ކުރިއަށް އޮތް 24 ގަޑި އިރުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ ވިއްސާރާ ކުރާނެ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުން ބުނީ ކުރިއަށް ރާއްޖޭގެ މޫސުން ލަފާ ކުރާ ގޮތައް ބަލާއިރު، މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކުރުމާ އެކު ބައެއް ރަށްތަކަށް ގުގުރުން އެކިށީގެންވާ ކަމަށެވެ.

"ރާއްޖެ ސަރަހައްދުގައި ވައިޖެހޭނީ ހުޅަނގު-ދެކުނާއި ހުޅަނގުން، މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލު ދެމެދުގެ ބާރުމިނުގައި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި . މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ" މެޓް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.

މެދުތެރޭގެ އަތޮޅު ތަކުގެ ކަނޑުތައް ގަދަވާނެ ކަމަށާއި އަދި ދެކުނާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިހާރު ރާއްޖެއަށް ކުރަމުން ދަނީ ތޫފާނަކާއި ގުޅުން ހުރި ވިއްސާރައެއް ނޫން ކަމަށާއި އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގެ އެއްވެސް ހިސާބެއްގައި ތޫފާނެއް އުފެދިފައި ނުވާކަމަށާއި އަދި މިހާރު ކުރަމުން ދަނީ މޫސުމީ ވިއްސާރައެއް ކަމުން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖެއަށް ވިއްސާރަވާނެ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެފައިވާއިރު، އިއްޔެ އާއި މިއަދުވެސް ވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓްވެސް ނެރެފައެވެ. އަދި ބައެއް ސަރަހައްދުތަކަށް ކަނޑު ގަދަވެ އުދައަރާފާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.