(ހދ. ކުޅުދުއްފުށި) އިދިކޮޅު ފަރާތްތަކުން ދައްކާނީ، ރާއްޖެއަށް އެކަށީގެން ނުވާ ފަދަ، ރާއްޖެއަށް ނުކަތާ ހުޅަނގުގެ ޑިމޮކްރަސީގެ ވާހަކަކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ، އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ، ކުޅުދުއްފުށީ އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށާއި އެރަށުގައި ތަރައްޤީކޮށްފައިވާ ފެން ބަންދުކުރާ ކާރުޚާނާ ރަސްމީކޮށް ހުޅުވުމަށް، ކުޅުދުއްފުށީ އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ރައީސް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ބޭނުންވެގެން އުޅެނީ ރާއްޖެއަށް ހުޅަނގުގެ ޑިމޮކްރެސީ ގެނައުމަށް ކަމަށާއި، އެހެން ނަމަވެސް ދިވެހިން ބޭނުންވަނީ އިސްލާމީ ހިދާޔަތުގައި ތިބެގެން ހިނގޭވަރުގެ ޑިމޮކްރަސީ އެއްކަމުގައެވެ.

"އިދިކޮޅު ފަރާތްތަކުން ދައްކާނީ ޑިމޮކްރަސީގެ ވާހަކަ. އިދިކޮޅު ފަރާތްތަކުން ވަރަށް ރީތި ޝިޔާރުތަކުން ދައްކާ ވާހަކަތަކުގެ ތެރޭގައި ހުޅަނގުގައި، އަޅުގަނޑުމެންގެ މުޖުތަމަޢަށް މުޅިން ނުކަތާ ވަރުގެ ބައެއް ކަހަލަ ކަންކަން ޑިމޮކްރަސީގެ ގޮތުގައި އެބޭފުޅުން ދައްކަވާނެ. އެ ޑިމޮކްރަސީތޯ އަޅުގަނޑުމެން ބޭނުންވަނީ ނޫނިއްޔާ އަޅުގަނޑުމެން ބޭނުންވަނީ އިސްލާމީ ހިދާޔަތުގައި ތިބެގެން އަޅުގަނޑުމެންނަށް އެޑިމޮކްރަސީއަކާ އެކީ ހިނގޭ ވަރުގެ މިނިވަންކަމެއްތޯ؟" ރައީސް ޔާމީން ވިދާޅުވިއެވެ.

ކުޅުދުއްފުށީ އެއާޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: މީސްމީޑިއާ

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، އެމަނިކުފާނު ދައްކަވާނީ ތަރައްޤީގެ ވާހަކަކަމަށާއި، ރައްޔިތުންނަށް ތަނަވަސްކަން ލިބުމަށާއި ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަވެގެން ދިއުމުގެ ވާހަކަ އެމަނިކުފާނު ދައްކަވާނެކަމުގައެވެ.

"އެއް ކަމަކީ އިދިކޮޅުން ދައްކާ ވާހަކަ. އަނެއް ކަމަކީ އަޅުގަނޑު ދައްކާ ވާހަކަ. އަޅުގަނޑު މި ދައްކަނީ ތަރައްޤީއާއި ރައްޔިތުންނަށް ތަނަވަސްކަން ލިބުމަށް ރައްޔިތުންނަށް އާމްދަނީ އިތުރުވުމާއި ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަ ވެގެން ދިއުން. މި ވާހަކައެއް އިދިކޮޅު ފަރާތްތަކުން ނުދައްކަވާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ސަރުކާރަށް ފާޑު ކިޔާނެ މިންވަރަކަށް ފާޑު ކިޔަންވީކަމަށާއި، އަދި ތަރައްޤީގެ މަޝްރޫޢުތަކަށްވެސް ފާޑުކިޔާނެ މިންވަރަކަށް ފާޑު ކިޔަންވީކަމުގައެވެ. އަދި، އެކަމުގައި އެއްވެސް ހުރަހެއް ނެތްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކުޅުދުއްފުށީ އެއާޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: މީސްމީޑިއާ

"ޑިމޮކްރަސީގައި އަޅުގަނޑުމެން ބޭނުންވާ ކަމަކީ އަޅުގަނޑުމެންގެ ޒުވާނުން ހިޔާލު ފާޅުކުރުން، ހުރިހާ އުމުރެއްގެ މީހުން ހިޔާލު ފާޅު ކުރުން. މިއަދު އަޅުގަނޑު ހުރިހާ ޒުވާނުންނަށް ދަންނަވާނަން ސަރުކާރަށް ފާޑު ކިޔާނެ ވަރަކަށް ފާޑު ކިޔާށޭ. އޭގެ މަނަލެއް ނެތް. ސަރުކާރަށް ފާޑު ކިޔާނެ ވަރަކަށް ފާޑު ކިޔަންވީ، ރައީސް ޔާމީނުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ކިޔާނެ ވަރަކަށް ފާޑު ކިޔަންވީ،" ރައީސް ވިދާޅުވިއެވެ.

ހަމައެހެންމެ، އެމަނިކުފާނު ކުރެއްވީ އެންމެ ކަމެއްކަމުގަޔާއި، އެއީ، އަބުރާ ބެހުން ހުއްޓުވުންކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެކަން ކުރެއްވީ، މުރުއްވަތްތެރިންގެ ޙައްޤުތައް ހިމާޔަތްކުރެއްވުމަށްކަމަށް ވިދާޅުވެ، ޒުވާން ޓީޗަރުގެ މިސާލު، އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ.

"ޒުވާނުންގެ އަނގަޔަކު، ޒުވާނުންގެ ދުލަކު ނުހިފަހައްޓަން. އަޅުގަނޑު ކުރީ ހަމަ އެންމެ ދެކަމެއް. ޤައުމުގެ ޙައްޤުގައި ކުރަން މަޖުބޫރިވިކަމެއް. އެއީ މުރުއްވަތްތެރިންނާއި އަބުރުވެރިންގެ އަބުރު ރައްކާތެރި ކުރުމަށްޓަކައި، އަޅުގަނޑު ކުރަން ޖެހުނު ކަމެއް. ހަމައެކަނި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އެޅިގެން މި އަންނަނީ އެއްވެސް ކަހަލަ އަސާސެއް ނެތި، އެއްވެސް ކަހަލަ ސާބިތުކަމެއް ނެތި، މީހުންގެ އަބުރާ ބެހި، މީހުންގެ އަބުރު ނަގާލާ މައްސަލައިގައި އެއަބުރުގެ ކުށް އަޅުގަނޑު ހަމައެކަނި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް ހުރަހެއް އަންނަ ކަމެއްގެ ގޮތުގައި މިއޮތީ،" ރައީސް ޔާމީން މިއަދު ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ގިނަ ބަޔަކު ބައިވެރިވިއިރު، ރައީސް ޔާމީންގެ ވާހަކަފުޅުގެ ބޮޑު ބައި ކުރިއަށް ގެންދެވީ ވިއްސާރައިގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޤައުމު

    ޤާއުމަށްޓަކަި ްޢމުގެ މިނިވަންކަމާއި ސިޔާދަތާި އރއްދީނަކަށް އޮތް އޮތުން ރައްކާތެރި ކުރައްވާ .ޔާމީނާއެކުގަި މިކަން ކުރުމުގެ ފަހިމަގާއި އިތުބާރު އެބައޮތް.
    ޚޮރިސްޓިޔަން މިޝިނަރީ ފައިސާގެ އެހީގައި އިންޑިޔާގެ މުސްލިމުންނަށް ކުރިމަތި މިވީފަދަ ގޮތެއްވިމުން ސަލާމަތްކަންދެއްވާ ކުރިބް ނުވި ރައްކަލެއް ފަހަކުން ނުވެވޭނެ. ޢަމިއްލައަށް ފޭހުނު އިލޮށި އަމިްލަ ލޮލަށް ހެރުނަ ނުދެއްވާ!ޕްލީޒް!!!!!!!!!!