ދިރާގައި ބައިކް މޯލްޑިވެސް ގުޅިގެން ބޭއްވި މަމެން އިންޓަރ ސްކޫލް ސައިކްލިންގ ޗެމްޕިއަންޝިޕް 2022 ގެ ތިންވަނަ އެޑިޝަންގެ އިނާމު ދިނުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވައިފިއެވެ.

32 ސްކޫލުން 1000 އަށްވުރެ ގިނަ ދުއްވުންތެރިން ބައިވެރިވި މި އިވެންޓު ކުރިއަށް ގެންގޮސްފައިވަނީ 16 އިން 17 ސެޕްޓްންބަރުގެ ނިޔަލަށް ހުޅުމާލެ ފޭސް 2 ގެ ސައިކްލިން ޓްރެކްގައެވެ.

ރޭ ބޭއްވި ނިންމުމުގެ ރަސްމިއްޔާތުގައި ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް މުޙައްމަދު މިރްޝާން ޙަސަން ވިދާޅުވީ އުންމީދަކީ މި އިވެންޓުގެ ސަބަބުން ބައިސްކަލު ދުއްވުމަކީ ސްކޫލް ކުދިންގެ މެދުގައި މަގްބޫލް ހަރަކާތަކަށްވުން ކަމަށެވެ. އަދި މިއީ ހަމައެކަނި ކުޅިވަރެއްގެ ގޮތުގައި ކުރެވޭނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއިރު، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށާއި ތިމާވެށި ހިމާޔަތް ކުރުމަށްވެސް ކުރެވޭނެ ފައިދާކުރުވަނިވި ކަމެއްކަަމަށް އޭނާ ވިދާޅުވިއެވެ.

ބައިކް މޯލްޑިވްސްގެ ރައީސް ޒުލައިޚާ ހަސަން ދީދީ ވިދާޅުވީ، ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންގެ ފަރާތުން މި އިވެންޓަށް ލިބުނު އެއްބާރުލުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަަމަށެވެ.

"އަޅުގަނޑުމެން އުންމީދު ކުރަނީމިކަމުގެ ސަބަބުން ރާއްޖޭގައި ވާދަވެރި ދުއްވުންތެރިންތަކެއް އުފެދި، ބައިނަލްއަޤްވާމީމުބާރާތްތަކުގައި ރާއްޖެ ތަމްސީލު ކުރެވޭނެ ކަމަށް. މިގޮތުން ރާއްޖޭގައި ބައިސްކަލް ދުއްވުމުގެކުޅިވަރުތައް ކުރިއެރުވުމަށް ދިރާގުން ކެނޑިނޭޅި ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރަން،" ވިދާޅުވިއެވެ.

މަމެން އިންޓަރ ސްކޫލް ސައިކްލިންގ ޗެމްޕިއަންޝިޕް ކާމިޔާބު ކަމާއެކު ނިންމާލުން

އިނާމު ދިނުމުގެ ހަފްލާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަތީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އެންވާރަމަންޓް، ކްލައިމެޓް ޗޭންޖް އަދި ޓެކްނޮލޮޖީ، ޑރ. އަބްދުﷲ ނަސީރެވެ.

މި ހަފްލާގައި ވަނީ ކޮންމެ ވާދަވެރި ކެޓަގަރީއަކުން އެންމެ މޮޅު ތިން އަންހެން އަދި ފިރިހެން ދުއްވުންތެރިންނާއި ކޮންމެ މިކްސްޑް ޓީމް ޕާސުޓް އުމުރުފުރާއަކުންވެސް އެންމެ މޮޅު ތިން ޓީމް ހޮވާފައެވެ.

މީގެ އިތުރުން ކޮންމެ އުމުރުފުރާއަކުން ވެސް ޗެމްޕިއަން ސްކޫލެއް ހޮވާފައި ވެއެވެ.

• 13 އަހަރުން ދަށުގެ ފިރިހެން - އިސްކަންދަރު ސްކޫލް
• 13 އަހަރުން ދަށުގެ އަންހެން - ކަލާފާނު ސްކޫލް
• 15 އަހަރުން ދަށުގެ ފިރިހެން - ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް
• 15 އަހަރުން ދަށުގެ އަންހެން - ގާޒީ ސްކޫލް
• 17 އަހަރުން ދަށުގެ ފިރިހެން - ހިރިޔާ ސްކޫލް
• 17 އަހަރުން ދަށުގެ އަންހެން - ހިރިޔާ ސްކޫލް
• 19 އަހަރުން ދަށް – ސެންޓރ ފޯ ހަޔާރ ސެކަންޑަރީ އެޑިއުކޭޝަން

މިއަހަރުގެ ޗެމްޕިއަންޝިޕަކީ ރާއްޖޭގައި ބޭއްވުނު މިފަދަ ފުރަތަމަ 100 އިންސައްތަ ގްރީންއެނަރޖީ އިވެންޓެވެ.

މި ހަރަކާތުގައި ބޭނުންކުރި ކަރަންޓު ނެގިފައިވަނީ އިރުގެ އަލިންހަކަތަ އުފައްދާ، ޕޯޓަބަލް ޕަވަރ ސްޓޭޝަންތަކަކުންނެވެ.

ދިރާގުން އަބަދުވެސް މަސައްކަތްކުރަނީ ތިމާވެއްޓަށް އީޖާބީ ގޮތެއްގައި އެހީތެރިވެދޭ އިވެންޓްތަކަށް އެއްބާރުލުންދީ،އިވެންޓްތައް ރާވައި، މުޖުތަމައުގެ ބައިވެރިވުން އިތުރުކޮށް، ސްކޫލް ކުދިންގެ ތަޖުރިބާތައް އިތުރުކުރުމަށެވެ.