ވަގުތަށް އިންޓަވިއު ދެއްވަނީ-- ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް

ރައްޔިތުން މާޔޫސް ނުވުމަށާއި މިފަހަރުގެ 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ނަމޫނާ މަޖިލީހަކަށްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގައި ރައީސްކަމަށް ވަޑައިގަންނަވާނެ ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަދި ނައިބް ރައީސް ކަމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ނާޒިމް އިންތިހާބުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހުށަހަޅުއްވާފައެވެ. އަދި އެ ހުށަހެޅުން ވަނީ ޕީޕީއެމް/ޕީއެންސީން ފާސްވެފައެވެ.

"ވަގުތަށް"އިއްޔެ ދެއްވި "އެކްސްކްލޫސިވް އިންޓަވިއުގައި" އަދުރޭ ވިދާޅުވީ މިހާ ބޮޑު މައްސޫލިއްޔަތެއް ހަވާލުކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ވަރަށް ބޮޑަށް އިތުބާރު ކުރައްވާތީ ކަމަށެވެ.

އަދި އެ ދެބޭފުޅުންގެ ނަންފުޅު ހުށަހެޅުއްވީ ރައީސް ބޭނުންފުޅުވާ އަމާޒަށް ދެމީހުންނަށް މަސައްކަތް ކުރެއްވޭނެ ކަމުގެ ޔަޤީންކަން ރައީސަށް އޮތުމުން ކަމަށް ޤަބޫލުފުޅު ކުރެއްވޭތީ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

ރައީސް އަދުރޭއާ ބައްދަލުކުރައްވާ އެދިވަޑައިގެންނެވީ މިފަހަރުގެ މަޖިލީހަކީ ނަމޫނާ މަޖިލީހަކަށްވުމަށް ކަމަށާއި މަސައްކަތް ބައްޓަން ކުރައްވާނީ ވެސް އެގޮތަށް ކަމަށް އަދުރޭ ވިދާޅުވިއެވެ.

20 ވަނަ މަޖިލިސް ފެނިގެންދާނީ ތަފާތު މަޖިލީހެއްގެ ގޮތަށް ކަމަށާއި ރައްޔިތުން ބޭނުންވާ ގޮތަށް މަޖިލިސް ބައްޓަން ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

 

ރައްޔިތުން މަޖިލީހާއި މެދު ދެކޭގޮތް ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށާއި މިފަހަރުގެ މަޖިލީހުގެ މައިގަނޑު އަމާޒަކަށްވާނީ ރައްޔިތުންގެ އިތުބާރު ހޯދުންކަން އަދުރޭ ފާހަގަކުރެއްވިއެވެ. އަދި މިހާރު އޮތް ހާލަތުން އަރައިގަތުމަށް ރައީސަށް ފުރިހަމަ އެއްބާރުލުން ދެއްވާ ޤާނޫނުތަކަށް ބަދަލު ކުރުމާއި ޤާނޫނުތައް ފާސްކުރުމާއި ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މިދިޔަ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ދިނުމުން ވެސް އެތެރޭގެ ހިޔާލުތަފާތުވުންތައް އުފެދި އެމީހުން އިސްކުރީ ރައްޔިތުންގެ މަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތު ކަމަށެވެ. ޕީއެންސީގެ މަޖިލިސް މެމްބަރުންގެ މެދުގައި އެއްވެސް ކަހަލަ ހިޔާލުތަފާތުވުންތަކެއް ނެތް ކަމަށާއި ހުރިހާ މެމްބަރުން ވެސް ތިއްބެވީ އެއް ރޫހެއްގައި އެއް އަޒުމެއްގައި މަސައްކަތް ކުރެއްވުމަށް ކަމަށް އަދުރޭ ވިދާޅުވިއެވެ.

ރައްޔިތުން އެބޭފުޅުންނާއި މަތި ކުރެއްވި އަމާނާތް ފޯރުކޮށްދެއްވާނެ ކަމަށާއި އެ މަސައްކަތް ކުރެވޭނެކަމުގެ 100 ޕަސަންޓް ޔަޤީންކަން އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވަގުތަށް އިންޓަވިއު ދެއްވަނީ-- ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް

"މިދިޔަ ސަރުކާރަށް ރައްޔިތުން 65 ގޮނޑި މަޖިލީހުން ދެއްވި އެހެންނަމަވެސް އެބޭފުޅުންގެ ތެރޭގައި އުފެދުނީ ދެކޮޅުވެރިކަން، ދެކޮޅުވެރިކަން އުފެދިގެން އެމްޑީޕީ ދެބައިވީ، އެބޭފުޅުން އިސްކުރެއްވީ ރައްޔިތުންގެ މަސްލަހަތަށްވުރެން އަމިއްލަ މަސްލަހަތު އެހެންވެ ރައްޔިތުން ބޭނުންވާ ނަތީޖާ ނުނެރެވުނީ. އަޅުގަނޑުމެންގެ ތެރޭގައި ނެތް އެކަހަލަ އެއްވެސް ހިޔާލުތަފާތުވުންތަކެއް. އަޅުގަނޑުމެން އެންމެން މިތިބީ ހަމަ އެއްރޫހެއްގައި އެއް ފިކުރެއްގައި. އަޅުގަނޑުމެންނަށް ޔަޤީންކަން އެބައޮތް ރައްޔިތުން އަޅުގަނޑުމެންނާއި މަތިކުރި އަމާނާތް ފޯރުކޮށްދެވޭނެކަމަށް، އެ މަސައްކަތް ކުރެވޭނެކަމުގެ 100 ޕަސަންޓް ޔަޤީންކަން އެބައޮތް،". އަދުރޭ ވިދާޅުވިއެވެ.

އެއް ޕާޓީއަކަށް 80 ވަރަކަށް ގޮނޑި ލިބުނަސް ދެ ބާރު އެއްވާ ކަމެއް ނޫން ކަމަށާއި ޤައުމަށް ހަމަޖެހުން އަންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ. ރައްޔިތުން މިހާތަނަށް ދެކެން ބޭނުންވި މަޖިލިސް ނުފެންނަ ކަމަށާއި ނަމަވެސް މިފަހަރު އެކަން ބަދަލުވާނެ ކަމަށް ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވީ ރައީސް މުއިއްޒު ބޭފުޅުންވާ ގޮތަކީ ރައްޔިތުން ބޭނުންވާ ގޮތް ކަމަށާއި އެގޮތަށް މަސައްކަތް ބައްޓަން ކުރައްވާނެ ކަމަށެވެ.

އަހުލާޤީ ގޮތުންނާއި މަސައްކަތުގެ ގޮތުން މިފަހަރުގެ މަޖިލިސް ނަމޫނާ މަޖިލީހަކަށްވާނެކަން އަދުރޭ ވަނީ ތަކުރާރު ކުރައްވާފައެވެ.

އަދުރޭ ވިދާޅުވީ މިފަހަރު އަހުލާޤީ ގޮތުން ވެސް އަދި ނަމޫނާ ދައްކާ ރީތި މަޖިލީހަކަށް މިފަހަރުގެ މަޖިލިސްވާނެ ކަމަށާއި މެމްބަރުން ތިއްބެވީ ރައީސް ބޭނުންފުޅުވާ ރޫހަށް މަޖިލިސް ބައްޓަން ކޮށްދެއްވުމަށް ތައްޔާރަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މުހައްމަދު އިދުރީސް

    މާޔޫސްނުވަންވީ ސަބަބެއްނެތް.

  2. ހިކި ކިރު

    މާޔޫސް ނުވަންވީ ކީއްވެގެންތޯއެވެ! މަނިކުފާނަކީ ތި މަޤާމަށް ކުފޫ ހަމަ ވާ ބޭފުޅެއް ނޫނޯ މި ރަށު ރައްޔިތުން ކިޔާ އަޑު އަހަނމު! މަނިކުފާނުވެސް ކޯޗެއްގެ އެހީ ހޯދުމަށްޓަކައި ތިޔަ މަޤާމު އާއި ދުރަށް ޖެހިލުން ބުއްދިވެރިވާނެ!

  3. ހަސަނުގެ ދަރި ލަތީފް

    ޜައްޔަތުން މާޔޫސް ވާނެތާ ތަޢުލީމީ މީހުން ގިނަ ޒަމާނެއްގަ ތިޔަފަދަ މީހަކަށް ރމ.ރައީސްކަން ދޭން މުއިއްޒު ނިންމީމަ . އަހުންގެ އުއްމީދު ކުރަނީ މުއިއްޒު ލަފާ ދިނަސް މިކަހަލަ ގަބުޅި ކަތީބަކު މަޖްލިސްގެ ރައީސް ކަމަށް ޕީއެންސީގެ މެމްބަރުން ވޯޓު ނުދޭނެ ކަމަށް.

  4. ބުރުމާބެ

    އަހަރުން ބަލާނަން ތިކަން. ބަލަންތިބޭތި ރައްޔިތުން. މުއީޒު ތިހިރީ އަދުރޭއަށް ރައީސްކަންދޭނަމޭކިޔާފަނެރެފަނުން. ފަހުވަގުތު މަޖިލީހުގެ މެމްބަރުން އަދުރޭއަކަށް ޖަހާލާނީ ނޯ. ދެން އެއީ މުއީޒުކުރާނެކަމެއްނޫންތާ ދޯ. އެހިސާބުން ދެ ގެރި ތޮޅެންފަށައިގަންނާނީ. . . . މަ މިހުރީބަލަން. ހެ ެހެ ެެ

    1
    0
  5. ާއަހު

    ފ އަތޮޅު ބިލެއްދޫ ދާއިރާ އަށް ހޮވުނު ބޭފުޅާއަށް ބަލާލީމަވެސް އެގޭ މިފަހަރު ނަމޫނާ ވަަނެކަން. ޖާބެ ނެތްތަން ފުރާނެ އެބޭޅާ.

  6. ނަތަންޔާހޫ

    ދިވެހި ތާރީޙް ގަވެސް ކަންކަމަށް ނާގާބިލު މީހުން ސަރުކާރުގެ އިސް މަޤާމު ތަކުގައި ތިބޭ ސަރުކާރަކީ މި ސަރުކާރު ކަމަށް ދިވެހި ތާރީޙް ލިއުއްވާ ބޭބޭފުޅުންގެ ހުދާއި ، ކަޅުގެ ދެލި އަންނަ ގަލަން ތަކުން ލިއެވިގެން ދާނެ ކަމާއި މެދަކު މި ނިކަމެތި އަލާ އެއްވެސް ޝައްކެތް ނުކުރަނމު!