މިއަދު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ، 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު (ޔެލޯ އެލާޓް) ނެރެފިއެވެ.

ރީނދޫ ސަމާލު ނެރެފައި ވަނީ ށ.އަތޮޅުން ފެށިގެން ތ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ. ރީނދޫ ސަމާލު ނެރެފައި ވަނީ މިއަދު މެންދުރުފަހު 14:00 އާއި ހަމައަށެވެ. ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދުތަކުގައި ނުވަ މީޓަރަށްވުރެ ކުދި އުޅަނދު ފަހަރުގައި ފަސިންޖަރުން އުފުލުމާއި އަދި ސަލާމަތީ ހިދުމަތްދޭ ފަރާތްތަކެއްގެ އުޅަނދު ފިޔަވައި އެސައިޒްގެ އެހެން އުޅަނދެއް ދުއްވުން ވެސް މަނާ ވާނެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވިދާޅުވީ ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ވިލާގަނޑުގައި މޫސުން އިތުރަށް ގޯސް ވާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން އަދި ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކުރެއެވެ.