ދިރާގު އިންވިޓޭޝަނަލް ޓެނިސް ޗެމްޕިއަންޝިޕް 2023 ބޭއްވުމަށްޓަކައި ދިރާގާއި ޓެނިސް އެސޮސިއޭޝަން އޮފް މޯލްޑިވްސް އެކުގައި ސޮއިކޮށްފިއެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 21 އިން 25 ނޮވެންބަރުގެ ނިޔަލަށް ޤައުމީ ޓެނިސް ސެންޓަރުގައެވެ. މި މުބާރާތުގައި ރާއްޖޭގެ ޕްރައިމަރީ ސްކޫލްތަކުން 100 އަށްވުރެ ގިނަ ކުޅުންތެރިންގެ އިތުރުން ބަންގްލަދޭޝް، އިންޑިޔާ، ސްރީލަންކާ އަދި ތައިލެންޑުން ވެސް ބައިނަލްއަގުވާމީ އެތުލީޓުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ދިރާގުގެ ޑިރެކްޓަރ، ބްރޭންޑް އެންޑް މާކެޓިންގ ކޮމިނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ، ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެން މިފަދަ މުބާރާތެއް ރާއްޖޭގައި ބޭއްވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި މިއީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމަށާއި އެތުލީޓުންގެ ހުނަރުވެރިކަން ކުރިއެރުވޭނެ މާހައުލެއް ގާއިމު ކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތުގެ ވަރަށް މުހިންމު ބައެއް ކަމަށެވެ.

"މި މުބާރާތުގެ ސަބަބުން ދިވެހި އެތުލީޓުން ބާރުވެރިކުރުވާ، ބައިނަލްއަގްވާމީ މައިދާނުތަކުގައި އެ ކުޅުންތެރިންގެ ހުނަރު ދައްކާލެވޭފަދަ ޕްލެޓްފޯމެއް ގާއިމު ވެގެންދާނެކަންވެސް ޔަޤީން،" މިރްޝާން ހަސަން ވިދާޅުވިއެވެ.

ޓެނިސް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ ޑިވެލޮޕްމެންޓް ޑިރެކްޓަރ، އިގްނާޒް މަންސޫރު ވަނީ ދިވެހި ޓެނިސްގައި ފާހަގަކޮށްލެވޭ މި އިވެންޓް ރާއްޖޭގައި ބޭއްވުމަށް ދިރާގުން ވެދެއްވި ދީލަތި އެހީތެރިކަމާއި އެއްބާރުލުމަށް އެކުންފުންޏަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވާފައެވެ.

މި މުބާރާތަކީ ދިވެހި އެތުލީޓުންނަށް އެފަރާތްތަކުގެ ހުނަރު އިތުރަށް ކުރިއަރުވާ، ސަރަހައްދީ ކުޅުންތެރިންނާއި ވާދަކުރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއްކަން ކަމަށެވެ.

ދިރާގަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށާއި އަދި މި ދާއިރާގައި ޝާމިލްވާ ފަރާތްތަކަށް އިތުރު ފުރުޞަތުތައް ފަހިކޮށްދޭ މިފަދަ އިވެންޓްތަކަށް އަބަދުވެސް އެއްބާރުލުންދެމުން އަންނަ ކުންފުންޏެކެވެ.