ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ރަފާހަށް ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އަމުރު ކުރުމުން ރައީސް، ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

ނިރުބަވެރި އިސްރާއީލުން މިމަހުގެ 7 ވަނަ ދުވަހު ރަފާހަށް ވަދެގަނެ، ހަމަލާތައް ދޭން ފެށުމާއި އެކީ ދެކުނު އެފްރިކާއިން ދުނިޔޭގެ ކޯޓަށް ހުށަހެޅި ކުއްލި މައްސަލައިގައި މިއަދު އެކޯޓުން ވަނީ ނިރުބަވެރި ރަފާހަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް އަމުރުކޮށްފައެވެ.

އެކަމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އިސްރާއީލުން ދުނިޔޭގެ ކޯޓުގެ ހުކުމަށް މިވަގުތުން ފެށިގެން ތަބާވާން ޖެހޭނެ ކަމަށާއި ރަފަހް ގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި އަމަލުތައް ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި އެމީހުންގެ އަތްދަށުގައިވާ ރާފާހުގެ ބޯޑަރު ހުޅުވައި، ރަފާހަށް އެހީ ވެއްދޭނެ މަގު ވެސް ނިރުބަވެރިން ފަހިކޮށްދޭން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދުނިޔޭގެ ކޯޓުގެ މި ހުކުމަކީ ސުލްހައިގެ މިސްރާބަށް ނެގުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

އަދި ރާއްޖޭން ގަބޫލު ކުރާ ގޮތުގައި ދާއިމީ ހައްލަށް އޮތް ހަމައެކަނި މަގަކީ 1967 ގެ ކުރީގެ ބޯޑަރުތަކަށް ބިނާކޮށް، އިރުމަތީ ގުދުސް ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ފަލަސްތީނުގެ މިނިވަން އަދި މުސްތަގިއްލު ދައުލަތެއް ގާއިމު ކުރުން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ ކޯޓުން ކުރި އަމުރުގައި ބުނެފައިވަނީ ރަފާހުގެ ހާލަތު ވަރަށް ގޯސްވެފައިވާ ކަމަށާއި އިސްރާއީލުން ރަފާހުގެ އިތުރުން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭ ކަމުގެ ހެއްކެއް ވެސް ނެތް ކަމަށެވެ. އަދި ރަފާހުގެ މީހުން ބޭރު ކުރުމަށް ކުރަމުން އަންނަ މަސައްކަތަކީ އެކަށީގެންވާ ކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަރަފަކައްދަ

    ދުނިޔޭގެ ކޯޓުން މިވަރުގެ ބޮޑު ކަމެއް ނިންމުމުން މި ދަޢުލަތުން އިޒްރޭލު ރައްޔިތުން ރާއްޖެއަށް ނާދެވޭނެ ގޮތައް އެވެރިންގެ ޕާސްޕޯރޓް ބޭން ކުރަން މި ނުކެރިގެން އުލެނީ ކީއްވެގެންބާ! ދަޢުލަތުގެ ސަޕޯރޓް އިޒްރޭލަށް އޮތީބާ! ކޮބާތޯ ރާއްޖޭގައި ތިބި އިލްމީ ސޭޙުންތައް. މިކަމުގައި ބަހެއް ނުބުނެ ތިޔަ ތިބީ އެ ދަޢުލަތުން މިބައި މީހުނަށް ލިބޭ ބައި ބޮޑު ވެގެންތޯ އޭ ވެސް ހިތައް އަރާ!