މާދަމާ ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ސަރުކާރު ހިންގާ ޕީޕީއެމާއި އިދިކޮޅު އިއްތިހާދުންވެސް މިނިވަންކަމާއި އެކު ފޯރީގައި ނިންމާލައިފިއެވެ.

މާދަމާ އޮންނަ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުތައް ސިޔާސީ ފަރާތްތަކުން ނިންމާލާފައިވަނީ، މާދަމާގެ ވޯޓުގެ ކުރިން ކުރިއަށްގެންދާ ކެމްޕޭނުގެ އެންމެ ފަހުގެ ހަރަކާތްތައް މިއަދު މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ކުލަގަދަ ގޮތެއްގައި ކުރިއަށް ގެންދިއުމަށްފަހުއެވެ.

މި ހަކަތުތުގައި އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ސޯލިހު (އިބޫ) އާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ދެކެންޑިޑޭޓުންނަށް ތާޢީދުކުރާ އެތައް ހާސް ބަޔަކު މިއަދު ވަނީ ކެމްޕޭނުގެ ފަހުގެ ހަރަކާތުގައި ބައިވެރިވުމަށް މަގުތަކަށް ނިކުމެފައެވެ.

ރިޔާސީ އިންތިޚާބު އޮންނާނީ މާދަމާ ހެނދުނު 8:00 ން ހަވީރު 4:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނިޓު ފަހުންނެވެ. ރިޔާސީ އިންތިހާބުގައި 472 ވޯޓު ފޮށި ބަހައްޓާ އިރު، މި ފަހަރުގެ އިންތިހާބުގައި 262,135 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 2018 ސެޕްޓެމްބަރ 30 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިންނެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ރިޔާސީ އިންތިޚާބަށް ކުރަންޖެހޭ ކަންކަމުގެ 99 އިންސައްތަ މިހާރު ނިމި އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ. މި އިންތިޚާބު އިންސާފުވެރި ދެފުށް ފެންނަ އިންތިޚާބަކަށް ހެދުމަށް އެ ކޮމިޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާހިރު

    ދެފަރާތުގެ ފޮޓޯ ނެތީމަ ވަގުތުގެ އަސްލު ސޫރަ ވަރަށް ސާފު

  2. 2ކޮމެންޓު

    ޓިބުނީތެދެއް