ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އިން 9 ޖޫން 2024 ވަނަ ދުވަހު، ބިގް ފިޝް މޯލްޑިވްސް އާއި އެކު އެކުންފުނީގެ ހިންމަފުށި ކޮމްޕްލެކްސްގެ ތެރޭގައި، ކަނޑު އުޅަދުފަހަރުތަކަށް ޙިދުމަތް ދިނުމުގެ ގޮތުންް، ފިއުލް ސްޓޭޝަނެއްގެ ޙިދުމަތް ދޭން ފަށައިފިއެވެ.

އެތަން ހުޅުވުމުގެ ގޮތުން އެ ކޮމްޕްލެކްސްގައި ބޭއްވި ހަޕްލާގައި، އެފްއެސްއެމް އަދި ބިގްފިޝްގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން ހިންމަފުށި ކައުންސިލްގެ މެމްބަރުންނާއެކު ހަފްލާގެ ޝަރަފުވެރި މެހެމާނާއެއްގެ ގޮތުން، ހުރާ ދާއިރާގެ މަޖިލިސް މެމްބަރު ޑރ. އަނާރާ ނައީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ހަފްލާގައި ވާހަކަފުޅު ދައްކަވަމުން، ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިސްމާއިލް ސުހައިލް ވަނީ، ހުޅުވިގެން ދިޔަ ތެޔޮ ސްޓޭޝަނަކީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ވައުދުފުޅުތަކުގެ ތެރެއިން، ރާއްޖޭގެ ކޮންމެ އަތޮޅަކުން ވެސް މާލެއާއި އެއްއަގެއްގައި ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތުގެ ތެރެއިން ކުރެވިގެންދިޔަ ކަމެއް ކަމަށް ވިދާޅުވެފައެވެ.

ހިންމަފުށީގައި ފިއުލް ސްޓޭޝަނެއް ޤާއިމުކުރުން

އެ ސްޓޭޝަނުގެ މަސައްްކަތް ފަށައި ގަނެވިގެން ދިއުމުން ހިންމަފުއްޓަށް މަސް ކިރަން އަންނަ އޮޑިފަހަރުތަކަށް ފަސޭހައިން ތެޔޮލިބިގެންދާނެ ކަން ވެސް ފާހަގަކުރެއްވިއެވެ. ސުހައިލް ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި ހިންމަށީގައި، އެއްގަމު އުޅަނދުފަހަރުތަކަށް ތެލުގެ ހިދުމަތް ދިނުމަށް، އިތުރު ސްޓޭޝަނެއް ތަރައްގީ ކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އަދި އެފަދަ ސްޓޭޝަންތަކެއް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވެސް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށެވެ.

ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ އިތުރުން އެ ހަފްލާގައި، ހުރާ ދާއިރާގެ މަޖިލިސް މެމްބަރު ޑރ. އަނާރާ ނައީމް ވެސް ވާހަކަފުޅު ދެއްކެވިއެވެ. އޭނާގެ ވާހަކަފުޅުގައި، އެ ސްޓޭޝަނުން، އެންމެބޮޑު ފައިދާއެއްް ލިބިގެންދާނީ ރާއްޖޭގެ މަސްވެރިންނަށް ކަމަށާއި، މަސްވެރިންނާއި ގުޅިގެން އެފަރާތްތަކަށް ފަސޭހައިން ތެލުގެ ހިދުމަތް ފޯރިކޮށްދެވޭނޭ ގޮތްތަކާއިމެދު އެފަރާތްތަކާއި އެކު މަޝްވަރާކޮށް ކަންކަން ރޭއްވެވުމަށް އިލްތިމާސް ކުރެއްވިއެވެ.

މަސްވެރިކަމަކީ ދިވެހިރާއްޖޭގެ ލޭނާރު ކަމަށާއި، ރާއްޖޭގެ އިޤްތިސާދަށް އެންމެ މުހިންމު އެއް ސިނާއަތަކީ މަސްވެރިކަން ކަމަށް އޭނާ ވިދާޅުވިއެވެ. ހުރާގައި ހުޅުވިގެން ދިޔަ ސްޓޭސަން އަކީ އެރަށަށް ލިބިގެންދިޔަ ކުރިއެރުމަކާއި ވަޒީފާގެ އިތުރު ފުރުސަތުތަކެއް ކަން ވެސް ފާހަގަކުރެއްވިއެވެ.

ހުޅުވިގެންދިޔަ ތެޔޮ ސްޓޭޝަނުން މަސްވެރިންނަށް ފަހި ހަކަތަ ޕްރޮގްރާމްގެ ދަށުން ސަބްސިޑައިޒްޑް ރޭޓުގައި ތެޔޮ ލިބިގެންދާނެއެެވެ. އަދި މާލެއާއި އެއްއަގެއްގައި މަސްވެރިންނަށް ހާއްސަ ރޭޓުގައި ފަހި ހަކަތަ ޕްރޮގްރާމުގައި ބައިވެރިނުވާ މަސްވެރިކަމަށް ރަޖިސްޓަރ ކޮށްފައިވާ އުޅަނދުފަހަރުތަކަށް ތެޔޮ ލިބޭނެއެވެ. މީގެ އިތުރުން ޑީސަލް އަޅަން އަންނަ އެހެނިހެން އުޅަނދުފަހަރުތަކަށް ވެސް އެތަނުން މާލެ ޖެޓީގައި ތެޔޮވިއްކާ ރޭޓުން ތެޔޮ ލިބިގެންދާނެ ކަމަށް އެފްއެސްއެމް އިން ބުނެއެވެ.