ސްރީލަންކާގެ ބޮޑު ވަޒީރުކަމުން ރަނިލް ވިކްރަމަސިންހަ ވަކިކުރުމާއި ގުޅިގެން އެގައުމުގައި ހަމަނުޖެހުންތައް ހިންގަމުންދާއިރު، ލަންކާގައި ދިރިއުޅޭ ދިވެހިން ބައިބޯވާ ތަންތަނަށް ނުދިއުމަށް ސްރީލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީން އިލްތިމާސްކޮށްފިއެވެ.

އެ އެމްބަސީ މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ލަންކާގައި ހިނގަމުންދާ ސިޔާސީ ހަލަބޮލިކަމާއި ގުޅިގެން، ކޮލަމްބޯގެ ބައެއް ހިސާބުތަކުގައި މިއަދުވެސް މުޒާހަރާ ކުރަމުން އަންނަ ކަަމަށެވެ. އެހެންވެ ބޭރަށް ނުކުމެ އުޅޭ ދިވެހިން ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްބަސީން ވަނީ ނަސޭހަތްތެރިވެފައެވެ.

"ޒަރޫރީ ބޭނުމަކަށް ނޫނީ، ބައިބޯވާ ތަންތަނަށް ވަޑައިނުގަތުމަށް، އިލްތިމާސްކުރަމެވެ". އެ ދެންނެވުމުގައި ވެއެވެ.

އެ އެމްބަސީން ބުނީ، ކޮންސިއުލޭޓަރގެ އެހީތެރިކަން ބޭނުންވެއްޖެނަމަ، 0766660159 އަށް ގުޅުމަށް އެދިފައެވެ.

ލަންކާގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކުގައި މިހާރުވެސް އެކަކު ވަނީ މަރުވެފައެވެ. އަދި ހަމަޖެހުން ގާއިމުނުކުރެވިއްޖެނަމަ ބޮޑު ލޭއޮހޮރުވުމެއް ހިނގާފާނެކަމުގެ އިންޒާރު، އެ ގައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްވެސް ވަނީ ދެއްވާފައެެވެ.

އެޤައުމުގައި ސިޔާސީ ނުތަނަވަސްކަމެއް އުފެދިފައިވަނީ އެޤައުމުގެ ބޮޑުވަޒީރުކަމުގެ މަޤާމުގައި ހުންނެވި ރަނިލް ވިކްސަރަމަސިންހަގެ ޕާޓީއާއެކު ރައީސް މައިތިރިޕާލާ ސިރިސޭނާގެ ޕާޓީން ހަދާފައިވާ ކޯލިޝަން ރޫޅާލާ، އެޤައުމުގެ ބޮޑުވަޒީރުކަމުން ރަނިލް ވަކިކުރުމުންނެވެ. ބޮޑުވަޒީރުކަމުން ރަނިލް ދުރުކުރުމަށްފަހު، އެމަޤާމަށް އައްޔަން ކުރައްވާފައިވަނީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އެވެ.

މި ނިންމުމަށް ރަނިލް ދެކޮޅު ހަދާފައިވާއިރު، މިއީ ޤާނޫނު އަސާސީއާ ޚިލާފު ކަމެއްކަމަށްވެސް ބުނެފައިވެއެވެ. ހަމައެހެންމެ، އެޤައުމުގެ މަޖިލީހުގެ ތެރެއިން ސިރިސޭނާ މަޤާމުން ވައްޓާލުމަށް މަސައްކަތް ކުރަމުންދާނެކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް، އެޤައުމުގެ މަޖިލިސް މިހާރުވަނީ، ރައީސް އަށް ލިބިދޭ ބާރުގެ ދަށުން ސަސްޕެންޑް ކޮށްފައެވެ.