މާލޭ ހުޅަނދު ދެކުނު ފަރާތުގައި ސަރުކާރުން ތަރައްޤީ ކުރަމުންދާ އިންޑަސްޓަރިއަލް ވިލެޖާއި ގުޅިފައިވާ އިއްޒުއްދީން މަގުގައި އިއްޔެ ތާރު އަޅަން ފަށައިފިއެވެ.

އިންޑަސްޓްރިއަލް ވިލެޖާއި ގުޅިފައިވާ ސަރަހައްދު ތަރައްޤީ ކުރުމުގެ މަސައްކަތާއި ގުޅިފައިވާ އިއްޒުއްދީން މަގު ތަރައްޤީ ކުރުމުގެ މަސައްކަތް މީގެ ދުވަސްތަކެއް ކުރިން ފަށާފައިވާއިރު، އެ މަގުގައި ތާރު އަޅަން ފަށާފައިވަނީ އިއްޔެއެވެ. އެ މަގުގެ ތާރު އަޅަން ހަމަޖެހިފައިވާ ސަރަހައްދުގެ މަސައްކަތް މިމަހުގެ ތެރޭގައި ނިމޭނެކަމަށް ހައުސިންގ މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

"އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން އަމީނީ މަގާ ހަމައަށް އިއްޒުއްދީން މަގު ވަރަށް ފުޅާކޮށް ރަނގަޅު ފެންވަރެއްގައި ތާރު އަޅައިގެން ތަރައްޤީ ކުރަމުންދާ މި މަގުގެ މަސައްކަތް މި މަސް (މާރިޗް) ނިމުމުގެ ކުރިން ނިމިގެންދާނެ." އިންޑަސްޓްރިއަލް ވިލެޖުގައި ވެއަރ ހައުސްތަކާއި ވޯކްޝޮޕްތައް ތަރައްޤީ ކުރުމުގެ މަސައްކަތް އެމް.ޕީއެލް އާއި ހަވާލުކުރުމަށް ހައުސިންގ މިނިސްޓްރީގައި ބޭއްވި ހާއްޞަ ރަސްމިއްޔާތުގައި މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.

އިންޑަސްޓްރިއަލް ވިލެޖުން އެމް.ޕީ.އެލް ސަރަހައްދަށް ދާން އޮންނަ ކަނެކްޓިވިޓީ ރޯޑްގެ ގޮތުގައި ބޭނުންކުރާ، އިއްޒުއްދީން މަގުގައި އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން އަމީނީ މަގާ ހަމައަށް ތާރު އަޅައިގެން ތަރައްޤީ ކުރާއިރު، އެ މަގުގެ އަމީނީ މަގުން ފެށިގެން އެމް.ޕީ.އެލްއާ ހަމައަށް ޕާކް ނުކުރެވޭ މަގަކަށް ބަދަލުކޮށް، ދެކޮޅަށް ދުއްވޭ މަގަކަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިއްޒުއްދީންމަގަކީ ޕާކް ނުކުރެވޭ މަގަކަށް ހެދުމަށް ހަމަޖެހިފައިވަނީ އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްކަށް ޕާކް ކުރުމުގައި ދިމާވާނެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެކި ތަންތަނުގައި ޕާކިން ސިސްޓަމްތަކެއް ހަރުކޮށް އިތުރު ގޮތްތަކެއް ފަހިކޮށްދިނުމަށް ފަހުގައި ކަމަށް މިނިސްޓަރ މުއިއްޒު ވިދަޅުވިއެވެ.

މީގެ އިތުރުން އިންޑަސްޓްރިއަލް ވިލެޖުގައި އެމް.ޕީ.އެލް އިން ވެސް 18 ބުރީގެ ޕާކިންގ ބިލްޑިންގ އެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި ބިލްޑިންގ ގައި އެއްފަހަރާ 300 ލޮރީ/ޕިކަޕް، 200 ކާރު އަދި 500 ސައިކަލް ޕާކް ކުރެވޭނެއެވެ.

މާލޭ އިންޑަސްޓްރިއަލް ވިލެޖް - ވަގުތު އިމޭޖަސް: އަމީން ފަހުމީ

މާލޭގެ ހުޅަނގު ދެކުނު ފަޅުތެރެއިން 6.9 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްޤީ ކުރަމުންދާ މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ލޮޖިސްޓިކް ވެއަރ ހައުސްތައް އިމާރާތްކޮށް ބެލެހެއްޓުމުގެ މަސައްކަތް 24 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް މޯލްޑިވްސް ޕޯރޓްސް ލިމިޓެޑާއި އިއްޔެ ހަވާލުކޮށްފައިވާއިރު، އިންޑަސްޓްރިއަލް ވިލެޖްގެ މަގުތައް ރަނގަޅު ފެންވަރެއްގައި ތާރު އަޅައިގެން ތަރައްޤީކޮށްފައިވާއިރު، ކަނޑު ތޮށި ލައި، އެ ސަރަހައްދާ ގުޅިފައިވާ ބޮޑުތަކުރުފާނު މަގުގެ ބައެއްގައި ތާރު އަޅައި، ފެނާއި ނަރުދަމާ ޤާއިމުރުމުގެ މަސައްކަތްތައް ނިމިފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާލޭގައި ހިންގާ ބައެއް ސިނާއީ މަސައްކަތް؛ މިސާލަކަށް ވަޑާންގެ، ފައިބަރ މަސައްކަތް، ބިއްލޫރި ކެފުން، ގަރާޖް، އަލިފާންހިފާނެ ސާމާނު ގުދަން ކުރުން އެކަހެރި ކުރުމަށް ވާހަކަ ދެކެވޭތާ ވަރަށް ޒަމާން ވެއްޖެ. އެއްވެސް ހައްލެއް ނާދެ. މިހާރު ކޮންމެވެސް ވަރަކަށް ހައްލެއް ލިބިދާނެ ކަމުގެ ކޮޅުމަތި ފެންނަނީ. ކަންކަން ހައްލުވާނީ އަބަދާއި އަބަދު ސުރުޚީ އެޅުމުގެ ބަދަލްގައި ކަންކަން ކުރުމުން.