އެކައުންޓުގެ މައުލޫމާތު ހިއްސާކުރަން އެދި ބޭންކް އޮފް މޯލްޑިވްސް ގެ ބައެއް ކަސްޓަމަރުންނަށް ފޭކު އީމެއިލް ފޮނުވަމުންދާތީ ސަމާލުވުމަށް އެ ބޭންކުން އެދިއްޖެއެވެ.

އޮޅުވާލައިގެން އެކި ތަންތަނުގެ ނަމުގައި އެކި ފަރާތްތަކުގެ އިންޓަރނެޓް ބޭންކިންގ، ޑެބިޓް އަދި ކްރެޑިޓް ކާޑުގެ މަޢުލޫމާތު ހޯދަމުން އައުމަކީ މިހާރަކަށް އައިސް މުޅި ދުނިޔޭގައިވެސް ވަރަށް ބޮޑަށް ފެތުރެމުން އަންނަ ކަމެކެވެ. މިގޮތުން ފޯން ކޯލް، އީމެއިލް އަދި އެސްއެމްއެސްގެ މެދުވެރިކޮށް ބައެއް ފަރާތްތަކަށް އޮޅުވާލައިގެން އެކައުންޓް ނުވަތަ ކްރެޑިޓް ކާޑުގެ މަޢުލޫމާތު ހޯދައެވެ. އަދި މީގެ އިތުރުން ޞައްޙަ ނޫން ވެބްސައިޓް ނުވަތަ އެފަދަ ވެބްސައިޓްތަކުގެ ލިންކްވެސް މިފަދަ މަޢުލޫމާތު ހޯދުމަށްޓަކައި ދަނީ ބޭނުންކުރަމުންނެވެ.

ކަސްޓަމަރުން ހޭލުންތެރި ކުރުވަން ހިންގާ ކެމްޕޭންގައި ބީއެމްއެލް އިން ބޭނުން ކުރާ ޕޯސްޓަރެއް
ކަސްޓަމަރުން ހޭލުންތެރި ކުރުވަން ހިންގާ ކެމްޕޭންގައި ބީއެމްއެލް އިން ބޭނުން ކުރާ ޕޯސްޓަރެއް

ހިތާމަޔަކީ ރާއްޖޭގައިވެސް މިފަދަ ކަންކަން ދުވަހެއް ދުވަހަކަށް ހިނގަމުންދާ ކަމެވެ. އަދި މިދުވަސްވަރު އަނެއްކާވެސް އީމެއިލް މެދުވެރިކޮށް ކަސްޓަމަރުންގެ މައުލޫމާތު ހޯދުމުގެ މަސައްކަތްތަކެއްވަނީ އިތުރުވެފައެވެ. އެހެންކަމުން ބޭންކުގެ އިލްތިމާސަކީ ކަސްޓަމަރުން މިކަމަށް އިތުރަށް ސަމާލުވެ ހުރިހާ ވަގުތެއްގައިވެސް މިފަދަ ކަންކަމުން ރައްކާތެރިވުމެވެ. އަދި ބޭންކުންވަނީ މިފަދަ ފޭކް އީމެއިލްތައް ލިބުމުން ކަސްޓަމަރުން ކޮންމެހެން ބަލަންޖެހޭ ކަންތައްތަކެއްވެސް ފާހަގަކޮށްފައެވެ.

ބޭންކުގެ ފަރާތުން ކަސްޓަމަރުންނަށް ދޭން ބޭނުންވާ އެންމެ މުހިންމު މެސަޖަކީ އެކައުންޓް، އިންޓަރނެޓް ބޭންކިންގް ޔޫސަރނޭމް އަދި ޕާސްވޯޑް، ކާޑު އަދި ޕިންގެ މަޢުލޫމާތު ކާކުކަން ނޭނގޭ އެއްވެސް ފަރާތަކާ ޙިއްސާ ނުކުރުމަށެވެ. ބީއެމްއެލްގެ ނަމުގަޔާއި އަދި އެހެނިހެން ބައެއް އިދާރާތަކުގެ ނަމުގައި ކަސްޓަމަރުންނަށް އީމެއިލް ލިބެމުންދާކަން ބައެއް ކަސްޓަމަރުންވެސް ވަނީ ފާހަގަކޮށްފައެވެ. ކަސްޓަރަމުންގެ އަމިއްލަ މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭންކް އޮފް މޯލްޑިވްސް އިން އެއްވެސް ކަސްޓަމަރަކަށް އީމެއިލް ނުފޮނުވާނެ ވާހަކަ ތަކުރާރުކޮށްދަންނަވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ވެސް ވިދާޅުވިއެވެ.

ބީއެމްއެލް އިން މީގެ ކުރީންވެސް ވަނީ، ބޭންކުގެ ކަސްޓަމަރުންނަށް އޮޅުވާލުމަށްޓަކައި މިފަދަ ތަފާތު އަމަލުތައް ފޯނާއި އިންޓަނެޓް މެދުވެރިކޮށް ހިންގަމުން ދާކަމަށާއި އެފަދަ ކަންކަމަށް ކަސްޓަމަރުން އަބަދުވެސް ސަމާލުވެތިބުމަށް އިލްތިމާސްކޮށްފައެވެ.