ރާއްޖޭގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސި ވިލާތަށް ވަޑައިގެންފިއެވެ.

އަވަށްޓެރި ލަންކާގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށް ފަހު ނަޝީދު އިނގިރޭސިވިލާތަށް ފުރާ ވަޑައިގެންފައި ވަނީ މިއަދުގެ ވަގުތެއްގައި އެވެ. ނަޝީދު އިނގިރޭސި ވިލާތަށް ވަޑައިގެންފައި މިވަނީ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކޮށްފައި ވަނިކޮށެވެ. އަދި އެމަނިކުފާނު ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފައިވަނިކޮށެވެ.

ނަޝީދު އިނގިރޭސި ވިލާތުން އެނބުރި ވަޑައިގަންނަވާނެ ދުވަހެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ނަޝީދު ކުރިން ވިދާޅުވި ނަމަވެސް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާތީ އިންތިހާބުގައި ނަޝީދަށް ވާދަކުރެއްވުމުގެ ފުރުސަތު ގާނޫނީ ގޮތުން އެމަނިކުފާނަށް ލިބިފައެއް ނުވެއެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ރައީސް ނަޝީދު ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވާއިރު ރާއްޖެ ވަޑައިގަންނަވަން އުޅުއްވާކަމުގެ އިޝާރާތެއް އެމަނިކުފާނު އަދި ކުރައްވާފައެއް ނުވެއެވެ.

ރައީސް ނަޝީދަށް ތާޢީދުކުރާ ފަރާތްތަކަށް އެމަނިކުފާނު އެމްޑީޕީގެ ހަރުގެއިން ވަރަށް އަވަހަށް ބައްދަލުވާނެ ކަމަށް އެމްޑީޕީގެ ނައިބު ރައީސް ޝިފާޒް ވިދާޅުވިއިރު، ރައީސް ނަޝީދު ރައްޖެ ވަޑައިގަންނަވާނެ އިރެއްވެސް އެމްޑީޕީގެ ފަރާތުން ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހސ

    އަޅުގަނޑުމެން އެންމެން ލޯބިވާ އޯގާތެރި، ހިތްޕުޅު ހެޔޮ ޖަޒީރާ ރައީސް ????