މިމަހު 23 ވަނަ ދުވަހު އޮތް ރާއްޖޭގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ)އަށާއި، އެ މަނިކުފާނުގެ އިންތިހާބީ ބައިވެރިޔާ ފައިސަލް ނަސީމަށް ބައިކް މޯލްޑިވްސްއިން މަރުހަބާ ކިޔައިފިއެވެ.

ބައިކް މޯލްޑިވްސްގެ ފޭސްބުކް ޕޭޖުގައި ތަފާތު ފޮޓޯއަކާއެކު ކޮށްފައިވާ ޕޯސްޓްގައި ބުނެފައި ވަނީ އެ އެސޯސިއޭޝަންގެ ރައީސްއާއި ހިންގާ ކޮމެޓީ، މެންބަރުންނާއި މުޅި ބައިކް އާއިލާވެސް އެދެނީ އިބޫގެ ރިޔާސީ ދައުރަކީ ކާމިޔާބު ދައުރަކަށްވުމަށް ކަމަށެވެ.

އޭގެ އިތުރުންވެސް ދިވެހިރާއްޖެއަކީ ތިމާވެށްޓާ ރައްޓެހި ގައުމަކަށް ހެދުމަކީ ބައިކް މޯލްޑިވެސްގެ ވަރަށް ބޮޑު އުއްމީދެއް ކަމަށާއި، ބައިކް މޯލްޑިވްސްއިން ދެކެން ބޭނުންވަނީ ދިވެހިރާއްޖޭގެ ރަށްތަކުގެ މަގުތަކުގައާއި ބުރިޖުތަކުގައި ބައިސްކަލް ދުއްވޭގޮތަށް ކަންކަން ފަހިވެ، ބައިސްކަލަކީ ދަތުރުފަތުރުގެ ވަސީލަތެއްގެ ގޮތުގައި މީހުން ބޭނުންކުރާތަން ކަމަށްވެސް ޕޯސްޓްގައި ވެއެވެ.

ދިވެހިރާއްޖޭގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށާއި، އިންޖީނުލީ ދުއްވާތަކެތީގެ ވިހަ ގޭސްތައް މަދުކުރުމަށާއި، ބައިސްކަލަކީ ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއަށް އޮތް އުޅަނދުގެ ގޮތުގައި އެކަން ކުރިއެރުވުމަށާއި އަދި ބައިސްކަލު ދުއްވުމަކީ ވާދަވެރި ކުޅިވަރެއްގެ ގޮތުގައި ޒުވާނުންނަށް ދައްކައިދިނުމުގައި ދޭންޖެހޭ ހުރިހާ އެއްބާރުލުމަކާއި އެހީތެރިކަމެއް ބައިކް މޯލްޑިވްސްގެ ފަރާތުން ލިބޭނެ ކަމަށްވެސް ބައިކް މޯލްޑިވްސްގެ ފަރާތުން އިބޫއަށް އަރުވާފައިވެއެވެ.

ބައިކް މޯލްޑިވްސް އަކީ އެކިއެކި އިޖުތިމާއީ ކަންކަމުގައި ހޭލުުންތެރިކަން އިތުރު ކުރުމަށާއި، ބައިސްކަލް ދުއްވުމުގެ އާދަ ދިވެހީންގެ ތެރޭގައި ދެމެހެއްޓުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ ފަރާތުން މިހާތަނަށްވެސް ގިނަ އިވެންޓްތަކެއް ބާއްވާފައިވާކަން ފާހަގަކޮށްލެވެއެވެ.