މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާ ބެހޭ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ހުދު ސަމާލު ނެރިފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށެވެ. އެއީ މިއަދު މެންދުރު 12:30 އިން ހަވީރު 18:30 އަށެވެ.

ސަމާލުގައި ބުނެފައިވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ވިއްސާރައިން ރައްކާތެރިވުމަށް އެޅިދާނެ ބައެއް ފިޔަވަޅުތައް:

  • ވާރޭ ވެހުމާއި އުދަ އަރައި ފެން ބޮޑުވެދާނެ ކަމަށް ތައްޔާރުވުން
    ގެއަށް ފެން ނުވަންނާނެ ހެން ވެލި ބަސްތާ ފަދަ ތަކެތި ޖެހުން
    ގެތެރޭގައި ފެންބޮޑުވުން ގެއްލުންވެދާނެ މުދާ އުސްތަންތަނަށް ބަދަލު ކުރުން ނުވަތަ ފެނުގެ އަސަރު ނުފޯރާ ތަނަކަށް ބަދަލު ކުރުން
    ގަދަވަޔާއެކު ފުރާޅު އެއްލާލަފާނެ ކަމަށް ލަފާކުރެވޭނަމަ ފުރާޅު އެއްލާނުލާފަދަ ގޮތަކަށް ހައްޔަރުކުރުން
    ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުން
    ބޭނުންނުކުރާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުން
    ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުން

މި ހަފްތާ ބަންދުން ފެށިގެން ރާއްޖެއަށް ވިއްސާރަކުރަމުންދާއިރު މޫސުން އަލިވާނީ މި ހަފްތާގެ ފަހުކޮޅުގައި ކަމަށް މެޓްއިން ލަފާކުރެއެވެ.