މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ނުލިބި ލަސްވަމުންދާ މައްސަލަ އޮތް ދާއިމީ ހައްލަކީ މަސް ވިއްކާ އަގާއި ގަންނަ އަގު ބާޒާރަށް ދޫކޮށްލުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު ސައުދުﷲ ހިލްމީ މިއަދު ވިދާޅުވެއްޖެއެވެ.

ސައުދުﷲ މިހެން ވިދާޅުވީ މަސްވެރިންނަށް ފައިސާ ދިނުމަށް ގޮވާލާ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ދީދީ ހުށަހެޅުއްވި ކުއްލި މައްސަލައަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރައްވަމުންނެވެ.

ސައުދުﷲ ވިދާޅުވީ މަސްވެރިންގެ މައްސަލައަކީ އެކި ދައުރުތަކުގައި މަޖިލީހަށް ހުށަހަޅަމުންދާ މައްސަލައެއް ކަމަށެވެ. މި މައްސަލަ ހުށަނޭޅޭނެ ގޮތެއް ރާވަން ޖެހޭ ކަމަށް ވިދާޅުވިއެވެ. ކޮންމެ ސަރުކާރެއްގައި ވެސް މި މައްސަލަތައް އުފެދިގެން މަސްވެރިންނަށް އޭގެ ދަތިތައް ތަހައްމަލްކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. މިކަން މިހެން ވާންޖެހޭ ސަބަބަކީ މަސް ގަންނަ އަގު ވިއްކާ އަގާ ނުބައްދަލުވުން ކަމަށް ސައުދުﷲ ވިދާޅުވިއެވެ.

"މަސް ގަންނަން މި ޖެހެނީ ބޮޑުކޮށް ބޭރަށް ވިއްކަން މި ޖެހެނީ ކުޑަކޮށް. އެހެންކަމުން އަބަދުވެސް ދައުލަތުގެ ބަޖެޓުން މި ފައިސާ ނޫނީ ރައްޔިތުންގެ ޓެކްސް ފައިސާއިން ދެވޭ ބަދަލެއްގެ ގޮތުގައި ވެގެންދަނީ. މިއީ އެއްގޮތަށް ވެސް ބަލައިގަނެވޭނެ ގޮތެއް ނޫން." ސައުދުﷲ ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުން ނިމެން ދަނިކޮށް 25 ރުފިޔާއަށް ކިލޯއެއް ބޮޑުކުރުމުގެ ސަބަބުން އެ ސަރުކާރު ނިމުނުއިރު 240 މިލިއަން ރުފިޔާ މަސްވެރިންނަށް ދޭން އޮތް ކަމަށާއި މިއީ ވަރަށް ބޮޑު އަދަދެއް ކަން ފާހަގަކުރެއްވެވިއެވެ. މި ސަރުކާރުން އެ ފައިސާދީފައިވާ ކަމަށާއި އިތުރު ފައިސާ ވެސް ދެމުން ގެންދާ ކަމަށް ސައުދުﷲ ވިދާޅުވިއެވެ. މިހާރު ބާކީ އޮތީ 50 މިލިއަން ރުފިޔާ ނުދެވި ކަމަށާއި އެ ފައިސާ ނުދެވިފައިވަނީ މި ވަގުތު ރާއްޖޭގައި ހާލަތު ހުރި ގޮތުން ކަމަށް ވެސް ވިދާޅުވިއެވެ.

"ސަބްސިޑީއާއި އޭތި މީތި މަސްވެރިންނަށް ދީފައި ނުއަގުގައި މަސް ގަނެ ވިއްކާފައި އޭގެ ބަދަލުގައި ފައިސާ ދިނުމަކީ ދާއިމީ ހައްލެއް ނޫން. މަސްވެރިކަމާއި ގުޅޭ ހުރިހާ ފަރާތްތަކެއް އެކުވެގެން މިކަމަސް ހައްލެއް ހޯދަން އެބަޖެހޭ ވީހާވެސް އަވަހަކަށް. މިކަމަށް ހައްލެއް ނުލިބި މަސްވެރިންނަށް ވެސް ކުރިއަށް ދިއުމން ފަސޭހައެއް ނުވާނެ. މި ހުރިހާ ކަމެއްގެ އަސްލަކަށް ވާނީ ބާޒާރަށް ގަންނަ އަގު ނުވަތަ ވިއްކާ އަގު ދޫކޮށްލުން. 15 ރުފިޔާ ނުވަތަ 25 ރުފިޔާއާއި މެދު މަސް ގަތުމަށް."ސައުދުﷲ ވިދާޅިވިއެވެ.

ސައުދުﷲ ވިދާޅުވީ މަހުގެ އަގުބޮޑުވުމުގެ ސަބަބުން އަމިއްލަ ކުންފުނިތައް ވެސް ހަލާކުވެގެންދަމުންދާ ކަމަށެވެ. މިދިޔަ ސަރުކާރުން 25 ރުފިޔާއަށް މަހުގެ އަގު ބޮޑު ކުރުމުން އެންސިސް ފަދަ އަމިއްލަ ކުންފުނިތައް ވެސް ވަނީ ބަނގުރޫޓުވެފައި ކަމަށް ވިދާޅުވިއެވެ. އެފަދަ ގޮތަށް ކަންކަން ނުވާނެ ގޮތަށް ކަންކަންތައް ރާވަން ޖެހޭ ކަމަށް ސައުދުﷲ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޚިޔާކު 2

    ޓެކްސްފައިސާއިން މަސްވެރިންނަށް ހޭދަކުރުމަކީ ތާކުންތާކުޖެހޭކަމެއްނޫން މަހުން އެކަށީގެންވާ ފާދައިނުވެ ގެއްލުންވާނަމަ އެކަންކުރުމުގެ ބަދަލުގައި މަސްވެރިން ރާވެރިންނަށް ބަދަލުކޮށްލާ ނުވަތަ މަސް ވިކުނު އަގެއްގައި ވިއްކުމަށް ފުރުސަތުދީ ނުވަތަ އެކްސްޕޯޓް ކުރެވޭނެ ފަހި ފުރުސަތު ހޯދާ.

  2. ކުރުކޮއް

    ރަނގަޅުވާހަކައެއް ޓެކްސް ފައިސާ ހޭދަކުރާކައް ނުޖެހޭ އެމީހުން މަސްވިއްކަނީވެސް އެފަހަރަކު ހިތައްއެރި އަގަކައް ކޮންޓްރޯލްއެއްނޯވޭ މިހެންވުމުން އާއްމުންނައްވެސް ތަކުލީފު އުފުލަންޖެހޭ މިހެން ނުވާނެގޮތަކައްހުރިހާފަރާތަކުން އަމަލުކުރަންޖެހޭ ސަރުކާރުން ގަންނަމަސް ވަގުތަކުން ބޭރަކައްނުފޮނުވޭ އެމަސްގަންނަަ ފަރާތްތަކުން އެބޭނުންވާ ވަރަކައް ތައްޔާރުކޮއްގެން ގެންދިޔާމަ ގަންނަނީ މިކަމައްވެސް ދުވަސްތަކެއްނަގާ އެހެންވުމުގެސަބަބުން ލާރި ދިނުމުގަ ދަތިތަކެއް ކުރިމަތިވާނެ ކަންޤަބޫލުކުރަންޖެހޭނެ