ގުޅިފައިވާ ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ އައްޑޫ ސިޓީން ހުޅުމީދޫ ވަކިކުރަން ލާމަރުކަޒީ ޤާނޫނަށް އިސްލާހު ގެންނަންޖެހޭ ކަމަށް ކުރީގެ ބަންޑާރަ ނައިބު، މަޝްހޫރު ޤާނޫނީ ވަކީލު ހުސްނުއްސުޢޫދު ވިދާޅުވެއްޖެއެވެ.

ހުސްނުއްސުޢޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ލާމަރުކަޒީ ޤާނޫނު އިސްލާހު ކުރާއިރު، އައްޑޫ ސިޓީއިން ހުޅުމީދޫ ވަކިކޮށް، ހުޅުމީދޫގައި ސ.އަތޮޅު ކައުންސިލް ޤާއިމު ކުރުމަކީ 2 ރަށަށް އެންމެ ފައިދާ ހުރިގޮތް ކަމަށެވެ.

"ލާމަރުކަޒީ ޤާނޫނު އިސްލާހު ކުރާއިރު، އައްޑޫ ސިޓީއިން ހުޅުދޫ-މީދޫ ވަކިކޮށް މި ރަށުގައި ސ.އަތޮޅު ކައުންސިލް ޤާއިމު ކުރުމަކީ 2 ރަށަށް އެންމެ ފައިދާ ހުރިގޮތް. އޭރުން އަތޮޅުގެ އާމްދަނީން ދައުލަތަށް ލިބޭ އެއްޗެއްގެ 35 އިންސައްތަ އަތޮޅު ކައުންސިލަށް ލިބިފައި، މިރަށް ބާކީ ނުވާނެ." ހުސްނުއްސުޢޫދު ވިދާޅުވިއެވެ.

އައްޑޫ ސިޓީން ހޫޅުމީދޫ ވަކިވުމަކީ އެންމެ ފައިދާހުރި ގޮތްކަމަށް ހުސްނުއްސުޢޫދު ވިދާޅުވިއިރު، އައު ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ކުރުމަށް ނިންމާފައިވާ ކަންކަމުގެ ތެރޭގައި ލާމަރުކަޒީ ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް މަޖިލީހަށް ހުށަހެޅުން ހިމެނިފައިވެއެވެ.

އައު ސަރުކާރުން ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި ކުރުމަށް ރާވާފައިވާ ކަންތައްތަކުގެ ތެރޭގައި ކައުންސިލްތަކަށް ޤާނޫނުން ލިބިދީފައިވާ ބާރުތަކާއި، މަސައްކަތްތަކުގެ ތެރެއިން ވޭތުވެދިޔަ ފަސް އަހަރު ހިފަހައްޓާފައިވާ ބާރުތަކާއި، މަސައްކަތްތައް ކައުންސިލްތަކަށް ދިނުން ހިމެނެއެވެ. އަދި ރަށް މާކެޓު ކުރުމާއި، ރަށު ވެބްސައިޓް ބެލެހެއްޓުމަށްޓަކައި ރަށު ކައުންސިލް އިދާރާއަކީ "ރަށު ފްރަންޓް އޮފީސް" ގެ ގޮތުގައި ހަމަޖެއްސުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

ރައީސް ޔާމީންގެ ސަރުކާރު ބަލިކުރުމުގައި ޤާނޫނީ ދާއިރާއިން ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާ، ހުޅުމީދޫއަށް ނިސްބަތްވެވަޑައިގަންނަވާ ހުސްނުއްސުޢޫދު މިހެން ވިދާޅުވިއިރު، ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ކުރައްވަން ނިންމަވާފައިވާ ކަންކަމުގެ ލިސްޓް އާންމު ކުރެއްވި އިރު އައްޑޫ ސިޓީ ސްޓޭޓް ސްކުއާގައި ދިދަ ދަނޑި ޖެހުން ފިޔަވައި އިތުރު އެއްވެސް ކަމެއް ކޮށްދެއްވުމަށް ލިސްޓް ކޮށްފައި ނުވުމުން ވަރަށް ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

މީގެ އިތުރުން އައު ސަރުކާރުގެ ކެބިނެޓުގައި އައްޑޫ ސިޓީއަށް ނިސްބަތްވާ އެއްވެސް ބޭފުޅަކު ހިމެނިފައި ނުވާތީވެސް އައްޑޫއަށް ނިސްބަތްވާ ފަރާތްތަކުން ގެންދަނީ އައު ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން އައު ސަރުކާރުގެ ކެބިނެޓަށް ރުހުން ދިނުމާމެދު ވިސްނަން ޖެހޭކަމަށްވެސް މަޖިލީހުގެ އައްޑޫއަށް ނިސްބަތްވާ ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ްޤާސިމު

    ކުރަން ރަންގަޅު ކަމެށް

  2. ނަބީލް

    މިއީ ވަރަށް ރަގަޅު ޚިޔާލެއް. ޢައްޑޫ ކައުންސިލުން ވިސްނަނީ ހަމައެކަނި ހިތަދުއަށް ހީވާކަހަލަ އެއީ ވަކިބަޔެއްގެ އެއްޗެއްހެން

  3. ދދ

    ރާއްޖޭގެ އަތޮޅުތައް ބެހިފައިވާ ގޮތުން ހުޅުމީދޫ
    ސ. އަތޮޅާވަކި ނުކުރެވޭނެއެވެ އައްޑޫސިޓީގައި
    ހުޅުމީދޫ ހިމެނިފައި އޮތުމަކީ އައްޑޫގެ ތަރައްގީ
    ހުރަސް އެޅޭކަމެއް ނޫނެވެ ތަރައްގީގެ ނަމުގައި
    ކޮންމެރަށެއް ސިޓީއަކަށް ހެދުމަކީ މޮޔަވިސްނު
    މެކެވެ އެއްވެސް ކަމެއްގައި އަމިއްލަ މަސްލަހަތު އިސްކުރެވޭ ޚިޔާލަކީ އޮއްޓަރެއް
    ހުރި ެއްޗަކަށް ނުވާނެއެވެ.

  4. ހުސޭނުބޭ

    އެހެންވިއްޔާ މާލޭ ސިޓީން ކުޑަހެންވޭރުވެސް ވަކިކޮށް މާލޭ ކައުންސިލް އުފައްދަންވީ! އަދި ހިންނަވަރު ހިއްކިބިން ވަކިކޮށް ހިއްކިބިން ކައުންސިލް އުފެއްދުމަކީވެސް ހަމަ މޮޅުކަމެއް!

  5. އައްޑޫމީހާ

    ޚިޔަލު ތަފާތު ވާވާހަކަދެއްކުމެއްނެތް. ސުއޫދު އުސްތާޛު ތި ވިދާޅުވިގޮތުން ކަމަށްވާނަމަ އައްޑޫސިޓީ އާއި އަދި ވަކިްނ ސ. އަތޮޅު ގޮތުގަ އިތުރު އަތޮޅެއް އޮންނާނެ ތޯ. ކިހިނެއް އެކަން އޮންނާނީ

  6. ޝާފިއު

    މާލެ އަތޮޅާއި މާލެ ސިޓީ އޮންނަ ގޮތަށް އައްޑު އަތޮޅާއި އައްޑޫ ސިޓީ ނެހެދޭން ވީ ސަބަބެއް ނެތް. ހުވަދު އަތޮޅު އުތުރު ބުރި އާއި ދެކުނު ބުރި ހެދުނު ގޮތަށް އައްޑު އަތޮޅު އިދާރީ ގޮތުން ވަކި ނުކުރެވޭން ވީ ސަބަބެއް ނެތް.