ފޯނު އަތުލުމަށްފަހު އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ދޫކޮށްލައިފިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މުހައްމާ މިއަދު ހައްޔަރުކުރީ ކެންގަރޫ ކިޑްސް ޕްރީ ސުކޫލު ކައިރިން ބުރުޒު މަގުންނެވެ. ފޯނު ހިފެހެއްޓުމަށްފަހު މުހައްމާ ދޫކޮށްލާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. މުހައްމާގެ ފޯނު ހިފެހެއްޓީ ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެންނެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ފުލުހުން ވަނީ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނާއި، ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނާއި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ އިތުރުން ގަލޮޅުދެކުނު ދާއިރާގެ މެންބަރު މަހުލޫފު ހައްޔަރުކޮށްފައެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވެސް މިވަގުތު ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

މި ތިން ބޭފުޅުން ހައްޔަރުކޮށްފައިވަނީ ރިޝްވަތުގެ މައްސަލައެއްގެ ތުހުމަތާއި ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ.

ފުލުހުން މީގެ ކުރިން ވިދާޅުވެފައިވަނީ މިބޭފުޅުންގެ މައްޗަށް ކުރެވޭ ތުހުމަތު ތަކަށް ހެކި ލިބިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު