ޓެނިސް އެސޯސިއޭޝަންސް އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ 11 ވަނަ މޭރީބްރައުން ޓެނިސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި މަހުގެ 6 އިން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ނޭޝަނަލް ޓެނިސް ސެންޓަރުގައެވެ. ޖުމްލަ 128 ކުޅުންތެރިންނާއެކު ކުރިއަށްދިޔަ މި މުބާރާތުގައި 71 ފިރިހެން ކުޅުންތެރިންނާއި 57 އަންހެން ކުޅުންތެރިން ވާދަކޮށްފައިވެއެވެ.

11 ވަނަ މޭރީބްރައުން ޓެނިސް ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން-ފޮޓޯ: ޓެނިސް އެސޯސިއޭޝަން

ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނި ގޮތުގައި މިފަހަރުގެ މުބާރާތުގައި މުޅިން އަލަށް އަތޮޅު ތެރެއިން ކުޅުންތެރިން މި މުބާރާތުގައި ވާދަކޮށްފައިވެއެވެ. މިގޮތުން ޅ.ނައިފަރުން 16 ކުޅުންތެރިއަަކު މި މުބާރާތުގައި ވާދަކޮށްފައިވާއިރު މީގެ ތެރެއިން ބައެއް ކުޅުންތެރިން މި މުބާރާތުގެ ކުއާޓަރ ފައިނަލް އަދި ސެމީ ފައިނަލްގައިވެސް ވާދަކޮށްފައިވާކަން ޓެނިސް އެސޯސިއޭޝަންސް އޮފް މޯލްޑިވްސް އިން ފާހަގަކުރެއެވެ. އަތޮޅު ތެރެއަށް ޓެނިސް ތައާރަފް ކުޅެން ދަސްކޮށްދިނުމަށް ޅ.ނައިފަރުގައި 2023 ވަނަ އަހަރު ވަނީ ޓެނިސް ކޯޓެއް ގާއިމުކޮށްފައެވެ.

ޓެނިސް ޗެމްޕިއަންޝިޕްގެ ނިންމުމުގެ ރަސްމިއްޔާތު ހުކުރު ދުވަހު ބާއްވާފައިވާއިރު، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންއެވެ. މި ރަސްމިއްޔާތުގައި މި މުބާރާތުގެ އޮފިޝަލުންގެ އަގު ވަޒަން ކޮށް ހަނދާނީ ލިއުން ހަވާލުކޮށްފައިވާއިރު، މި މުބާރާތުގައި ބައިވެރިވި 12 އަހަރާއި 12 އަހަރުން ދަށުގެ ކުޅުންތެރިންނަށް މުބާރާތުގައި ބައިވެރިވި ކަމުގެ ލިއުން ވަނީ ހަވާލުކޮށްފައެވެ. އަދި މުބާރާތުގެ އެކި ކެޓަގަރީ ތަކުން ވަނަ ވަނަ އަށް ދިޔަ ކުޅުންތެރިންނަށް އިނާމާއި ހަނދާނީ ލިއުން ވަނީ ހަވާލުކޮށްފައެވެ.

11 ވަނަ މޭރީބްރައުން ޓެނިސް ޗެމްޕިއަންޝިޕް ގެ ތެރެއިން-ފޮޓޯ: ޓެނިސް އެސޯސިއޭޝަން

ނޭޝަނަލް ޓެނިސް ސެންޓަރުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ޓެނިސް އެސޯސިއޭޝަންގެ ފަރާތުން މުބާރާތުގެ ސްޕޮންސަރ ލިލީ އިންޓަނޭޝަނަލްއަށާއި އެކި ގޮތް ގޮތުން ރާއްޖޭގައި ޓެނިސް ކުރިއެރުވުމަށް އެހީތެރިކަން ފޯރު ކޮށްދޭ ފަރާތްތަށް ފާހަގަކޮށް އެ ފަރާތް ތަކަށް ޝުކުރު އަދާކޮށްފައިވެއެވެ.

ޓެނިސް ޗެމްޕިއަންޝިޕްގެ ފިރިހެން އޯޕަންގެ ޗެމްޕިއަންކަން ހޯދާފައިވަނީ އަބްދުﷲ ފާއިހު ފަޒީލް އެވެ. އަދި އަންހެން އޯޕެން ޗެމްޕިއަންކަން ހޯދާފައިވަނީ އާރާ އާސާލް އާޒިމް އެވެ.

މީގެ އިތުރުން މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ރާއްޖޭގައި ޓެނިސް ކުރިއެރުވުމަށް އަދުގެ ސަރުކާރާއި ކުރިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިއު ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައިވެއެވެ. އަދި ފާއިތުވި އަހަރު ތަކުގައި ލިލީ ގުރޫޕުން އެ އެސޯސިއޭޝަނަށް ދެއްވާފައިވާ އެހީތެރިކަމަށް ޝުކުރު އަދާކޮށްފައިވެއެވެ.