ކުނި އުކުމުގެ ހިދުމަތް ވަގުތީ ގޮތުން ހުއްޓާލަން ބޭނުންވާނަމަ އެކަން އަންގައިދޭން ވެމްކޯ އިން އެދިއްޖެއެވެ.

އެ ކުންފުނިން އިއްޔެ ނެރުނު ސާކިއުލާގައި ބުނެފައި ވަނީ، ގޭބިސީ ތަކާއި އެ ނޫންވެސް ތަންތަނަށް ވެމްކޯއިން ދެމުންގެންދާ ކުނި އުކާ ދިނުމުގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލަން ބޭނުންވާނަމަ، ހިދުމަތް މެދުކަނޑާލަން ބޭނުންވާ ތާރީހުގެ ފަސް ދުވަސް ކުރިން އެ ކުންފުންޏަށް އެންގުމަށެވެ.

އަދި އެ ހިދުމަތް މެދުކަނޑާލުމަށް ހާއްސަ ފޯމެއް ފުރަން ޖެހޭނެކަމަށް ވެމްކޯ އިން ބުނެއެވެ. އަދި ހިދުމަތް މެދުކަނޑާލެވޭނީ ކުނި ނެގުން ހުއްޓާލަން އެެދޭ މުއްދަތު ފަސް ދުވަހަށްވުރެ އިތުރުވާނަމަ ކަމަށްވެސް ވެމްކޯ އިން ބުންޏެވެ.

ކުނި އުކުން ވަގުތީ ގޮތުން މެދުކަނޑާލަން އެދޭ ފޯމް ވެމްކޯ އޮފީހުންނާއި ވެމްކޯގެ ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ.

އަދި މި ސާކިއުލާއަށް އަމަލު ކުރަން ފަށާނީ މިއަދުން ފެށިގެން ކަމަށް ވެމްކޯ އިން ބުންޏެވެ.

އަދި މި ފޯމް ފުރާފާއި ވެމްކޯއަށް ލުމުން ބޮޑު ޗުއްޓީއާ ދިމާކޮށް ރަށުން ބޭރަށް ދާ މާލޭގެ އާއިލާތަކުން އެދޭ ގޮތަށް، އެ ހިދުމަތް ބޭނުން ނުވާ މުައްދަތުގެ ތެރޭގައި ފައިސާ ދައްކަން ނުޖެހޭނެއެވެ.