ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގައި ހިންގި ކޮރަޕްޝަންތަކާއި ހިޔާނާތުތަކުގެ މައްސަލަތަކާ ގުޅިގެން އެ ކުންފުނި އޮތީ ވަރަށް ނުބައި ފައްތަރެއްގައި ކަމަށާއި އެ މައްސަލަ ވާހަކަ ދައްކާލައިގެން ނިންމާނުލައި ސީރިއަސްކޮށް ބަލައި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ދަނގެތި ދާއިރާގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް އަބްދުﷲ ރަޝީދު (އަވަސް އަބުޅޯ) މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ފެނަކަ ކޯޕަރޭޝަންގެ ދަރަނި 4.3 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު މީގެކުރިން ވަނީ ވިދާޅުވެފައެވެ. އޭރުގައި ފެނަކައިގައި 8،000 އަށް ވުރެ ގިނަ މުވައްޒަފުން ތިބިއިރު، މަހަކު 86 މިލިއަން ރުފިޔާ ހޭދަކުރަން ޖެހުނު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މުއާޒް ވިދާޅުވި ގޮތުގައި ފެނަކަ އިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކަރަންޓާއި ފެނުގެ ހިދުމަތް ދިނުމަށް 502 ޖެންސެޓް ބޭނުން ކުރަމުންދާ އިރު، 302 ޖެންސެޓް އޯވަހޯލް ނުކުރުމުގެ ސަބަބުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

މުއާޒުގެ 15 މިނެޓު: ބަނގުރޫޓުވި ފެނަކަ އިން "ހޭވި ހަޑި"!

ފެނަކައާ ގުޅޭ ގޮތުން މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން އަބުޅޯ ވިދާޅުވީ ފެނަކަ ހަތަރު ބިލިއަން ރުފިޔާ އިން ދަރުވާލާފައި އޮތް އިރު، 100 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވަނީ ދަތުރުފަތުރަށް ކަމަށެވެ. އަދި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ މެއިންޓަނަންސް އަށް ހަރަދުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

އަބުޅޯ ވިދާޅުވި ގޮތުގައި 500 އަށް ވުރެ ގިނަ ޖަނަރޭޓަރު ހުރިއިރު، 300 އަށް ވުރެ ގިނަ ޖަނަރޭޓަރު މަސައްކަތެއް ނުކުރެއެވެ. އަދި އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި ފެނަކަ އޮތީ ވަރަށް ނުބައި ފައްތަރެއްގައި ކަމަށް ވެސް އަބުޅޯ ވިދާޅުވިއެވެ.

މިކަން ރަނގަޅު ކުރުމަށްޓަކައި ކުންފުނީގައި ރަނގަޅު ޕޮލިސީއެއް ގާއިމުކޮށް ރަނގަޅު އޮޑިޓް ފާމެއް ހޯދައިގެން ސަރުކާރުން ހާއްސަ ސަމާލުކަމެއް ދީގެން ކުރިއަށް އޮތް ތަނުގައި މިކަންކަން ހައްލު ކުރުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ވެސް އަބުޅޯ ވިދާޅުވިއެވެ.

"އަޅުގަނޑު އެދެން ވަރަށް ހާއްސަކޮށް އެސްއޯއީ ކޮމިޓީން މިކަންތައްތައް ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި މި މައްސަލަ ބަލާނަމޭ ކިޔައިގެން އިތުރު ވާހަކަތަކެއް ނުދައްކައި ޓައިމްލައިނެއް ކަނޑައަޅައި މިއަށް ޒިންމާވާ ފަރާތްތައް ހާޒިރުކޮށް ވަކި މުއްދަތެއްގެ ތެރޭގައި މިކަންތައްތައް ކޮށް ނިންމުން." އަބުޅޯ ވިދާޅުވިއެވެ.

މުއާޒް ކުރިން ވިދާޅުވެފައިވާ ގޮތުގައި 2021 ވަނަ އަހަރާއި 2022 ވަނަ އަހަރު އެކަނި ވެސް ފެނަކަ އަށް 90 ޖެންސެޓް ގަނެފައި އެބަހުއްޓެވެ. ކިތަންމެ ގިނަ ޖެންސެޓްތަކެއް ގަނެފައި ހުރި ކަމުގައި ވިޔަސް، ރާއްޖޭގެ ދިރިއުޅޭ ރައްޔިތުންގެ ހާލަތަކަށް ބަދަލެއް ނައި ކަމުގައި މުއާޒް ވިދާޅުވިއެވެ. މުއާޒް ވިދާޅުވީ "ހަރަދު ފޮތުން" މެއިންޓަނެންސް އަށް ނުވަތަ ސާވިސް އަށް އަހަރަކު 100 މިލިއަން ރުފިޔާ ހަރަދު ކުރި ކަމަށް ދައްކާ ކަމަށެވެ. އެކަމަކު، މި ހުރިހާ ޖެންސެޓުތައް ހުންނަނީ ހަލާކުވެފައި ކަމުގައި މުއާޒް ވިދާޅުވިއެވެ.

ފެނަކައިގެ ކޮރަޕްޝަންގެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިހާރު ވަނީ ހުށަހަޅައިފައެވެ. މުއާޒް ވިދާޅުވީ މިކަންކަމުން އަރައިގަތުމަށް ކުންފުނީގެ ހަރަދުތައް ކުޑަކޮށް އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ތައާރަފް ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ކުރީގެ ސަރުކާރުން އެބަ ތިބި ކޮންމެ ބުރާންޗަކަށް ޑަޒަނަށް މީހުން އެބަ ތިބި ވައްދާފަ

    2
    1
  2. ސޯބެ

    ސާބަހޭ އަވަސް މައްސަލަތައްބަލާ އަވަހައް