ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާން، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް މަރުހަބަ ވިދާޅުވެއްޖެއެވެ.

އިބޫގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މިއަދުގެ ވަގުތެއްގައި ޕާކިސްތާނުގެ ބޯޑު ވަޒީރު އިމްރާން ހާން ގުޅުއްވައި އިބޫ އަށް މަރުހަބާ ވިދާޅުވި ކަމަށެވެ.

އަދި ވެރިކަން ބަދަލުވުމުގެ މަރުހަލާ އޮމާންކަމާއި އަމާންކަމާއެކީގައި ކުރިއަށް ގެންދިއުމަށާއި ރާއްޖެ އާއި ޕާކިސްތާނުގެ ގުޅުން ކުރިއެކޭވެސް އެއް ގޮތަށް އޮންނާނެ ކަމަށާއި އަދި އެ ގުޅުން އިތުރަށް ބަދަހި ކުރުމަށް އިމްރާން އެދިވަޑައިގެންނެވި ކަމަށް މާރިޔާ ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން އެކި ގައުމުތަކުގެ ލީޑަރުން ގެންދަވަނީ އިބޫ އަށް މަރުހަބާ ދަންނަވަމުންނެވެ.

އެގޮތުން ޗައިނާ އާއި އެމެރިކާ އަދި ސައުދީ އަރަބިއްޔާ އިން ވެސް އިބޫ އަށް ވަނީ މަރުހަބާ ދަންނަވާފައެވެ. އަދި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވެސް އިބޫ އަށް މަރުހަބާ ދަންނަވާފައިވާއިރު އިބޫގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ އާއި ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އަށް ވަނީ ދައުވަތު އަރުވާފައެވެ.

މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު އިބޫ ކާމިޔާބުކުރެއްވީ ވޯޓުލީ މީހުންގެ 58.4 އިންސައްތަ ހޯދައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު