އިދިކޮޅު ފަރާތްތަކުން ކުރަމުން މިދާ ކަންތައްތައް ހުއްޓާޅާ އިދިކޮޅު ލީޑަރުން ބަސްއަހާ އިސްލާހުވުމަށް އެކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ގޮވާލައިފިއެވެ.

ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެ ބަނޑަށް ޖައްސާނެކަމަށް ބުނެ، ޓޫރިޒަމް ބޮއެކަޓު ކުރުމަށް ގޮވާލާ މާލޭގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރާ ފިނޑި އިދިކޮޅު ލީޑަރުން ބަސްއަހާ އިސްލާހުވުން ބުއްދިވެރިކަމުގައެވެ.

ސައީދު މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު، ފުލުހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ވިދާޅުވީ މާލެ ތެރެ ހަލަބޮލިކޮށް ސަރުކާރާއި ރައްޔަތުންގެ މުދަލުގައި ހުޅުޖެހުމަށް ބަޔަކު ރާވާފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، ހަމަނުޖެހުން ހިންގައި އަމަންއަމާންކަން ނަގާލައި ހުޅުޖަހަން ރާވާ އިތުރު ބަޔަކުވެސް ހައްޔަރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއިި އެކަން ހުއްޓުވުމުގެ މަސައްކަތް ގާނޫނުގެ ތެރެއިން ކުރަމުން އަންނަކަށެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ފުލުހުން މިހާތަނަށްވަނީ 7 މީހަކު ހައްޔަރުކޮށްފައެވެ.