ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފް މުހައްމަދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ މައްސަލައިގެ އަޑުއެހުންތައް ސްޕްރީމް ކޯޓުން ނިންމާލައިފިއެވެ.

އެ މައްސަލައިގައި މިއަދު އޮތީ މައްސަލަ ހުށަހެޅި ލަތީފް އަދި މައްސަލަ ރައްދުވާ އިލެކްޝަންސް ކޮމިޝަނާއި، ދައުލަތުން މި މައްސަލައިގައި އިތުރަށް ދައްކާނެ ވާހަކައެއް އޮތްތޯ ސާފުކުރުމަށް ބޭއްވި އަޑުއެހުމެކެވެ.

އިޖުރާއަތުތައް ފުރިހަމަ ކުރުމަށް ބޭއްވި މިއަދުގެ އަޑުއެހުމުގައި މެންބަރު ލަތީފް ވަކީލް ހިސާން ހުސައިން އަދި ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު މާޝާ ލުތުފީ ވިދާޅުވީ، މައްސަލައިގައި އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ ވަކީލް ރިފްއަތް ޢަބްދުﷲ ވިދާޅުވީ މައްސަލައިގައި އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށާއި، އެދެނީ މެންބަރު ލަތީފްގެ ގޮނޑި ގެއްލިފައިވާ ކަމަށް ސްޕްރީމް ކޯޓުންވެސް ނިންމަވައިދެއްވުން ކަމަށެވެ.

އަބްދުލްލަތީފް މުހައްމަދުގެ ވަކީލު މައްސަލައިގައި އިތުރަށް ދައްކާނެ ވާހަކައެއް ނެތްކަމަށް ވިދާޅުވި ނަމަވެސް، ލަތީފް ވަނީ މި ކަންކަމާ ގުޅުވައިގެން ޝަރީއަތުގައި ވާހަކަފުޅު ދައްކަވާފައެވެ. ލަތީފް ވިދާޅުވީ، މައްސަލައިގައި ހުކުމެއް ނީއްވައި ގިނަ ދުވަސްތަކެއް ވެގެން ދިއުމަކީ ދާއިރާގެ ރައްޔިތުންގެ އަޑު ރައްޔިތުންގެ މަޖިލީހުގައި އިއްވުމުގެ ފުރުޞަތު ނުލިބި، އެ ރައްޔިތުންގެ ހައްޤަށް އުނިކަން އައިސް، އަގު ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމަކާ ކުރިމަތިވެފައިވާ ކަމެއް ކަމަށެވެ.

ލަތީފް އިތުރަށް ވިދާޅުވީ، ދިއްދޫ ދާއިރާގެ ރައްޔިތުންގެ އަޑު އުފުލާނެ ގޮތެއް ނެތުމުގެ އިތުރުން، މިކަމަކީ ހުދު އޭނާއަށްވެސް ލިބިގެންދިޔަ ބޮޑު ދެރައަކާއި ހިތާމައެއް ކަމަށެވެ. އަދި ސަރުކާރުގެ ފަރާތުން ކޯޓަށް ހުށަހަޅާ މައްސަލަތަކުގައި އަވަސް ހުކުމް އިއްވޭއިރު އާއްމުން ހުށަހަޅާ މައްސަލަތަކުގައި ހުކުމް ލަސްވާކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ލަތީފް ވިދާޅުވީ، ރައްޔިތުންނާއި، އޭނާއަށް ލިބެމުންދާ ގެއްލުމުން ސަލާމަތް ކުރުމަށްޓަކައި މި މައްސަލައިގައި އަސް ހުކުމެއް އިއްވައިދެއްވުން އެދޭ ކަމަށެވެ.

ސްޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައި ވަނީ ފްލޯ ކްރޮސިންގެ އުސޫލަކީ (އިންތިހާބުވާ ޕާޓީ ދޫކޮށްލާ އެހެން ޕާޓިއަކަށް ބަދަލުވާ މެންބަރުންގެ ގޮނޑި ގެއްލޭ އުސޫލަކީ) ރާއްޖޭގެ މަލްޓިޕާޓީ ނިޒާމް ހަރުދަނާކުރުމަށް މުހިންމު އުސޫލެއް ކަމަށް އެ ކޯޓުން ދެކޭ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށްބުނާ 12 މެންބަރުންގެ ގޮނޑިއާމެދު މީގެ ކުރިން ސީދާ ވަކި ގޮތެއް ކަނޑައަޅުއްވާފައެއް ނުވެއެވެ.

ލަތީފްގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލެއްވިއިރު، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ވަހީދު (ލޯޔަރު ވައްޑެ) އަދި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ރައްޔިތުން މަޖިލީހުގެ މެންބަރު ކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ މައްސަލައިގެ އަޑުއެހުންތައް އިއްޔެ ސްޕްރީމް ކޯޓުން ވަނީ ނިންމާލައިފައެވެ. އަދި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުން މިއަދު މެންދުރުފަހު ސްޕްރީމް ކޯޓުގައި ތާވަލުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު