ސަރުކާރުގެ ވިސްނުމަކީ އަންހެން ވިޔަފާރިވެރިންނަށް 6.5 މިލިއަން ޑޮލަރުގެ ލޯނު ފެސިލިޓީއެއް ތައާރަފްކޮށް، ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް އޭގެ ތެރެއިން 25 އިންސައްތަ ކަނޑައެޅުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އިއްޔެ ހަވީރު އެންޓީގާ އެންޑް ބާބިޔުޑާގައި ބޭއްވި ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް (ޖީބީއެން) ފޯރަމް 2024ގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި، އެމަނިކުފާނުވަނީ މުހިންމު ތިން ކަމެއްގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން އެންމެ ކުދި، ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކާއި، ޒުވާން ވިޔަފާރިވެރިން ކުރިއަރުވައި، އިންވެސްޓްމަންޓްތަކަށް މަގުފަހި ކޮށްދޭން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއަދު މުޅި ދުނިޔޭގައި ވެސް، ތިމާވެށީގެ ކަންކަން ލަފާކުރަން ނޭނގޭ މިންވަރަށް ހަލުވިކަމާއެކު ބަދަލުވަމުން ދާއިރު، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ނިސްބަތްވާ އަމިއްލަ ވިޔަފާރިތަކަށް ކުރިއަށްވުރެ ވެސް ބޮޑަށް އެހީތެރިކަމާއި އެއްބާރުލުން ބޭނުންވޭ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، ދިވެހި ސަރުކާރުގެ ވިސްނުމަކީ އަންހެން ވިޔަފާރިވެރިންނަށް 6.5 މިލިއަން ޑޮލަރުގެ ލޯނު ފެސިލިޓީއެއް ތައާރަފްކޮށް، ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް އޭގެ ތެރެއިން 25 އިންސައްތަ ކަނޑައެޅުމެވެ.

ރައްޔިތުންގެ މެދުގައި ތަފާތުކުރުމެއްނެތި، އެންމެން ޝާމިލްކުރުމަށާއި ބާރުވެރިކުރުވުމަށް އިސްކަން ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި އުމްރާނީ ތަރައްގީއިން ފެށިގެން ކާރިސާތަކުގެ ހިރާސް ކުޑަކުރުމާ ހަމައަށް ވެސް، ދެ ފަރާތުން ގުޅިގެން، އެއް އަމާޒަކަށް ވާސިލްވުމަށް، ބަދަހިކަމާއެކު މަސައްކަތްކުރުމަށް މަގުފަހި ކޮށްދޭން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ. ހާއްސަކޮށަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ކަހަލަ، ޖިއޮގްރަފީގެ ގޮތުން ދުރުމިނުގައި ރަށްތައް އުފެދިފައި ހުރި ގައުމުތަކަށް އެކަން ވަރަށް މުހިންމު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ދެ ފަރާތުގެ މެދުގައި ގުޅުން ގާއިމުކޮށް ތަޖުރިބާ ހިއްސާކުރެވޭނެ މަގުފަހިކޮށްދިނުން މުހިއްމު. އެއްވެސް ބައެއްގެ އުޖާލާ އަދި އުންމީދީ މުސްތަގުބަލަށް އެޅޭ ހުރަހަކަށް، މާލީ އެހީތެރިކަން ލިބުމުގެ ދަތިކަން ވިޔަނުދިނުމަށް، ބޭންކުތަކަށާއި ބައިނަލްއަޤްވާމީ އިދާރާތަކަށާއި އެހެނިހެން މާލީ އިދާރާތަކަށް ގޮވާލަން." ރައީސް ވިދާޅުވިއެވެ.

އެގޮތުން، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ނިސްބަތްވާ އަމިއްލަ ވިޔަފާރިތަކާއި ކުދި ވިޔަފާރިތަކުގެ ބޭނުންތަކަށް ވިސްނައިގެން މިހާރަށްވުރެ ފަސޭހަ، އަގުހެޔޮ، އަދި އެކަށޭނެ ގޮތަކަށް ކަންކަން ކުރުމަށް ރާވައި އިސްކަންދީގެން، ޒިންމާދާރުކަމާއި ދުރުވިސްނުމާއެކު މާލީ އެހީތެރިކަމުގެ ދޮރުތައް ހުޅުވާލުމަށް ވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވައިލެއްވީ، އެންޓީގާ އެންޑް ބާބިޔުޑާގެ އެޖެންޑާ ހާޞިލްކުރެވޭނީ، ސިޑްސްގެ ޤައުމުތަކުގެ ސަރުކާރުތަކުން އަމިއްލަ ވިޔާފާރިވެރިންނާއި ގުޅިގެން މަސައްކަތްކޮށް، އެންމެން ޝާމިލުވާގޮތަށް އުޖާލާ މުސްތަޤުބަލެއް ހޯދައިދިނުމަށް ކުރާ ވިލުންތެރި މަސައްކަތުގައި ވެސް އަމިއްލަ ވިޔަފާރަވެރިން ކުރިއަށް ނެރެގެންކަން ފާހަކުރައްވަމުންނެވެ.

އަންހެނުންނާއި ޒުވާނުންނަށް އިސްކަންދޭ ގޮތަށް "ދަނޑުވެރި މަންފާ" ގްރާންޓް ސްކީމް އިއުލާން ކޮށްފި

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސުލް

    މިތާގަ އަންހެން ވިޔަފާރިވެރިން އުޅޭތޯ.؟ މިތާގަ އަންހެން ވިޔަފާރި އޮބައޮތް. ވިޔަފާރިވެރިންނެއް އެކަމަކު ނެތް.

  2. ޒާ

    ޤާނޫނު އަސާސީގެ 20 ވަނަ މާއްދާގައި އެބުނާ ގޮތަށްތޯ ކަންތައް ތިކުރައްވަނީ؟

  3. ޢަބްދުﷲ

    ކޮބާތޯ ފިރިހެންވެރިންގެ ޙައްގު... އަޖައިބެއް... ތަފާތު ކުރުން ހުއްޓާލާފައި، ވިޔަފާރި ކުރާކަމުގައި ވާނަމަ އަންހެނެއް ވިޔަސް ފިރިހެނެއް ވިޔަސް ތަފާތު ނުކުރުން ރަނގަޅުވާނީ.

  4. ޖޖޖޖޖ

    ހަމަ ހަމަ ވުމަކީ މީ ތޯ؟؟؟؟

  5. ޙުސައިން

    ޢަންހެން ވިޔަފާރި ވެރިންނަށް ހާއްސަކުރީމަ އެއީ ތަފާތު ކުރުމެއް ނޫންތޯ؟