ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ، ސާބިއާގެ ނޮވަކް ޖޮކޮވިޗް އަންނަ އަހަރުގެ ޓެނިސް ސީޒަން، ޔުނައިޓެޑް ކަޕުން ފެށުމަށް ހަމަޖެހިފައިވާއިރު ވާދަވެރި ސްޕެއިނުގެ ރަފައެލް ނަޑާލް އެ ގައުމުން އެ މުބާރާތުގައި ވާދަކުރާ ޓީމުގައި ނުހިމެނޭ ކަމަށް މީޑިއާ ހަބަރުތައް ބުނެފިއެވެ.

16 ޓީމު ވާދަކުރާ މި ފަހަރުގެ ޔުނައިޓެޑް ކަޕްގައި ސާބިއާ ޓީމާއެކު ޖޮކޮވިޗް ފެނިގެންދާއިރު، މި ފަހަރުގެ ޕޮލެންޑް ޓީމު ލީޑްކުރާނީ އަންހެން ސިންގަލްސް އިވެންޓްގައި ހަތަރު ފަހަރު ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބުކޮށްފައިވ،ާ އިގާ ސްވިއާޓެކް އާއި ފިރިހެނުންގެ ސިންގަލްސްގައި 11 ވަނަ އަށް ސީޑްކުރެވިފައިވާ، ހުބާޓް ހުރްކާޒް އެވެ.

ކުރިއަށް އޮތް ޔުނައިޓެޑް ކަޕުން ނަޑާލް ފެނިގެން ނުދިޔަނަމަވެސް، އެންމެ ފަހުން މިދިޔަ ޖަނަވަރީ މަހު ބޭއްވި މުބާރާތުގައި އޭނާ ވަނީ ސްޕެއިން ތަމްސީލްކޮށްފައެވެ. އަދި ނަޑާލް ވަނީ އެ ކަހަލަ މުބާރާތެއް ބޭއްވުމަކީ ގެންގުޅޭ ރަނގަޅު ވިސްނުމެއް ކަމަށް ބުނެފައެވެ. އެކަމަކު، އެ މުބާރާތް ކުޅެމުންދާ ފޯމެޓަށް ނަޑާލް ވަނީ ފާޑުކިޔައިފައެވެ.

އެ މުބާރާތަށްފަހު ކުޅެވުނު އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގައި އުނަގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ދެވަނަ ބުރުން ވަކިވާންޖެހުނު ފަހުން ނަޑާލް ކުޅުމަށް އެނބުރިއައިސްފައެއްނުވެއެވެ. އެހެންނަމަވެސް، އަންނަ ޖަނަވަރީ މަހުގައި ފަށާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުން ނަޑާލް ފެނިގެންދާނެ ކަމަށް މުބާރާތުގެ ޑައިރެކްޓަރު، ކްރެއިގް ޓައިލީ މިދިޔަ ހަފްތާގައި އިޢުލާންކޮށްފައިވާއިރު، އަނިޔާއިން ރަނގަޅުވެ، ކުޅުމަށް އެނބުރި އަންނާނެ ވަކި ތާރީޚެއް ނަޑާލްގެ ފަރާތުން ކަށަވަރުކޮށްދީފައެއްނުވެއެވެ.

އަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތުގެ ކުރިން ނަޑާލް ފިޓްވެއްޖެނަމަ، އެ މުބާރާތުގެ ކުރީން ބޭއްވުމަށް ހަމަޖެހިފައިވާ އިތުރު ވޯމް-އަޕް އިވެންޓްތަކުގައި ވާދަކުރުމުގެ ފުރުޞަތު ލިބޭނެއެވެ. އެގޮތުން، ޖަނަވަރީ 1 އިން ފެށިގެން އަޑެލައިޑްގައި ބާއްވާ އޭޓީޕީ ޓެނިސް މުބާރާތްތައް ހިމެނެއެވެ.

އޮސްޓްރޭލިއާގައި މި އަހަރުގެ ޑިސެންބަރު މަހުގެ 29 އިން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 7 ގެ ނިޔަލަށް ކުރިއަށްދާ މިފަހަރުގެ ޔުނައިޓެޑް ކަޕްގެ އިނާމު ފައިސާގެ ގޮތުގައި ކަނޑައަޅައިފައިވަނީ ގާތްގަނޑަށް 9.47 މިލިއަން އެމެރިކާ ޑޮލަރު (15 މިލިއަން އޮސްޓްރޭލިއަން ޑޮލަރު) އެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ އެމެރިކާ އެވެ.