އުދައަރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފި އެވެ.

މެޓް އޮފީހުން ސަމާލު ނެރިފައިވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅުގެ ރަށްތަކަށެވެ. އެއީ މިއަދު ހެނދުނު 10:00 އަކުން ހަވީރު 16:00 އަށެވެ.

ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑއިރު މޫސުން ލަފާކުރާގޮތަށް ބަލާއިރު އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

މެޓް އިން ބުނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކަނޑުތައް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި 7 ފޫޓާއި 4 ފޫޓް ހުންނާނެ ކަމަށް ވެސް މެޓް އިން ބުނެ އެވެ.

މެޓް އިން ބުނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ.

ވިއްސާރައިން ރައްކާތެރިވުމަށް އެޅިދާނެ ބައެއް ފިޔަވަޅުތައް:

  • ވާރޭ ވެހުމާއި އުދަ އަރައި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުން
    ގެއަށް ފެން ނުވަންނާނެ ހެން ވެލި ބަސްތާ ފަދަ ތަކެތި ޖެހުން
    ގެތެރޭގައި ފެންބޮޑުވުން ގެއްލުންވެދާނެ މުދާ އުސްތަންތަނަށް ބަދަލު ކުރުން ނުވަތަ ފެނުގެ އަސަރު ނުފޯރާ ތަނަކަށް ބަދަލު ކުރުން
    ގަދަވަޔާއެކު ފުރާޅު އެއްލާލަފާނެ ކަމަށް ލަފާކުރެވޭނަމަ ފުރާޅު އެއްލާނުލާފަދަ ގޮތަކަށް ހައްޔަރުކުރުން
    ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުން
    ބޭނުންނުކުރާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުން
    ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުން

ކުރިއަށް އޮތް ހަފްތާއެއްހައި ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.