ވިހި ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސަކަށް ފޮނަދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު އިންތިހާބުކޮށްފިއެވެ.

މަޖިލިހުގެ ޖަލްސާގައި އަބްދުއްރަހީމް، މަޖިލިހުގެ ރައީސް ކަމަށް އިންތިހާބުވީ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ނާޒިލްއާ ވާދަކުރައްވައިގެންނެވެ.

މަޖިލިހުގެ މެމްބަރުންގެ މެދުގައި ނެގި ސިއްރު ވޯޓުގައި އަބްދުއްރަހީމަށް ލިބިވަޑައިގެންނެވީ 71 ވޯޓެވެ. ނާޒިލް އަށް 14 ވޯޓު ލިބިވަޑައިގެންނެވިއިރު، ބާތިލް ވޯޓުގެ ގޮތުގައި ހަތް ވޯޓު ވަނީ ކަނޑައަޅައިފައެވެ. މި ވޯޓުގައި ޖުމްލަ ބައިވެރިވެވަޑައިގެންފައި ވަނީ 92 މެމްބަރުންނެވެ. ރިޔާސަތުގައި އިންނެވި މީދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު މި ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. އެމަނިކުފާނަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވޭނީ ވޯޓު އެއްވަރުވާ ހާލަތުގައި އެކަންޏެވެ.

މަޖިލިހުގެ ޕީއެންސީގެ މެމްބަރުން ހިންގަވާފައި މިއަދު މަޖިލިހަށް ވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް

މަޖިލިހުގެ ރައީސް ކަމަށް އަބްދުއްރަހީމްގެ ނަން ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު ނާޒިމެވެ. އެ ނަމަށް ތާއީދު ކުރެއްވީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހެވެ. މަޖިލިހުގެ ރައީސް ކަމަށް ނާޒިލްގެ ނަން ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓެ) އެވެ. އެ ނަމަށް ތާއީދު ކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.

މި ވޯޓުގެ ކަންކަން ކުރިއަށް ގެންދިޔައީ ފަސް މެމްބަރުންގެ ކޮމިޓީއަކުންނެވެ. މި ކޮމިޓީގައި ތިއްބެވީ ޕީއެންސީގެ ފަރާތުން ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އާއި އެމްޑީޕީގެ ފަރާތުން ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ އާއި ޖުމްހޫރީ ޕާޓީގެ ފަރާތުން މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި އެމްއެންޕީގެ ފަރާތުން މާފަންނު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި އެމްޑީއޭގެ ފަރާތުން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސްއެވެ.

އަބްދުއްރަހީމަކީ ކާކު؟

ރާއްޖޭގައި މިވަގުތު ތިއްބެވި ސިޔާސީ ލީޑަރުންގެ ތެރެއިން އެންމެ ތަޖުރިބާކާރު، ޝަހްސިއްޔަތުންގެ ލިސްޓެއް ހަދައިފި ނަމަ، އެ ލިސްޓުގެ އެންމެ ކުރީކޮޅުން ޖާގަ ހޯއްދަވާނެ އެއް ބޭފުޅަކަށް ވާނީ އަބްދުއްރަހީމެވެ. ވާހަކަ ދެއްކެވުމުގައި ހުރި ފަށުވި ކަމުން އޭނާއަކީ ސިޔާސީ ޕޯޑިއަމްތަކުގައި ކުޅަދާނަ ކަމާއެކުގައި ވާހަކަ ދައްކަވާ ބޭފުޅެކެވެ. މޮޅު ޅެންވެރިއެއްގެ ގޮތުގައި ވެސް ފާހަގަ ކުރެވިފައިވާ އަބްދުއްރަހީމް މީގެކުރިން ވަނީ ވަރަށް ގިނަ ގައުމީ ލަވަތަކާއި އެ ނޫން ވެސް ލަވަތައް ހައްދަވައިފައެވެ.

އަބްދުއްރަހީމް ސިޔާސީ މައިދާނާ ގުޅިވަޑައިގެންނެވީ 1990 ގެ އަހަރުތަކުގެ ކުރީކޮޅެވެ. އޭރުގައި އޭނާ ތާއީދު ކުރެއްވި ސިޔާސީ ލީޑަރަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. އަބްދުއްރަހީމް ސިޔާސީ ދާއިރާ އަށް ނެރެދެއްވި ބޭފުޅަކީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ. އަބްދުއްރަހީމާއި ނާޒިމަކީ ފެށުނީއްސުރެ ވަރަށް ގާތް ރަހްމަތްތެރިންނެވެ. އެ ދުވަސްވަރު ނާޒިމަކީ ނަމިރާ އިންޖިނިއަރިން އެންޑް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑު ނަމުގައި ކުންފުންޏެއް ހައްދަވައިގެން ރާއްޖޭގެ ރަށްރަށުގައި ކަރަންޓުލުމުގެ މަސައްކަތުގައި އުޅުއްވި ބޭފުޅެކެވެ. ލ. ފޮނަދޫގައި ވެސް އެ މަސައްކަތްކޮށް ދެއްވީ ނާޒިމްގެ ކުންފުނިންނެވެ. އެ ދުވަސްވަރުން ފެށިގެން އަބްދުއްރަހީމާއި ނާޒިމްގެ ގުޅުން އޮތީ ވަރަށް ބޮޑަށް ބަދަހިވެފައެވެ.

އަބްދުއްރަހީމާއި ނާޒިމް ޕީއެންސީ އޮފީހުގައި "ވަގުތަށް" އިންޓަވިއު ދެއްވަނީ. --- ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް

އަބްދުއްރަހީމް އެންމެ ފުރަތަމަ ސޮއިކުރެއްވި ސިޔާސީ ޕާޓީއަކީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)އެވެ. އޭގެ ފަހުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އާ ގުޅުން ބަދަހިވެ، ޑީއާރުޕީން ވަކިވެވަޑައިގަތުމަށް ފަހުގައި ޔާމީން އާއި ނާޒިމް އާ އެކުގައި ޕީޕަލްސް އެލަޔަންސް (ޕީއޭ) ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވިއެވެ. އަބްދުއްރަހީމްގެ ސިޔާސީ ހަޔާތުގައި އެންމެ ފުރަތަމަ ކުރިމަތިލެއްވީ 17 ވަނަ މަޖިލިހުގައި ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ކަމާއެވެ. އެ އިންތިހާބު އަބްދުއްރަހީމް ކާމިޔާބު ކުރެއްވި އިރު، ޖެހިގެން އައި 18 ވަނަ މަޖިލިހުގެ އިންތިހާބު ވެސް ކާމިޔާބު ކުރައްވައި އޭނާ ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތެވެ. އެކަމަކު، 19 ވަނަ މަޖިލިހުގައި އަބްދުއްރަހީމް ފޮނަދޫ ދާއިރާ އަށް ކުރިމަތިލެއްވި ނަމަވެސް އެ ދާއިރާގެ ގޮނޑި ދިފާއު ކުރެއްވޭ ގޮތެއް ނުވިއެވެ.

އަބްދުއްރަހީމް ވަނީ ބައެއް ސިޔާސީ ޕާޓީތަކުގައި ރައީސް ކަމާއި ނައިބު ރައީސްކަން ވެސް ކުރައްވައިފައެވެ. އޭނާ އެންމެ ބޮޑަށް ފާހަގަ ކުރެއްވުނީ ރައީސް ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމަކާ ގުޅިގެން ޕީޕީއެމް/ޕީއެންސީގެ އެންމެ އިސް ލީޑަރުގެ ހައިސިއްޔަތުން ވޭތުވެދިޔަ އަހަރުތަކުގައި ކުރެއްވި މަސައްކަތެވެ. އޭރުގައި ޔާމީން ހުންނެވީ ޕީޕީއެމްގެ ރައީސްގެ މަގާމުގައެވެ. އަބްދުއްރަހީމް ހުންނެވީ ޕީއެންސީގެ ރައީސްގެ މަގާމުގައެވެ. އެކަމަކު، އަބްދުއްރަހީމަކީ މިހާރު ޕީއެންސީގެ ޗެއާޕާސަނެވެ.

އަބްދުއްރަހީމް "ވަގުތަށް" އިންޓަވިއު ދެއްވަނީ-- ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް

ޕީޕީއެމް/ޕީއެންސީން ވޭތުވެދިޔަ ފަސް އަހަރު ދުވަހު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް އިރު، ކުރި އިހުތިޖާޖުތަކާއި ބޭއްވި ޖަލްސާތައް ލީޑް ކުރެއްވީ އަބްދުއްރަހީމެވެ. ޔާމީން ޖަލުގައި އޮންނެވި ދުވަސްތަކާ ގުޅިގެން އެމަނިކުފާނުގެ ހައްގުގައި ކުރި ބައެއް މުޒާހަރާތަކާ ގުޅިގެން އަބްދުއްރަހީމް ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔައެވެ. ނަމަވެސް އެފަދަ މައްސަލައަކާ ގުޅިގެން އޭނާގެ މައްޗަށް ދައުވާކޮށް ޝަރީއަތެއް ހިންގާފައެއް ނުވެއެވެ.

ޒަމާންވީ މި ދެ އެކުވެރިން މަޖިލީހުގައި %100 ދޭން ތައްޔާރު!

އަބްދުއްރަހީމްގެ ހަޔާތުގައި "ކަޅު" ދުވަސްތަކެއް ތަޖުރިބާ ކުރައްވަން ޖެހިވަޑައިގަތެވެ. އެއީ އެސްޓީއޯގެ މެނޭޖަރު ކަމުގައި ހުންނެވިއިރު ފައިސާއަށް ހިޔާނާތްތެރިވިކަމަށް ޢަބްދުއްރަހީމްގެ މައްޗަށް ތުހުމަތުތަކެއް ކުރެވުމެވެ. މި ތުހުމަތާއެކުގައި އަބްދުއްރަހީމް ބ. މާޅޮހަށް އަރުވާލެވުނެވެ. އަބްދުއްރަހީމް މިނިވަންވެވަޑައިގަތީ ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން އޭރުގައި އޭނާ އަށް ރައީސުލްޖުމްހޫރިއްޔާ މާފު ދެއްވުމާ ގުޅިގެންނެވެ. އަބްދުއްރަހީމް މިއަދު ވެސް ވިދާޅުވާ އެއް ވާހަކައަކީ އެމަނިކުފާނަކީ ދިވެހި ދައުލަތަށް ހިޔާނާތްތެރިވެފައިވާނެ ބޭފުޅެއް ނޫން ކަމެވެ.

ސިޔާސީ މައިދާނުގައި 30 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ އަބްދުއްރަހީމަކީ މިއަދުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ އިތުބާރު ކުރައްވާ ބޭފުޅާއެވެ. މަޖިލިހުގެ ހުވާ ކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ރައީސް ޑރ. މުއިއްޒުގެ ހާއްސަ މުޝީރެއްގެ މަގާމުގައެވެ. އަބްދުއްރަހީމް ވަނީ އޭނާގެ ރިޔާސަތުގައި ކުރިއަށް އޮތް ފަސް އަހަރަކީ ނަތީޖާ ނެރެދޭނެ، ނަމޫނާ މަޖިލިހަކަށް ހައްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

މިދިޔަ އާދިއްތަ ދުވަހު "ވަގުތަށް" ދެއްވި އިންޓަވިއުގައި އަބްދުއްރަހީމް ފާހަގަ ކުރެއްވި ގޮތުގައި މަޖިލީހާ ދޭތެރޭގައި ރައްޔިތުން ދެކޭ ގޮތް ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. އެހެންވެ، ޕީއެންސީގެ މައިގަނޑު އަމާޒަކަށް ވާނީ މަޖިލީހަށް ރައްޔިތުން ކުރި އިތުބާރު އަނބުރާ ހޯދުމާއި ގައުމު މިހާރު އޮތް ހާލަތުން އަރައިގަތުމަށްޓަކައި މަޖިލީހުން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ރައީސް ޑރ. މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހުރި ކަންކަން ހާސިލް ކުރުމަށްޓަކައި މަޖިލީހުގެ ތެރެއިން ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ވީހާވެސް އަވަހަކަށް ގެނައުމާއި އަލަށް ގާނޫނުތައް ހެދުމާއި ސަރުކާރު ޖަވާބުދާރީ ކުރުމަކީ މަޖިލީހުން ކުރާނެ ކަންކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުން، މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ދެނީ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގައި ފަސޭހަ ކުރުމަށް ކަމަށެވެ. ރާއްޖެ އަށް ހަމަޖެހުން އަންނަން ބޭނުންވާ އިރު، ރައްޔިތުން ފުދުންތެރި ދިރިއުޅުމެއް އުޅެން އަބަދުވެސް ބޭނުންވާ ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ. ފެހި ގާނޫނުއަސާސީގެ ދަށުން މިހާތަނަށް އުފެދުނު މަޖިލިސްތަކުން ރައްޔިތުން ބޭނުންވި ކަންކަން ހާސިލް ނުކުރެވުނުއިރު، މަޖިލިސްތަކުން ފެނުނީ ރައްޔިތުން ދެކެން ބޭނުންވި މަންޒަރެއް ނޫން ކަމުގައި އޭނާ ވިދާޅުވިއެވެ. އެހެންވެ، ރައީސް ޑރ. މުއިއްޒުގެ އަމާޒަކީ އެ ބަދަލު ގެނައުން ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ރަސުން

    ބާތިލްވޯޓް 7 ؟ މަޖިލިސް މެންބަރުން ނަން ވޯޓްލާވީ
    ގޮތުގެ ޓުރޭނިން ކުލާސް އެއް ބޭއްވުންބރަގަޅު

    33
    3
  2. ބުރާނތި

    މަޖިލީހުގެ ޓީނުކޮޅު ތި ގެެއްލުނީ.

    23
    27
  3. ސަރަފަކައްދަ

    ﷲ އަކްބަރ! ރައްޔިތުންނޭވެ! ދައްކަވަން ހުރި ތަނެއް ދެއްކެވުމަށްފަހު ގައި ނޫނީ މަރު ނެގެންދަވާނެކަމަށް ވަނީ އިލްމް ވެރިން ވިދާޅު ވެފައެވެ.

    43
    4
  4. ދަތްނެތްކުއްޖާ

    ޤައުމުގެ ތަޢިލީމާ ފެންވަރު މިހިރީ ފެންނަންށެވެ. ކިއެވުމުގެ ބޭނުމެއް ނެތެވެ. ރައްޔިތުން ދަސް ކުރަންވީ ކަމަކީ އެކަކު އަނެކަކާއި ދިމާލަށް އައު ގުރުއާން ގޮވާ ޒުވާބު ކޮއް ހަޑި ހުތުރު ބަހުން މުޢާމަލާތް ކުރަންށެވެ. އޭރުން ދަޢުލަތުގެ ބޮޑެތި މަޤާމު ތަކާއި އާރާއި ބާރާއި ނުފޫޒު ފައިސާ ލިބޭނޭކަން މިހިރަ މިހިރަ ކަންކަމުން ސާބިތުވެގެން ދަނީއެވެ. އަޅުގަނޑުގެ އުއްމީދަކީ ހުރިހާ ރައްޔިތުންވެސް މިދެންނެވި މަގުން ކަންކަން ބައްޓަން ކުރާނެ ކަމަށެވެ. ވ ވެދުން.

    39
    13
    • Anonymous

      ދުނިޔެމަތީގައި ލިބޭ ބައެއް އެއްޗެއްސަކީ އާޚިރަތުގައި އޭނާގެ ހަލާކު ނުވަތަ ނަޖާވުން ކަމުގައިވެސް ވެދާނެ.
      ނިޢްމަތްތަކަށް ޙަސަދަވެރި ނުވާށޭ. އަނެކާއަށް ލިބުނު ފަދައިން ތިމާއަށްވެސް ލިބުމަަށް އެދޭށޭ.

      5
      1
    • ައަހާ

      މިގައުމުގެ ގިނަ ރައްޔިތުން މިގައުމަށް އިހްލާސްތެރިއެއްނޫން. ރައްޔިތުން މިގައުމު ހަލާކުގެ މަގަށް މިވައްޓާލީ

  5. ޢަހު

    ޢެންމެން އެކައްޗެކޭ ނުކިޔޭނެ ކަމުގެ ސާފު ހެކި ތިހުރީ ފެންނާން ފުރަތަމަ ދުވަހުވެސް

    18
    13
  6. ހަބަރު

    އަދުރޭ... ސްޕަމެޖޯރިޓީ ބޭނުންކޮށް އެމެރިކާ ބޮއިކޮޓްކުރޭ. އިޒްރޭލު ކުއްވެރިކޮށް އެމެރިކާއަށް ތާއީދުކުރުމަކީ އިޒްރޭލަށްތާއީދުކުރުން.

    23
    5
  7. ގަރަ

    ތިހަާ ގާބިލް މީހުން ތިބޭ ތަނެއް ގަވެސް ވޯޓު ބާތިލް ވޭތޯ.

    20
    3
  8. ފައިސަލް

    މައްސަލައަކީ ، މަޖުލިސް ރައީސް ބައްޕަ އިނގިރޭސިބަހުން އެއްވެސް އެއްޗެއް ބުނެލަން ނޭންގުމާއި ، އިނގިރޭސި އަކުރު ލިޔެލަންވެސް ނޭންގުމެވެ. ވަރަށް ދެރަ

    27
    19
  9. ބަދުރު

    ޚިދުމަތުގައިނެތް މެމްބަރުންނަށް ދެމުންދާ މާލީ އިނާޔަތްތަށް ހުއްޓުވައި ރައިއްޔަތުންގެ ހަޒާނާ ސަލާމަތްކުރައްވާ.

    43
    2
  10. نسيم

    އިނގިރޭސި ބަހަކީ މަގާމަކަށް މީހަކު ކުފޫ ހަމަވޭތޯ ބަލަން މުހިއްމު ބަހެއްނޫން

    41
    16
    • ކުޑަ އިނގިލި

      ތަރައްޤީ ޒަމާނެއްގައި އިނގިރޭސި ބަސް ނޭގޭ މީހަކީ މީހުން ބަލައި ގަންނާނެ މީހެއްނޫން މި ޒަމާނުގައި.

      26
      16
      • ޙަސަން

        ތީ ތަރައްޤީ ވިޔަސް ތަހުޒީބު ނުވާތީ ހީވާގޮތް

    • ޗިންޗޮން

      ޗައިނީސް، ފްރެންޗް އަދި ހިންދީބަސް ވަރަށްފަރިތަވާނެ. އެހެންވީމަ ޗަލާނެތާ!

  11. Khalid Waheed

    އަހަރެމެންމީ ދިވެހިން ދިވެހިބަހުން ވާހަކަދަށްކަން އެނގެންޏާ ނިމުނީ، ކޮންމެހެން އިނގިރޭސި ބަހުން އެއްޗެއް ބުނެ ކިޔަން އެނގޭކަށް ނުޖެހޭ.

  12. ދުންމާރި

    އިނގިރޭސި ބަސް ނޭންގުމަކީ މައްސަލައެއްނޫން އެކަމަކު ކަންކަމަށް މީހާ ކުފޫ ހަމަވާނީ އެމީހާގެ ޢިލްމާ ހިލްމު ހުރެގެން އެމީހާއަކި އަޚްލާޤު ރަނގަޅު ޚުލްގު ހެޔޮ އިސްލާމްދީނަށް ލޯބިކުރާ ދީނީ ތަޢުލީމުވެސް މުސްލިމަކަށް ބޭނުންވާ މިންވަރަށް ހާސިލްކުރީމާ އެއާ ޚިލާފަށް ފަހުޒަމާޏުގަ ފެންނަ އަލާމާތްތަލުން އަލާމާތެއް ދެއްކެވުމަށް ކުފޫ ހަމަ ނުވާ މީހުނަށް މަތީ މަޤާމުތައް ލިބުމަކީ ކުފޫހަމަވެގެން މަޤާމުތަކަށް އިސްކުރުންކަމަކަށް ނުބެލެވޭނެ އަނގަ ހަޑި ބަސްމަގު ހުތުރު ދެންވެސް ފެންނާނީ މާޒީ ތާރީޚަކީ އަނބުރާ އިޔާދަވާ އެއްޗެއްކަމަށް ވަނީ

  13. the Maldivians

    ކިތައް ކުދިން. ކިތައް އަބިން. ޢުމުރު ކޮބާ؟ އަބްދުއް ރަހީމް އަކީ ކާކު ކަން ނޭގުން

  14. 786

    ދެން ދުވަސްކޮޅަކުން ނޫސްތަކުގަ ލިޔާނީ ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ފަޟީމަތުއް ޝައިޚް ޑރ. ޢަބުދުއްރަހީމު މިގޮތަށް ލިޔެފަ ހުންނަ ޚަބަރުތައް

  15. އިސްޢާފް ސަލީމް

    އިގިރޭސިބަސް ކީއްތޯ ދިވެހިބަސް ވެސް ނުދެނެހުރި ރޯނުއެދުރަކު ، އިގިރޭސިބަހުން ކިޔާގޮތަށް ދިވެހިބަހުން ލިޔެގެންވެސް ކިޔަން ނޭގުނު ޖާހިލަކު މިރާއްޖެގެ ރައީސުލްޖުމްހޫރިއްޔާކަން ކުރިކަން މިހާރު އެކަކުވެސް ހަނދާނެއް ނެތެއްނު؟ ދެންވެސް ވާނީ ހަމަ އެހެން!!!! އެކަމަކު އަދުރޭ އެޔަށްވުރެ ރަގަޅުވާނެ! އައި ސެލިއުޓް ހިމް!!!

    8
    2
  16. އާދަނު

    އިގިރޭސި ދިވެހި އުރުދޫ ޢަރަބި ކިޔާނޭކަމެއްނެތެވެ! ހަމަގައިމުވެސް ލީޑަރޝިޕް ހުންނާނެއެވެ. އެކަން އޮތީ 2018 ން ފެށިގެން 2024 ހާ ހަމަޔަށް ސާފުކޮށް ދައްކަދީފައެވެ.

    1
    5
  17. އަހްމަދު

    ދިވެހި ރާއްޖޭ މިދާގޮތުން ތައުލީމަކީ މުހިންމު އެއްޗެއް ނޫން! ލިޔަން ކިޔަން އެނގުނީމާ ނިމުނީ! ތައުލީމަށް ކުރާޙަރަދު ކުރުން ހުއްޓާލާފައި އެދުރުގެތަށް އަޅަންވީ!

  18. އަލްޖިބްރާ

    މިރާއްޖޭގެ އެއްވެސް މަޤާމަކަށް އަންނަ މީހަކު އެއްވެސް ތަޢުލީމެއް ބޭނުން ނުވާނެ ކަން މިހާރު ސާބިތު ވެއްޖެ ! ބޭނުންވަނީ ވެރިންނަށް ސަނާ ކިއުމާއި ފިތުނަފަސާދަ އުފައްދާނެ ގޮތްތަށް އެގުމާއި ބޮޑެތި ވައްކަން ކުރަން ދަންނަ މީހުން އެކަނި ! މިވަރުގެ ޤައުމެއް ތަހުޒީބުގެ ރީތި ގޮތްތަކުގެ ތެރޭން ކުރިއަށް ދާނެ ގޮތެއް ނެތް !

  19. އައްލޫ

    ފަހުޒަމާނުގެއަލާމާތްފެށުނީތޯ؟