މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ ނިންމުމާއެކު ތިއްބެވި ހުރިހާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ޝުކުރު ދަންނަވައިފިއެވެ.
ރިޔާސީ އިންތިހާބު ބާތިލްކުރަން ނުޖެހޭ ކަމަށް ސްޕްރީމް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި، ޝަރީފް ވިދާޅުވީ އިލެކްޝަނުގެ ލީގަލް ޓީމުގައި ހިމެނިވަޑައިގެންނެވި ބޭފުޅުން ކުރެއްވި މަސައްކަތް ފާހަގަކުރާ ކަމަށާއި، އިލެކްޝަންގެ ސްޓާފުންގެ މަސައްކަތްތަކަށްވެސް ޝުކުރު އަދާ ކުރާ ކަމަށެވެ.
"ރައްޔިތުންގެ ނިންމުމާއި އެއްކޮޅަށް ތިބި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަން". ޝަރީފް ވިދާޅުވިއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ރިޔާސީ އިންތިހާބު ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ވެއްދި މައްސަލާގައި މިއަދު އިންތިހާބު ބާތިލުކުރަން ނުޖެހޭ ކަމަށް ހުކުމް ކުރެއްވީ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ވިދާޅުވީ 23 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިހާބަކީ ޝަރުއީޔަތު ގެއްލިފައިވާ އިންތިހާބެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައިގައި އިންތިހާބު ބާތިލުކުރަންޖެހޭ ފަދަ އަސާސެއް ނެތް ކަމަށެވެ.
އަދި އަލުން އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނަށް އަމުރު ކުރާނެ ތަނެއް ނެތް ކަމަށްވެސް ހުކުމުގައި ވިދާޅުވެފައިވެއެވެ.
ޝަރީފު ވޯޓް އޮޅުވާލި އޯޑިއޯގައި ބުނެފައިވަނީ ބިރު ނުގަންނާށޭ އެއްވެސްކަމެއް ނުވާނޭ އެއީ ވަރަށްޔަޤީންކަން އޮތީމަ.