ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅުތަކަށް މިއަދު 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ރީނދޫ ސަމާލު (ޔެލޯ އެލާޓް) ނެރެފިއެވެ.

މެޓް އޮފީހުން ވަނީ ބ.އަތޮޅުން ފެށިގެން ހއ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފައެވެ.

ރީނދޫ ސަމާލުގައި ބުނެފައި ވަނީ ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި، ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގައި ވައި ޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ރީނދޫ ސަމާލު ނެރެފައި ވަނީ މިއަދު މެންދުރު ފަހު 15:00 އާއި ހަމައަށެވެ. ރީނދޫ ސަމާލުގެ ވަގުތު އިތުރު ކުރުން އަދި އެކަށީގެންވެއެވެ.

އުތުރުގެ އަަތޮޅުތަކަށް އިއްޔެ ވެސް 55 މޭލަށް ވައި ގަދަވިއެވެ. އެހެންކަމުން އިއްޔެ އަކީ ވެސް ރެކޯޑް މިންވަރަކަށް އުތުރުގެ އަތޮޅުތަކަށް ވައި ޖެހުނު ދުވަހެކެވެ.

ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދުތަކުގައި ނުވަ މީޓަރުން ދަށުގެ އުޅަނދު ފަހަރުގައި ފަސިންޖަރުން އުފުލުމާއި އަދި ސަލާމަތީ ހިދުމަތްދޭ ފަރާތްތަކެއްގެ އުޅަނދު ފިޔަވައި އެސައިޒްގެ އެހެން އުޅަނދެއް ދުއްވުން ވެސް މަނާ ވާނެއެވެ.

ރީނދޫ ސަމާލަކީ މޫސުން ގޯސްވުމުގެ ސަބަބުން ކުރިމަތިވެދާނެ ކާރިސާއަކަށް ކަމާބެހޭ ފަރާތްތަކާއި އާއްމު ރައްޔިތުން ސަމާލުވެ ތިބުމަށްޓަކައި ނެރޭ ސަމާލެކެވެ. މި ސަމާލު ނެރޭ ވަގުތުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވާ، ކަނޑުދަތުރު ފަތުރު ނުކުރުމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރެއެވެ.