ސައުދީ އަރަބިއްޔާގެ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒު ފުއްޕާމޭގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާތީ ރައީސް ޑރ.މުހައްމަދު މުއިއްޒު ރަސްގެފާނަށް ހިތްވަރުގެ މެސެޖެއް ފޮނުވައިފިއެވެ.

ރައީސް ފޮނުއްވި މެސެޖުގައި ވިދާޅުުވީ ސަލްމާން ރަސްގެފާނުގެ ސިއްޚީ ހާލުކޮޅުގެ ވާހަކަ އަޑުއެެއްސެވުމުން ކަންބޮޑުވި ކަމަށާއި ރަސްގެފާނަށް ފުރިހަމަ ސިއްޚަތެއް މިންވަރު ކުރެއްވުން އެދޭ ކަމަށެވެ. އަދި އެމަނިކުފާނަށް ދިވެހި ރައްޔިތުންނާއި ސަރުކާރުގެ ފަރާތުން އަވަސް ޝިފާއެއް ލެއްވުން އެދި ރައީސް ވަނީ ދުއާ ދަންނަވާފައެވެ.

ސަލްމާން ރަސްގެފާނަށް އާލާސްކަންފުޅެއް ޖެހިވަޑައިގަތްކަން އެ ގައުމުން އިއުލާން ކުރުމުން ގިނަ ގައުމުތަކުގެ ލީޑަރުން ދަނީ ރަސްގެފާނަށް އަވަސް ޝިފާއެއް ދެއްވުން އެދި ހަމްދަރުދީގެ މެސެޖުތައް ފޮނުވަމުންނެވެ. އެގޮތުން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީވެސް އިއްޔެ ވަނީ ރަސްގެފާނަށް ހެޔޮދުއާކޮށް މެސެޖު ފޮނުވައްވާފައެވެ

އުމުރުން 88 އަހަރުގެ ސަލްމާން ރަސްގެފާނަށް ފުއްޕާމޭގެ އާލާސްކަންފުޅު ޖެހިވަޑައިގެންނެވިކަން ދެނެގަނެވުނީ ގަދަޔަށް ހުން އައިސް ހުޅުތަކުގައި ރިއްސަން ފެށުމުން ސިއްހީ ހާލަތު ދެނެގަތުމަށް ޓެސްޓުތަކެއް ހެއްދެވުމުންނެވެ. ފުއްޕާމޭގެ އާލާސްކަންފުޅަށް ސަލްމާން ރަސްގެފާން ފަރުވާ ހޯއްދަވާނީ ވެރިރަށް ޖިއްދާގައި ހުންނަ އަލްސަލާމް ގަނޑުވަރުގައެވެ.

ރަސްގެފާނު ސަލްމާން ދަނީ އެމަނިކުފާނުގެ ފުއްޕާމޭ ދުޅަވުމާ ގުޅިގެން އެންޓިބަޔޮޓިކްސް ހިމެނޭ ތެރަޕީ ޕްރޮގްރާމެއް ނަންގަވަމުންނެވެ.

ދެހާސް ވިހި ވަނަ އަހަރު ސަލްމާން ރަސްގެފާނު ވަނީ ގޯލްބްލެޑާ ރިމޫވަލް ސާޖަރީއެއް ވެސް ހައްދަވައިފައެވެ.

ކެބިނެޓް ޖަލްސާއެއްގައި ވަލީއަހުދު ވިދާޅުވީ ފަރުވާ ހޯއްދެވުމަށްފަހު މިހާރު ސަލްމާން ރަސްގެފާނުގެ ހާލުކޮޅު މިހާރު ރަނގަޅުވަމުން އަންނަ ކަމަށާއި ރަސްގެފާނުގެ ސިއްހަތާ ބެހޭގޮތުން ކަންބޮޑުވުންފާޅުކުރި އެންމެންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.