20 ވަނަ ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ އުދާސްތަކާއި ޝަކުވާތައް އަޑު އައްސަވާ، ބަދަހި ގުޅުމެއް ބާއްވާނެ ކަމަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ރައީސްކަމަށް ވަޑައިގަންނަވާނެ ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

"ވަގުތަށް" އިއްޔެ ދެއްވި "އެކްސްކްލޫސިވް އިންޓަވިއުގައި" އަދުރޭ ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި މެމްބަރުން އަޑުގަދަކޮށް، އަހުލާޤީ ފެންވަރު ދަށް އަމަލުތައް މިފަހަރުގެ މަޖިލީހުން ފެނިގެން ނުދާނެ ކަމަށެވެ. މީގެ ކުރިން މަޖިލީހުގެ އިސްވެރިންނާއި މެމްބަރުންނާއި އޮންނަ ގުޅުން ނޯންނަ ކަމަށާއި އެ މެމްބަރުންގެ އުދާސްތައް އަޑުއަހާނެ ބަޔަކު ނެތް ކަމަށް ވިދާޅުވިއެވެ.

އެގޮތަށް ކަންތައްތައް ދިމާވުމުން މެމްބަރުންގެ އުދާސްތައް ބޭރުކުރަން އޭރު ބޭނުންކުރީ މަޖިލީހުގެ ތަޅުން ކަމަށް އަދުރޭ ފާހަގަކުރެއްވިއެވެ. މިފަހަރުގެ މަޖިލީހުގައި މެމްބަރުންގެ ވާހަކަތައް އަޑުއަހާނެ ކަމަށާއި އެއީ ސަރުކާރު ހިންގާ ޕާޓީގެ މެމްބަރުންތޯ ނުވަތަ އިދިކޮޅު މެމްބަރެއްތޯ ނުބައްލަވާނެ ކަމަށް ވިދާޅުވިއެވެ. އަދި ހުރިހާ މެމްބަރުން ވެސް ހަމަހަމަވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"10 އަހަރު މަޖިލީހުގައި މަސައްކަތް ކުރިން، މަޖިލިސް މެމްބަރުންގެ އުދާސްތަކާއި މަޖިލިސް ހިނގަމުން އަންނަނީ ކިހިނެއްކަން ވަރަށް ރަނގަޅަށް އެނގޭ. އެކަންކަން ކޮންޓްރޯލް ކުރެވޭނެ ގޮތާއި ހައްލު ކުރެވޭނެ ގޮތް ވަރަށް ރަނގަޅަށް އެނގޭ. މީގެ އެންމެ މުހިންމު ކަމަކީ މެމްބަރުންނާއި އޮންނަޖެހޭ ގާތް ގުޅުން ބޭއްވުން. މެމްބަރުންގެ އުދާސްތަކުގެ އަޑު އަހާ ވަގުތުދީ، ކަންކަމަށް ހައްލު ހޯދައިދިނުން. ޕާޓީގެ ރައީސާއި ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރުންނާއި އޮންނަ ގުޅުން ރަނގަޅުވުން މުހިންމު. މިފަހަރުގެ މަޖިލީހުގައި މެމްބަރުންގެ ވާހަކަތައް އަޑުއަހާނެ. އިދިކޮޅު ބޭފުޅުންގެ ހިޔާލުތަފާތު ވިޔަސް އެއީ އެބޭފުޅުންނާއި މެދު ގުޅުން ނޯންނަންވީ ސަބަބެއް ނޫން. އިދިކޮޅުގައި ތިބި ބޭފުޅުންނާއެކު ވެސް މަސައްކަތްކޮށްގެން ހުރިހާ އެންމެންނާއެކު ވެސް މަސައްކަތްކޮށް ވަރަށް ބަދަހި ގުޅުމެއްގެ ތެރެއިން މަސައްކަތް ކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް،". އަދުރޭ ވިދާޅުވިއެވެ.

20 ވަނަ މަޖިލީހުގައި ކޯރަމް ހަމަނުވެގެން ޖަލްސާއެއް ކެންސަލްވާ މަންޒަރު ނުފެންނާނެ ކަމަށާއި އެކަން ވިޔަނުދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވަނީ މަޖިލީހުގެ ހުރިހާ މެމްބަރުން ވެސް އެންމެ ފުރަތަމަ ގައުމާއި ރައްޔިތުން އިސް ކުރައްވައި މަޖިލިސް ނަމޫނާ މަޖިލީހަކަށް ހެއްދެވުމުގައި މެމްބަރުން ދެއްވަން ޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފައެވެ. މެމްބަރުންގެ އަމިއްލަ ކަންކަން ނުނެރުއްވައި މުޅި ގައުމުގެ ލާބަ އާއި މަންފާއަށް މަސައްކަތްކޮށް ދެއްވުމަށް ވެސް އަބްދުއްރަހީމް ވަނީ އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙޖ

    މަޖިލިސް ގެ ރައީސް ދޫފުޅުން ވިދާޅުވާ އައުގުރާނަ އަޑުއައްސަވަން ހުރިހާ ރައްޔިތުން އާއިލާ އާވަކިންފަޅުރައް ތަކައް

  2. ދަތްނެތްކުއްޖާ

    މުޢީޒު ބުނާނެ. ތަޢުލީމީ ޤާބިލު މީހުންނޭ އިސް މަޤާމު ތަކުގައި ތިމަންނަގެ ވެރިކަމެއްގަ ތިބޭނީ! މިއީތޯ އެބުނާ ތަޢުލީމީ ޤާބިލު މީހުންނަކީ!

  3. ފުރުސަތު

    ސާބަހޭ މަނިކްފާން. ދެން އުޅުއްވަންވާނީ އަދި ބުނުއްވަންވެސް ވާނީ ވަރަށް ހިކުމަތްތެރިކޮށް. އުންމީދު އެބައޮތް މަނިކްފާނަށް.

  4. ބަރުގޮނު

    18 ވަނަ މަޖްލިސްގެ ކޮމެޓީ ބައްދަލުވުން ތަކުގައި އަދުރޭ ގެންގުޅުއްވި "ބޮޑުފޮތް" އަވަހަށް ނެއްތާލައްވާ. ވާހަކާގެ ފޯރީގައި އެފޮތުގެ ލަފްޒެއް ބޭނުންކުރައްވައިފިނަމަ ބޮޑު ވެއްޓުމަކުން އަގު ވެއްޓޭނެ.