އައްޑޫ ސިޓީގައި ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ބޭނުންވާ ފަރާތްތަކަށް ގޯތިދޫކުރުމަށް ސަރުކާރުން ހުޅުވާލި ފުރުޞަތުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިކަން ހާމަކުރައްވާ ހައުސިންގ މިނިސްޓްރީން ވިދާޅުވީ، އައްޑޫ ސިޓީން ގޯއްޗަށް އެދުމުގެ މުއްދަތު 14 އޮކްޓޫބަރ 2018 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 އާއި ހަމައަށް އިތުރުކުރެވިފައި ވާކަމަށެވެ.

އެހެންކަމުން ގޯއްޗަށް އެދި ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން "ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު" ފުރިހަމަކޮށް، އެ ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔުންތަކާއެކު އެ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހުށަހަޅަން ޖެހޭނެއެވެ.

އައްޑޫ ސިޓީން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެ ކެޓެގަރީ ތަކަކީ އުމުރުން 18 އަހަރާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ހާއްސަ ކެޓެގަރީ އާއި ހުރިހާ ފަރާތްތަކަށް ޙާއްޞަ ކެޓެގަރީއެވެ. އަދި ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ލިބޭ ޕޮއިންޓްތަކަށް ބެލުމަށްފަހު ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުުވިއެވެ.

އައްޑޫ ސިޓީގައި ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ހަތަރު ރަށަކުންނެވެ. އެ ހަތަރު ރަށުގެ ތެރޭގައި ހިމެނޭ ހުޅުދޫ، މީދޫ އަދި ހިތަދޫ އިން ދޫކުރުމަށް ހަމަޖެހިފައި ވަނީ 2000 އަކަފޫޓުގެ ބިމެވެ. އަދި ފޭދޫ އިން ދޫކުރުމަށް ހަމަޖެހިފައި ވަނީ 1400 އަކަފޫޓުގެ ބިމެވެ.

ގޯއްޗަށް އެދި ހުށަހަޅާ ފޯމްތައް މިހާރުވެސް ލިބެެން ހުންނާނެ ކަމަށާއި، ގޯތި ދޫކުމާއި ބެހޭ އިތުރު މައުލޫމާތު ހައުސިންގް މިނިސްޓްރީ އާއި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.