ އެތާތެރޭގައި ކަންތައްތައް ހިނގާފައި އޮތް ގޮތުން. މިދިޔަ މަޖިލިސް އެމްޑީޕީ ސަރުކާރު މެޖޯރިޓީ ދީގެން ކީއްވެގެންތޯ މިހެންވީ. އެހެންވީ އޭރުގެ ރައިސުލްޖުމްހޫރިއްޔާ ގައުމަށްވުރެ އަމިއްލަ މަސްލަހަތު އިސްކުރީމަ. މުޅި ގައުމުގެ ފައިދާއަށްވުރެ އަމިއްލަ މަންފާ ކުރިއަށް ނެރެވުނީމަ އެކަށީގެންވާ މަސައްކަތްތަކެއް މަޖިލިސް ތެރެއިން ކުރެވިގެން ނުދިޔައީ." އަދުރޭ ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ފަހަތުގައި އޮތް މަޖިލީހުގެ ސުޕަމެޖޯރިޓީއަކީ އެމަނިކުފާނެކޭ އެއްގޮތަށް ރައްޔިތުންގެ ޚިދުމަތުގައި ފޫގަޅައިިގެން ތިބި "އިއްޒަތްތެރި މެމްބަރު" ކިޔޭ ފެންވަރުގެ މެމްބަރުންކަން މަޖިލީހުގެ ކުރިއަށް އޮތް ދައުރުން ފެނިގެން ދާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ގެއްލުނު އިތުބާރާއި ލޯބި އަނބުރާ ހޯއްދަވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އަދުރޭ ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ހޮވުނު މެމްބަރުންގެ ކިނބައިން އަޚުލާގީ ގޮތުން ދަށް ފެންވަރުގެ ކަންތައްތައް ހިނގުމުގެ ފުރުސަތު އޭނާ ނުދެއްވާނެ ކަމަށެވެ.

"ނަން ކިޔަންޖެހޭ ކޮންމެ ފަހަރެއްގައި އިއްޒަތްތެރި މެމްބަރު ކިޔަންޖެހޭ. އެހާ އިއްޒަތްތެރި ބަޔަކަށް ހަމަތަކެއް އޮންނާނެ. އޭނާ އުޅެންޖެހޭ އުސޫލުތައް އޮންނާނެ. އަހުލާގީގޮތުން ހިފަހައްޓަންޖެހޭ ގޮތްތަކެއް ހުންނާނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ 20 ވަނަ ރައްޔިތުންގެ މަޖިލީހުން ފެނިގެންދާނީ އެ އިއްޒަތްތެރި މެމްބަރު ކިޔަން ޖެހޭ ކަހަލަ މެމްބަރުންތަކެއް އުޅޭ މަޖިލީހެއް. މި މަޖިލީސް ނުވާނެ ސަރުކާރަށް ދަތިކުރާ މަޖިލީހަކަށް،" އަދުރޭ ވިދާޅުވިއެވެ،

19 ވަނަ މަޖިލީހުން ސަރުކާރަށް ޖެއްސުންކޮށް މަޖިލިސްއަކީ އެމީހުން ގުލަކުޅޭ ފަސްގަނޑަކަށް ހަދައިގެން "އިއްޒަތްތެރި މެމްބަރުން" އުޅުނަސް ވިހި ވަނަ ރައްޔިތުންގެ މަޖިލީހުން ތަފާތު ފެނިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ދައުރުގައި ސަރުކާރާއި ގުޅިގެން ގިނަ ޚިދުމްތްތަކެއް ރައްޔިތުންނަށް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އަދުރޭ ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަންޑިކުޑަ

    ކޮން އިއްޒަތެއްހޭ! ރައްޔިތު މީހާ އަށް ނުކިޔާ އިއްޒަތެއް އިނބަމެނަކަށް ރައްޔިތުން ނުކިޔާ ހުއްޓެވެ. މަޖުލިހުގެ ރައީސް ކަމާއި ހަވާލު ވާ މީހާ މަޖުލިސް ތެރޭގައިއައު ގުރާނު ގޮވާފައި ހުރި ވީޑިއޯތައް ރައްޔިތުން ވަނީ ބަލާފައެވެ. ކަން މިހެން ހުރުމުން އިނބަމެނަށް ރައްޔިތުން ކިޔާނެ ދޭނެ އިއްޒަތެއް ނޯންނާނެ ކަމާއި މެދު އެއްވެސް ޝައްކެތް ނުކުރަނމުއެވެ.

  2. ގެމަ

    ފުރަތަމަ ތި އަދުރޭއެއް ކަމަކު ނުދޭ އިއްޒަތްތެރި ކިޔާފަ ލަގަބު ދީގެން ވާހަކަ ދައްކާކަށް. މަށަށް މުއިއްޒު އޯކޭ ވެރިކަމަށް. އެކަމަކު އަރިސްކޮށް މި އަދުރޭ ގެންގުޅޭތަންކޮޅު ކަމުނުދަނީ. އަނގަހުތުރުކަމުން މަގޭ ސަޕޯރޓް ގެއްލުނު މީހެއް އަދުރޭ އަކީ.

  3. ...

    އާންމުކޮށް އެހެން މީހުންގެ ކުށް ދައްކާނީ ނާގާބިލު މީހުން...އަދުރޭ އިސްލާމީ ގައުމެއްގެ ތިފަދަ މަގާމަކާ އެކަށީގެންވާ ގާބިލު މީހެއް ނޫން...
    ފުރަތަމަ ފާޅުވެގެން ތިދިޔައީވެސް ހާމާން ހެދި ސިކުނޑީގެ ޓެސްޓް..
    މިތާ ވަނީވެސް އެތާ ނުވަނީވެސް އެތާ ވަނީވެސް މިތާ ނުވަނީވެސް ރަސްގެފާނު ވިދާޅުވި އެއްޗެއް...

  4. ގުޑް

    ދިސް އިޒް ގުޑް