ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަންގެ މެންބަރުން އަވައްޓެރި ސްރީލަންކާ އިން "ހިމާޔަތް ހޯދައިފި" ކަމަށް އެގައުމުގެ ނޫހަކުން ބުނެފިއެވެ.

ލަންކާގެ ނޫހެއް ކަމަށްވާ "ކޮލަމްބޯ ގެޒެޓް" އިން ބުނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް ލިބެމުން އަންނަ އިންޒާރުތަކުގެ ސަބަބުން ހަތަރު މެންބަރުން ސްރީލަންކާ އަށް ވަޑައިގެން އެގައުމުން "ހިމާޔަތް ހޯދާފައިވާ ކަމަށެވެ."

ނަމަވެސް އެއީ ސިޔާސީ ހިމާޔަތް ކަމެއް އެނޫހުގައި ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ އާއި ކޮމިޝަންގެ މެންބަރުން ކަމަށްވާ، އިސްމާއިލް ހަބީބް އަބްދުލްރަހުމާނާއި، އަހްމަދު އަކްރަމާއި، އަލީ ނަޝާތު މިހާރު ތިއްބެވީ އަވައްޓެރި ސްރީލަންކާގައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ލަންކާ އިން "ހިމާޔަތް ހޯދައިފި" ކަމަށް ލަންކާގެ ނޫހުގައި ބުނާ ޚަބަރުގެ ސައްހަކަން ބެލުމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހްމަދު އަކްރަމަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ކޮމިޝަންގެ ބަހެއް ނުލިބެއެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ސަފީރު ޓުން-ލައި މާކްއީ މިހާރު ރާއްޖެ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފާއި ބައްދަލު ކުރެއްވިއެވެ. އެބައްދަލު ކުރެއްވުމުގައި އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް ލިބެމުން އަންނަ އިންޒާރުތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ލަންކާގެ ނޫހުގައި ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ ގެއަށް ދަންވަރު ގޭންގްތަކުން ވަންނަން މަސައްކަތް ކޮށްފައިވާ ކަމަށް ކޮމިޝަންގެ ރައީސް ޝަރީފް ވިދާޅުވެފައިވާ ކަމަށެވެ.

ނަމަވެސް އެފަދަ ރިޕޯޓެއް ފުލުހުންނަށް ކޮށްފައިވާ ކަމުގެ މައުލޫމާތެއް ނުލިބެއެވެ. އަދި މީޑިއާގައި ވެސް އެފަދަ ހާދިސާއެއް ރިޕޯޓް ކޮށްފައެއް ނުވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ހަތަރު މެންބަރުން ރާއްޖެ ދޫކުރައްވާ ވަޑައިގެންނެވި އިރު އެކޮމިޝަނުން އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ބުނެ ޕީޕީއެމް އިން ގެންދަނީ ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. އެތުހުމަތުތަކަށް ޖަވާބު ދާރީވުމަށް ޕީޕީއެމް އިން އިލެކްޝަންސް ކޮމިޝަނަށް ގޮވާލަމުން ދިޔަ ނަމަވެސް ކޮމިޝަނުން ތުހުމަތުތަކާއި ގުޅޭ ގޮތުން ވާހަކައެއް ނުދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ރައްޔިތުން

  ރާއްޖޭގައި ގާއިމުކޮށްފައިވާ ދިވެހި ދައުލަތުގެ މުއައްސަސާއެއް ބޭރުގައުމެއްގައި ތިބެގެން ތަމްސީލް ނުކުރެވޭނެ. ގަޓު ހުރެގެން ރާއްޖެ އަށް އަންނަންވީ ނޫނީ މަޖިލީހުން ތިޔަކަމަށް ފިޔަވަޅު އަޅާފާނެ. މިދަނޑިވަޅުގައި

 2. އައްމި

  ކޮންމެވެސް ކަމެއް ކުރެވުނީމަތާ، ލަންކާއިން ހިމާޔަތް ހޯދާނީ

 3. ާއެ އަނގޮޓި

  ޤައުމު ވިއްކާލާފަ ފިއްލެވީތޯ؟ އިލެކްޝަންއާ ގުޅިގެން ދިވެހިންނަށް ލިބޭ ގެއްލުމުގެ ޒިންމާ ނަންގަވަން ތައްޔާރަށް ތިއްބަވާތި އިއްޒަތްތެރި މެމްބަރުން.!! ދިވެހީންގެ އަގު ވެއްޔާ މޮޑެލައިފ.. ހުރި ހިތާމައެއްގެ ބޮޑުކަމާ!!!!

 4. ޢައިބު

  ޕޮލިހަށް އެކަން އެނގިފައި ނުވާއިރު އެކަން އެނގޭ ހަމަ އެކަނި ފަރާތަކީ ޝަރީފް ކަމުން މައުލޫމާތު ދީފައި އެވަނީ. ޝަރީފް ޖެހޭނެ ޕޮލިހަށް އެކަން އަންގަން.

 5. މަސްވެރިޔާ

  ބަލަ ކުށެއްނުކުރާބަޔަކު ބޭރުޤައުމެއްގެ ސިޔާސީ ހިމާޔަތެއް ހޯދަންވީ ކީއްކުރަންތޯ. މިބޭފުޅުންނަށް ދިވެހި ސިފައިންނާއި ފުލުހުންގެ ފުލް ސިކިއުރިޓީ ލިބޭނެކަން ޔަޤީން .. ކަލޯމެންނޭ ރައްޔިތުންގެ ވޯޓަކަށް ގަންދާރުވެފައިވާނަމަ ދުވަހަކުވެސް އެކަމަކަށް ދިވެިން މައާފްނުކުރާނެ ..

 6. އަލީ

  އަޖައިބެއްކަހަލަ ކަމެއް 4 މެންބަރުން ފިލައިގެން ދިޔަވަގތު އިންޒާރުގެ ވާހަކައެއްވެސްނެތް!މިހަތަރުމީހުން ލަންކާއިން ހިމާޔަތް ހޯދިއިރު އެންމެ ބޮޑު........ހުރީރާއްޖޭގައި އެހެންވީމައި އިންޒާރުދޭ ވާހަކައަކީވެސް ތެދެއްނުންތާ!

 7. ނޭންގެ

  ޚކަމެެއް ނުކުރަންޔާ ހިމާޔަތް ހޯދަނީ ކީއްކުރަން...

 8. ސަލީމް

  ހިމާޔަތް ހޯދިޔަކަސް ނިމުނީއެއްނު. 2018 ގެ ވޯޓަކީ ސައްޙަ ވޯޓެއްކަން ޕްރޫފް ކޮށްނުދީ ހިމާޔަތް ހޯދުމަކުން، ތިޔައީ ސައްޙަ ވެރިކަމެއްކަމަށް ބަލައި ނުގަނެވޭނެ.

 9. ދިވެހީން

  ކޮންމެވެސް ކަމެއް ކުރެވުނީމަތާ، ލަންކާއިން ހިމާޔަތް ހޯދާނީ

 10. ހުސޭނުބޭ

  އަޅެ މިހާދުވަސްވަންދެން ގޮވީ ތިމަންމެންނަކީ ތެދު އަލިފެކޭ! މިހާރު ބަޅެއްގެ ނަގުލަށްވުރެ ހާލު ބޮޑު! ހާދަ ވައްކަމެއް ކުރީމައޭ އެހެން ޤައުމަކުން ހިމާޔަތް ހޯދަން ޖެހޭނީ! ހާދަ ލާރިއެއް ލިބިގެނޭ ތިތަނުގައި އަރާމުގައި އުޅެވޭނީ!

 11. ބޭބެ

  ގޯސްތަކެއް ހަދާފައިވާކަމަށް މިކަށަވަރުވީ!! ގޯސްތަކެއް ނަހަދާނަމަ މިހެން ބިރުން އުޅޭކަށް ނުޖެހޭނެ!! މިރާއްޖޭގައި އެކިއެކި މީސް މީހުނަށް އެކިކަހަލަ އިންޒާރު ދޭލެއް މަދެއްނޫން!! އެތައް މުއައްސަސާއެއްގެ މުވައްޒަފުންނަށް އިންޒާރުލިބޭ!! މުއައްސަސާތަކުގައި ނޫޅޭ މީހުންނަށްވެސް އިންޒާރު ލިބޭ!! އެހެންވީމަ މިއުޅެނީ ގޯހެއް!! ބޮލުގެ އެއްޗެއް ހިތުން މިހެދީ!! ކަމާގުޅޭ އިދާރާއަކުން މިކަން ތަހްގީގުކޮށް ސުވާލުކޮށްފާނެތީ މިފިލީ!! ދެން ހުރީ ސުވާލުކުރިޔަސް މުޅިން ޑިނައިކުރަން ގޮވި މީހާ!! އެހެންވީމަ އޭނަގެ ޙާލަތު އެބައެނގޭ!! އޮޅުވާލި ވޯޓޭ މިކިޔަނީ ހަމަ ރަގަނޅަށްކަމަށް ބެލެވޭ!!

 12. ޒާ

  ކޮން ކަމަކާ ހިމާޔަތް ހޯދީ. ކުރެވުނު ވައްކަން އެމީހުން ނޫން މީހުންނަށް ފަޅާއަރާފަ އޮތީމާދޯ ފިލައިގެން ތިއުޅެނީ އެކުވެރިން ދިން ފައިސާތައްމަތީ އުފަލުގައި.

 13. ފާއިޒް

  ލާރިގަނޑު ބަނޑު އަޅާލާގެން ބެޗީ އަދިވެސް ބުނޭ އަމައޭ.... ސަރުކާރުން ޝަރީފް ހައްޔަރުކޮށް ފުރިހަމަ ތަހުގީގެއް ހިންގަން ގޮވާލަން...

 14. ރާއްޖެ

  މިހާރުން މިހާރަށް ރާއްޖެގެނެސް ޖަލަށްލާ
  އެކަކުވެސް ދޫނުކުރާތި!

 15. ޒާ

  އެހެންދޯ ވާނީ ކުރެވުނު ކަމުގެ ބޮޑުކަން އެވެރިންނަށް ހިތަށް އަރާ. ވޯޓް އޮޅުވާލީމާ ލިބުނު ލާރިގަނޑު ހުސްވަންދެން އެހެން އުޅޭނެ.

 16. ރުޒާނާ ޗޮއްޕަޓު

  ވަގުންނަކީ ކޮބައިކަން އެބަ އެނގޭނު. ފިލިލެއް ލަހެއް ވެއްޖެ؟؟؟

 17. ޕިންޑޭ

  ލަންކާ އަށް ދިއަޔަސް އަދި ނުއެއް ފިލޭނެ. އިންތިހާބުގައި މަކަރު ހަދާފައިވާނަމަ އެކަމެއް ހޯދުނު ދުވަހަކުން އެކަމެއް ކުރިބަޔަކަށް އޭގެ ހައްޤު އަދަބު ލިބޭނެ. ފިލާ ތިބެން ބޭނުން ކަމުގައިވާނަމަ އާއިލާވެސް ހާންދާންވެސް ގޮވައިގެންދޭ! އެނޫނީ އަތުޖެހުނު މީހަކަށް އަދަބު ލިބޭނީ