އަޅުގަނޑުމެން ބޭނުންވަނީ ގައުމާއިގެން ކުރިއަށްދާން ކަމަށް ޕީޕީއެމްގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ކެމްޕޭން ނިންމާލުވުމުގެ ގޮތުން މިއަދު ހަވީރު ޕީޕީއެމް އިން މާލޭގައި ކުރިއަށްގެންދިޔަ ހަރަކާތުގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ، މާދަމާއަކީ ރާއްޖޭގެ މުސްތަގުބަލު ކަނޑައަޅާ ދުވަސް ކަމަށެވެ. ޝަހީމް ވަނީ، މި ގައުމައިގެން ކުރިއަށްދާން ބޭނުންވާނަމަ ރައީސް ޔާމީންއަށް ވޯޓު ދެއްވުމަށް ގޮވާލައްވާފައެވެ.

"މާދަމާ އަޅުގަނޑުމެން ބޭނުންވަނީ ގައުމާއިގެން ކުރިއަށްތޯ ތިޔަބޭފުޅުން ވިދާޅުވެވަޑައިގަންނަވާ. ނުވަތަ ދިވެހި ގައުމު ވައްޓާލާނީ މުޒާހަރާ ކުރުމާއި މި ރާއްޖޭގެ އަބުރާ ބެހުމާއި، މި ރާއްޖޭގެ އިސްލާމް ދީން މިތަނުން ނަގާލުމުގެ ފަލްސަފާއަކަށްތޯ". ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ، ނަމްބަރު އެކަކަށް ދިވެހި ރައްޔިތުން ވޯޓު ދޭން ޖެހެނީ ގައުމައިގެން ކުރިއަށްދާން ކަަމަށާއި، އަދި މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ގައުމުގެ މިނިވަންކަމާއި، އިސްތިގުލާލަށްޓަކައި ކަމަށެވެ.

އަދި ދިވެހި ރާއްޖޭގެ ކުރިއެރުމާއި ތަރައްގީ އާއި ގައުމު ސުލްހަ މަސަލަސްކަން ގާއިމް ކުރުމަށާއި، ކުޑަކުދިންގެ މުސްތަގުބަލަށްޓަކައި އަދި ޒުވާނުންގެ އުއްމިދުތަކާއި، އަންހެން ކަނބަލުންގެ އުއްމީދުތަކަށްޓަކައި އެއް ނަބްރަށް ވޯޓު ދެއްވުމަށް ޑރ ޝަހީމް އެދިވަޑައިގަތެވެ.

"ނަމްބަރު އެކެއްގައި ރަނގަޅު ފާހަގަޖައްސަވާ. އަޅުގަނޑުމެން ބޭނުމެއް ނޫން ދިވެހި ރާއްޖޭގައި ގޮނޑިކޮއްކޮ ސަރުކާރެއް ހިންގާކަށް. ތިޔަބޭފުޅުން ބޭނުންތޯ އިސްލާމްދީނުގެ އަދާވާތްތެރިކޮށް ގުޅުން ބޮޑު ސަރުކާރެއް މިތަނުގައި ބާއްވަން. އަޅުގަނޑުމެން ބޭނުމެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ ނަމްބަރު އެކެއް އެއީ އެއްވަނަ ރައީސް" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވަނީ މާދަމާ ހެނދުނު ހެނދުނާ ތެދުވެގެން ގޮސް ނަމްބަރު އެކަކަށް ވޯޓު ދިނުމަށް ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ގޮވާލައްވާފައެވެ.

"މާތްﷲ އިރާދަކުރެއްވިއްޔާ ދިވެހި ރާއްޖޭގެ ވަރަށް ތަނަވެސް އަގުލަބިއްޔަތަކުން ރައީސް އަބްދުﷲ ޔާމީން މި އިންތިހާބު ކާމިޔާބު ކުރައްވާނެ". ޝަހީމް ވިދާޅުވިއެވެ.

މިއަދު ހަވީރު ޕީޕީއެމް އިން މާލޭގައި ކުރިއަށްގެންދިޔަ ހަރަކާތައް އެތައް ހާސް ބަޔަކު ނުކުތްއިރު، އަތޮޅު ތެރޭގައިވެސް ކެމްޕޭން ނިންމާލެއްވުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު