ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިލެޓްރޯނިކް ވޯޓިން ނުވަތަ އީ ވޯޓިން ބޭނުން ނުކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މަޖިލިސް އިންތިހާބުގައި އީ ވޯޓިންއަކަށް ދިއުމަކީ އެ ކޮމިޝަނުން މިހާރު ބޭނުންވާ ކަމެއް ނޫން ކަމަށާއި އިންތިހާބީ ޕްރޮސެސްތަކުގެ ތެރެއިން ރީ-ރެޖިސްޓްރޭޝަން އިލެކްޓްރޯނިކް ކުރެވިދާނެ ކަމަށާއި ނަމަވެސް ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އިލެކްޓްރޯނިކް ވަސީލަތެއް ބޭނުން ނުކުރާނެ ކަމަށެވެ.

"އިލެކްޓްރޯނިކް ވޯޓިންގައި، މުޅި ޕްރޮސެސް އިލެކްޓްރޯނިކް ކުރުމުގެ ބޭނުމެއް ރާއްޖެ ކަހަލަ ކުޑަ އާބާދީއަކަށް އޮތް ކަމަކަށް އަޅުގަނޑުމެންނަކަށް ނުފެނޭ" އިލެކްޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި އީ ވޯޓިންގ ތައާރަފް ނުކުރެވުނު ނަމަވެސް، އީ ވޯޓިންގެ ނިޒާމެއް ރާއްޖެ ތައާރަފްކުރަން ކުރާ މަސައްކަތް ހުއްޓާ ނުލާ ކުރިއަށްދާނެކަމަށް އެ ކޮމިޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ.

މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ވެސް އީ ވޯޓިން ތައާރަފްކުރަން އުޅެނެވެ. އެފަހަރު އެކަމަށް އެމްޑީޕީން ތާއީދުކުރި އިރު ދެކޮޅުހެދީ ޕީޕީއެމުންނެވެ.

އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި، އީ ވޯޓިން އަކަށް ދާން އޭރު ސަރުކާރުން ބޭނުން ވަނީ، ވޯޓުގައި މަކަރު ހެދުމަށެވެ. އީވޯޓިންއާ މެދު އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދާ ސަބަބުތަކުގެ ތެރޭގައި އިންތިހާބުގެ ނަތީޖާ އޮޅުވާލުމުގެ ބާރު ކޮމިޝަނަށް ލިބުމުގެ އިތުރުން، އިލެކްޝަންސް ކޮމިޝަން، ސަރުކާރުގެ ނުފޫޒުގެ ތެރޭގައި ތާށިވުން ވެސް ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު