އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ފަރާތުން ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން (ޑީޖީޓީ)ގެ މަގާމަށް އައްޔަން ކުރައްވަން ފޮނުއްވި ހ.ސީވީޑް، އަހުމަދު ލަތީފް (ސީވީޑް ލަތީފް) އެމަގާމަށް އައްޔަން ކޮށްފިއެވެ.

ޑީޖީޓީގެ މަގާމަށް ސީވީޑް ލަތީފް އައްޔަން ކުރަން އިބޫގެ ފަރާތުން އޭނާގެ ނަން ސިވިލް ސާވިސް ކޮމިޝަނަށް ފޮނުއްވެވީ އިއްޔެ އެވެ. މިއަދު ހެނދުނު ސިވިލް ސާވިސް ކޮމިޝަންގައި އޮތް ރަސްމިއްޔާތެއްގައި ވަނީ ސީވީޑް ލަތީފްގެ މަގާމުގެ އެއްބަސްވުމުގައި ސޮއި ކޮށް، މަގާމުގެ ލިޔުން ހަވާލު ކުރައްވާފައެވެ.

ސީވީޑް ލަތީފަކީ ކުރިން ރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުރި ސަފީރެވެ. އޭނާ މިހާރު ހުންނެވީ އޮލިމްޕިކް ކޮމެޓީގެ ނައިބު ރައީސްގެ މަގާމުގައެވެ.

ސީވީޑް ލަތީފަކީ އެމްޑީޕީ ޗެއާޕާސަން ހަސަން ލަތީފުގެ ބޭބެ އެވެ.

ޑީޖީޓީ ވާނީ ސިވިލް ސާވިސްގެ މުވައްޒަފަކަށެވެ. ވެރިކަން ބަދަލު ކުރުމުގެ މަރުހަލާއާ ގުޅޭ ގާނޫނުގައި ބުނެފައިވާ ގޮތުން އެދިއްޖެ ހިނދެއްގައި އިންތިހާބީ ރައީސަކަށް މަސައްކަތް ކުރާނެ އޮފީހަކާއި ފަންނީ މާހިރުންނާއި ކެއިން ބުއިމާއި ދިރިއުޅުމުގެ ހަރަދު ހަމަޖައްސައިދިނުމަކީ ޑީޖީޓީގެ ޒިންމާއެކެވެ.

ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގެ ކަންކަމުގައި އެންމެ އިސްކޮށް އުޅުއްވުމަށް ހަމަޖައްސަވާފައި ވަނީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މިފެންނަނީ ފަސްމަންޒަރު، މިމަގާމު މިޙަވާލުކުރީ މާރިޔާގެ ޅިޔަނުއާއި، ވެރިކަމުގެ ހުވައި ނުކުރެވެނީސް އަމިއްލަގާތަށް ބޮޑުގޮދަ ދަމަމުން އެދަނީ، ރައްޔިތުންނޭ ހެއިއަރާތިބޭ، ތިމީހުން އަތުންފޭހި އޫ ތިމީހުން އަމިއްލަ ލޮލަށްހެރިގެން ލޭކަރުނަ އޮއްސާނެ ދުވަސް މާކަދުރެއްނޫން