ލ.ބަރެސްދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އާއި ހަވާލުކޮށްފިއެވެ.

މޯލްޑިވްސް އިންޓަގްރޭޓެޑް ޓްއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމް.އައި.ޓ.ޑީ.ސީ) އިން ލ އަތޮޅު ބަރެސްދޫގައި ތަރައްޤީކުރަމުންދާ އިންޓަގްރޭޓެޑް އައިލެންޑް ރިސޯޓްގައި ވަގުތީ ގޮތުން ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމް ކުރުމަށް މިއަދު ވެވުނު އެއްބަސްވުމުގައި މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ސޮއި ކުރެއްވިއިރު، މޯލްޑިވްސް އިންޓަގްރޭޓެޑް ޓްއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝާހިދުއެވެ.

މި އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމް.ޑަބްލިޔު.އެސް.ސީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ވިދާޅުވީ، މާލެގައި ކޮމާޝަލް ތަންތަނަށް ޚިދުމަތްދޭ ރޭޓްގައި، ލ.ބަރެސްދޫގައި މިދެވޭ ހިދުމަތަކީ އެ ރަށް ތަރައްޤީކުރާ ކޮންޓްރެކްޓަރުންނަށް ދެވޭ ލުއި ފަސޭހައަކަށް ވެގެންދާނެކަމަށެވެ.

"އުއްމީދު ކުރައްވަނީ 30 ދުވަހާއި 45 ދުވަހުގެ ތެރޭގައި ވަގުތީގޮތުން ފެނާއި ނަރުދަމާގެ ޚިދުމަތް ދޭނެ ފެށިގެންދާނެކަމަށް" އެމް.ޑަބްލިޔު.އެސް.ސީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ވިދާޅުވިއެވެ.

ބޭނުންފުޅުވެލައްވަނީ، އެމް.އައި.ޓ.ޑީ.ސީގެ ކޮންޓްރެކްޓަރުންނަށް ބަރެސްދޫގައި ހިންގ ތަރައްޤީގެ މަސައްކަތްތައް ފަސޭހްކަމާއެކު ކުރިއަށް ގެންދެވޭނެ މަގު ތަނަވަސްކޮށްދީ، ސަރުކާރުގެ މި މަސައްކަތަށް އެއްބާރުލުން ދެއްވަން ކަމަށާއި، ވަގުތީގޮތުން ޚިދުމަތް ދިނުމަށްޓަކައި ބޭނުންވާ ހުރިހާ އިކުއިޕްމަންޓެއް މިހާރު ވަނީ ހޯދާފައިވާނެ ކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.

1.5 މިލިއަން ރުފިޔާ ހަރަދު ކުރައްވައިގެން ބަރެސްދޫގައި ވަގުތީގޮތުން ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމަށް 50 ޓަނުގެ އާރޯ ޕްލާންޓަކާއި، 70 ޓަނުގެ ސްޓޯރޭޖް ޓޭންކެއް އެރަށުގައި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، ސެޕްޓިކް ޓޭންކް މެދުވެރިކޮށް ސްވަރޭޖް ޚިދުމަތް ފޯރުކޮށްދޭވިގެންދާނެއެވެ.

މޯލްޑިވްސް އިންޓަގްރޭޓެޑް ޓްއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމް.އައި.ޓ.ޑީ.ސީ) އިން ހިންގަމުންދާ ލ.ބަރެސްދޫ އިންޓަގްރޭޓެޑް އައިލެންޑް ރިސޯޓް ޕްރޮޖެކްޓަކީ، މެދުފަންތީގެ ގެސްޓްހައުސްތައް ރާއްޖޭގައި ތަރައްޤީ ކުރުމަށް މިފަދަ ގޮތަކަށް ހިންގޭ ފުރަތަމަ ޕްރޮޖެކްޓަށްވާއިރު، ގެސްޓްހައުސް އެޅުމަށް މިހާރުވެސް ބަރެސްދޫއިން 30 ބިމެއް އެކި ފަރާތްތަކަށް ދޫކުރެވިފައިވާއިރު އެ ބިންތައް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމުގެ މަސައްކަތް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.

ކުރިއަށް އޮތް 2 ނުވަތަ 3 މަސް ދުވަހުގެ ތެރޭގައި ގެސްޓްއައުސްތަކާއި ހޮޓާތައް ތަރައްޤީ ކުރުމުގެ މަސައްކަތް ކޮންޓެރެކްޓަރުންނަށް ފެށިގެންދާނެ ކަމަށާއި، 18 ނުވަތަ 24 މަސް ދުވަހުގެ ތެރޭގައި ބަރެސްދޫ އިންޓަގްރޭޓެޑް އައިލެންޑް ރިސޯޓް އެއްކޮށް ތަރައްޤީކޮށް ނިމި ރަށް ފަތުރުވެރިންނަށް ހުޅުވިގެންދާނެ ކަމަށް، މޯލްޑިވްސް އިންޓަގްރޭޓެޑް ޓްއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝާހިދު މި ރަސްމިއްޔާތުގައި ވިދާޅުވިއެވެ.

މިއަދު އެމް.ޑަބްލިޔު.އެސް.ސީ އާއި އެމް.އައި.ޓ.ޑީ.ސީ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން، ލ.ބަރެސްދޫގައި ވަގުތީ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމަށްފަހު، ދާއިމީ ގޮތެއްގައި ފެނާއި ނަރުދަމާ އަދި ކުނި މެނޭޖް ކުރުމާއި ކަރަންޓުގެ ޚިދުމަތްވެސް އެމް.ޑަބްލިޔު.އެސް.ސީ އިން ކުރިއަށް ގެންދާނެއެވެ.