ތުރުކީއަށް ރާއްޖޭގެ ފަރާތުން ކަނޑައަޅާ ސަފީރަަކަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފް އަދި ޕާކިސްތާނަށް ކަނޑައަޅާ ސަފީރަކަށް މުހައްމަދު ތޯހާ އައްޔަން ކުރުމަށް ރައްްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދު މަޖިލީހުގައި ވަނީ އެ ދެ ގައުމަށް ސަފީރުން ކަނޑައެޅުމަށް ވަކިން ވޯޓަށް އަހާފައެވެ. އަބްދުއްރަހީމް ތުރުކީ ސަފީރަކަށް ކަނޑައެޅުމަށް ފެންނަ ކަމަށް 82 މެންބަރު ވޯޓު ދެއްވާފައިިވެއެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ. އަދި ޕާކިސްތާނުގެ ސަފީރަކަށް ތޯހާ ކަނޑައެޅުއްވުމަށް ވެސް 82 މެންބަރުން ވޯޓުދެއްވާފައިވެއެވެ.

މީގެކުރިން ތޯހާ ވަނީ ސައުދީ އަރަބިއްޔާގެ ސަފީރަކަށް އައްޔަން ކުރައްވަން ރައީސް ޑރ. މުއިއްޒު ނިންމަވައި، ރުހުން ހޯއްދެވުމަށް މަޖިލިހަށް ފޮނުއްވިއެވެ. އަދި 19 ވަނަ މަޖިލިހުގައި ތޯހާ، ސައުދީގެ ސަފީރަކަށް އައްޔަން ކުރަން ފާސް ވެސް ކުރިއެވެ.

އެކަމަކު، ރައީސް ފަހުން ޑރ. މުއިއްޒު ވަނީ ތޯހާ ޕާކިސްތާންގެ ސަފީރަކަށް ބަދަލު ކުރައްވަން ނިންމަވައިފައެވެ.

ސިފައިންގެ ހިދުމަތުގައި 39 އަހަރު ވަންދެން އުޅުއްވުމަށް ފަހު، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވޭ އުމުރު ގާނޫނީ ގޮތުން ހަމަވާތީ އަބްދުއްރަހީމް ރިޓަޔާ ކުރެއްވީ މިދިޔަ އޭޕްރީލް މަހުގެ 17 ގައެވެ. ސިފައިންގެ ގާނޫނު ބުނާގޮތުން، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވޭނެ އެންމެ ދޮށީ އުމުރަކީ 60 އަހަރެވެ.

ސިފައިންގެ ހިދުމަތުގައި އޭނާ ވަނީ ސިފައިންގެ ކުރިއެރުމާއި ތަރައްގީއަށްޓަކައި ސިފައިންގެ ތަފާތު ދާއިރާތަކުގައި އަގުހުރި ހިދުމަތްތަކެއް ކުރައްވާފައެވެ. ސިފައިންގެ ހިދުމަތާ ފެބުރުއަރީ 18، 1985 ގައި ގުޅިވަޑައިގެންނެވި އަބްދުއްރަހީމް ވަނީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު ފުރައްވައިފައެވެ.

އަދި ސިފައިންގެ ހިދުމަތުގައި ހޭދަކުރެއްވި މުއްދަތުގެ ތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރު އެތައް ތަމްރީނުތަކެއް ފުރިހަމަކުރައްވާފައިވާއިރު، އެމްއެންޑީއެފްގެ ވަރަށް ގިނަ ސްޓާފް އެޕޮއިންޓްމަންޓްތަކާއި ކޮމާންޑް އެޕޮއިންޓްމަންޓްތައް ވަނީ ފުރުއްވާފައެވެ. އެގޮތުން، އަދާކުރައްވާފައިވާ ކޮމާންޑް އެޕޮއިންޓްމަންޓްތަކުގެ ތެރޭގައި ސިފައިންގެ އެކި ޔުނިޓްތަކުގެ ކޮމާންޑަރުކަމާއި، ކޯރ ކޮމަޑާންޓްކަމާއި އަދި އޭރިއާ ކޮމާންޑްގެ ކޮމާންޑަރުކަން ހިމެނެއެވެ. އަދި މީގެ އިތުރުން، ސިފައިންގެ ތަރުޖަމާންގެ މަގާމާއި އަދި އެމްއެންޑީއެފްގެ މާލީ ޒިންމާދާރުވެރިޔާގެ މަގާމު އަދާކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލީ

    ބޮޑުމުސާރަތައް ދީފައި ސަފީރުން ބެހެއްޓުން ހުއްޓަންވެއްޖެ އެއްނުން؟ ގައުމު މިއޮއް ދަރަނީ!

  2. ހުސެއިން ޝާމް

    މިކަން އެބަޖެހޭ ހުއްޓާލަން މީކީއްކުރަން ބައިތިއްބާ ބައެއް ކަމެއް އަޅުަގނޑަކަށް ނޭގޭ އަޅުގަނޑު އިންޑިޔާގ ހުއްޓާ މީހަކު އަޅުގަނޑަށް އޮޅުވާލައިގެން ޓިކެޓް ނަގައިދޭނަމޭ ކިޔާފަ ފައިސާގަނޑެއް އަތުލައިގެން އެންމެފަހު އިންޑިޔާ ފުލުހުންގެ މިންނެތް މަސައްކަތުން ހޯދަ ދިނީ.އިންޑިޔާ ފުލުހުން ފެނުނަސް އަޅުގަނޑު ވަރަށް އުފާވޭ.މުސާރަ އެބޭފުޅުންގެ ކުޑަޢީ މަސައްކަތް ވަރަށް ފުރިަހަމަ.އުފުރާލައިގެން ޖިޕަށް ލާއިރުވެސް ދަނޑި ބުރިންތަޅާނެ މީހަކު ބަލާތޯ ނުބަލާތޯ އެއަށް ނުބަލާނެ.އެމީހުން އެއްވެސް މީހަކު ދެކެ ބިރެއް ނުގަންނާނެ.ދިވެހި ފުލުހުން މިތިބެނީ ދިވެހީންގެ އަތްދަށުވެފަ .އެބައި މީހުން ސަލާމަތް ކުރުމަކީ ދައުލަތުގެ ޒިންމާއެއް.ޝާމުގެ ޒިންމާއެއް ނޫން،.

  3. ހުސެއިން ޝާމް

    ދެން ބުނެފާނެ ފޮރިންގ މިނިސްޓްރީން ވިާޅުވެދާނެ ޤައުމުތަކުގެ ބައިލެޓެރަލް ރިލޭޝަންސް އޭ.ރަގަޅު ވާހަލކައެއް.އެކަމަކު ދައުލަތުގެ ބަޖެޓުގަ ފައިސާ ނެތިގެން ސިވިލް ސަރވިސް މުއައްޒަފުންނާ ،ސަރުކާރު ކުންފުނިތަކަށް މުސާރަ ނުދެވިގެން ރައްޔިތުން ބިކަ ހާލުގަ ޖެހޭއިރު މުޅި ޢާއިލާ ގޮވައިގެން ގޮސް ސަފީރޭ ކިޔައިގެން ބޭރު ޤައުމުތަކުގަ ތިބޭކަށް ނުޖެހޭނެ. ވަރަށް ސަލާމް.