ހުސްވެފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމަށް އެ ޕާޓީގެ ބާނީ ގާސިމް އިބްރާހިމް ކުރިމަތިލައްވައިފިއެވެ.

އެމަގާމަށް ކުރިމަތިލުމަށް ނިންމާ ގާސިމް މިއަދު ވަނީ އެކަމުގެ ސިޓީ ޖުމްހޫރީ ޕާޓީގެ އޮފީހަށް ހުށައަޅާފައެވެ. ގާސިމްގެ ސިޓީއާއި ހަވާލުވެ ވަޑައިގެންފައިވަނީ ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމަށް ކުރިމަތިލެއްވުމަށް ހުޅުވާލަން ފާސްކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުގެރޭ ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ. ޖޭޕީގެ ލީޑަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރު 3 ޖެހުމާ ހަމަޔަށް އޮންނާނެއެވެ.

ޖުމްހޫރީ ޕާޓީގެ ޤައުމީ ކޮންފަރެންސް އިން އިންތިހާބު ކުރަންޖެހޭ ޕާޓީގެ ލީޑަރުގެ މަޤާމަށް އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައި ނެތުމުގެ ސަބަބުން އެ ކޮންފަރެންސްގައި ޕާޓިގެ ލީޑަރު ކަމުގެ މަޤާމަށް ބޭފުޅަކު އިންތިހާބު ކޮށްފައެއް ނުވެއެވެ. އެ މަގާމު މިއަދާއި ހަމައަށް އޮތީ ހުސްކޮށެވެ.

ޖޭޕީގެ ގައުމީ ކޮންފަރެންސް ބޭއްވިއިރު ގާސިމް ހުންނެވީ ބޭސްފަރުވާއަކަށް ކަމަށް ވިދާޅުވެ ޖަރުމަނު ވިލާތުގައެވެ. ނަމަވެސް ރިޔާސީ އިންތިހާބަށްފަހު ގާސިމް އެނބުރި ރާއްޖެ ވަޑައިގެންފައިވާއިރު އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމް ދާދިފަހުން ހައިކޯޓުން ވަނީ ބާތިލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަލީ ހަމީދު

    ތިޔަކަމައް ކުރިމަތިލާނެ 2 ވަނަ މީހަކު ޖަޒީރާ ރާއްޖޭގަ އެބަހުރިބަ..ހަމަ އަހާލީ..