މިދިޔަ އަހަރު ގަދަކަމުން ރައްޔިތުންގެ މަޖިލީހަށް ވަދެވަޑައިގެންނެވި މައްސަލާގައި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.

ހައިކޯޓުން މިގޮތަށް ކަނޑައެޅީ ކްރިމިނަލް ކޯޓުގެ ނިންމުމުން އަމީތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރެއްވުމުންނެވެ. މިގޮތަށް ނިންމާފައިވަނީ މައްސަލަ ބެއްލެވި ހައިކޯޓުން ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

މަޖިލިސް ބަންދުވެފައިވަނިކޮށް މިދިޔަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު ގަދަކަމުން މަޖިލީހަށް ވަތް މައްސަލައިގައި އަމީތު 15 ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަމީތުގެ އިތުރުން އެ ދުވަހު އިތުރު މެމްބަރުންތަކެއް ވެސް ގަދަކަމުން މަޖިލީހަށް ވަދެފައިވެއެވެ.

މަޖިލީހަށް ވަތް މައްސަލާގައި ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ ވެސް އަމީތުގެ މައްޗަށް އުފުލާފައިވެއެވެ. ނަމަވެސް ދައުލަތުން ފަހުން ވަނީ އެ ދައުވާ އަނބުރާ ގެންގޮސްފައެވެ.