ރާއްޖޭގައި އަލަށް ދަތުރު ފަށާ ޑޮމެސްޓިކް އެއާލައިނެއް ކަމަށްވާ "މަންޓާ އެއާ" ގެ ސީޕްލޭންތަކަށް ޕައިލެޓުންނާއި ކެބިން ކްރޫ އިން ހޯދަން އިއުލާނުކޮށްފިއެވެ.

އެ ކުންފުނިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، ޑީއެޗްސީ-7 ޓްވިން އޮޓަރގެ ކެޕްޓަނުންނާއި ފަސްޓް އޮފިސަރުން އަދި ކެބިން ކްރޫއިން ހޯދަން ބޭނުންވާ ކަމަށެވެ.

އިއުލާނުގައި ބުނެފައިވާގޮތުގައި، ކެޕްޓަން ވާން ޖެހެނީ އީސާ ނުވަތަ އިކާއޯގެ އެއާލައިން ޓްރާންސްޕޯޓް ޕައިލެޓް ލައިސަންސް އޮންނަ މީހަކަށެވެ. އަދި ފަސްޓް އޮފިސަރ ވާން ޖެހޭނީ އީސާ ނުވަތަ އިކާއޯގެ ކޮމާޝިއަލް ޕައިލެޓް ލައިސަންސް އޮންނަ މީހަކަށެވެ.

މީގެ އިތުރުން ކެބިން ކްރޫ ވާން ޖެހޭނީ އޯލެވެލް ނުވަތަ އޭލެވެލްގެ ތިން މާއްދާ އިން ފާސްވެފައިވާ މީހަކަށެވެ. މީގެ އިތުރުން ރާއްޖޭގެ ސިވިލް އޭވިއޭޝަނުން ދޫކޮށްފައިވާ ކެބިން ކްރޫއިންގެ ލައިންސަންސް އޮތް މީހަކަށް ވެސް ވާންޖެހޭނެއެވެ.

މަދުވެގެން އެއް އަހަރު ދުވަހު ޑީއެޗް-6 ޓްވިން އޮޓަރ ބޯޓެއްގައި ކެބިންކްރޫއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ އަދި ކަސްޓަމަރ ސާވިސް އެކްސްޕީރިއަންސް ހުންނަ ފަރާތަކަށް ވާން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން ފަތަން އެނގޭ މީހަކަށް ވެސް ވާން ޖެހެއެވެ. އަދި ފަރިތަކަމާއި އެކު އިނގިރޭސިބަހުން ލިޔަންށާއި ކިޔަން އެނގުމުގެ އިތުރުން ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށް ވެސް ވާން ޖެހޭނެއެވެ.

މަންޓާ އެއާގެ އޮފީސް ހުންނާނީ ބޮޑުތަކުރާފުނު މަގު، ތުނިޔަ ބިލްޑިންގްގެ ހަތަރުވަނަ ފަންގިފިލާފައެވެ. މަންޓާ އެއާލައިންގެ ވަޒީފާތަކާއި ބެހޭ އިތުރު މައުލޫމާތު 3319911 ނުވަތަ 3314477 ލިބިވަޑައިގަންނަވާނެއެވެ.

އެ އެލާއިން އިން މަސައްކަތް ކުރައްވަމުން ގެންދަވަނީ މި މަސް ތެރޭގައި ދަތުރުތައް ފެށުމަށެވެ. މީގެކުރިން އެ އެއާލައިން ވަނީ އޭޓީއާރް ފްލައިޓްތަކަށް ވެސް ޕައިލެޓުންނާއި ކެބިން ކްރޫއިން ހޯދަން އިއުލާނުކޮށްފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިން ދ.އަތޮޅު، ރ.އަތޮޅު، ބ.އަތޮޅު އަދި ތ.އަތޮޅުގެ ރިސޯޓްތަކަށް މަންޓާ އެއާ އިން ފަތުރުވެރިން އުފުލާނެއެވެ. އެއާލައިން އިން ދަތުރުތައް ފަށަނީ ހަތަރު ސީޕްލޭނާއި 72 މީހުންގެ ޖާގައިގެ ތިން އޭޓިއާރް ފްލައިޓް ބޭނުން ކޮށްގެންނެވެ.