ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނިގެން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، ސިޓީ ކައުންސިލުގެ ބާރުތަކާއި، ސިޓީ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން ބައެއް ޚިދުމަތްތައް އަލުން ސިޓީ ކައުންސިލްތަކަށް ދިނުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ.

ވަޒީރުންގެ މަޖިލީހުން އެގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

ސިޓީ ކައުންސިލަށް އަލުން ބަދަލުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވި ބާރުތަކުގެ ތެރޭގައި، އިޤްތިޞާދީ ނުވަތަ އިޖުތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިމާއި، ފަރާއި، ފަޅު ހޯދުމާއި، މިފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި، ދިނުމާއި އަދި މިފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި މި އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކުކުރުން ހިމެނެއެވެ.

އޭގެ އިތުރުން ޢާންމު ފަރުދުންނަށް ދިމާވާ ކުއްލި ނުރައްކަލުގެ ޙާލަތްތަކުގަ އާއި ހާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދޭނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތްވެސް ސިޓީ ކައުންސިލްތަކާ ހަވާލުކުރެއްވުމަށް މިއަދު ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

މިގޮތުން، ސަރުކާރުގެ ވުޒާރާތަކަށް ބަދަލުކުރައްވާފައިވާ، ސިޓީ ކައުންސިލުގެ ބާރުތަކާއި، ސިޓީ ކައުންސިލުން ދޭ ޚިދުމަތްތައް، އަލުން ސިޓީ ކައުންސިލުތަކަށް ބަދަލުކުރެއްވުމަށް ނިންމަވާފައި ވަނީ އެ ވުޒާރާއަކުން ކަނޑައަޅުއްވާ އުޞޫލުތަކާއި ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނަފާ

    އެފަދަ ބިންތައް މިލްކު ކުރެވޭނި ބިމާބެހޭ ޤާނޫނުގެ ދަށުންކަމަށް ލާމަރުކަޒީ ޤާނޫނުގެ އެ މާއްދާގަ އޮންނާނެ.. އެހެންވީމަ މިލްކު ކުރާ ކޮންމެ ބިމަކަށް ރައީސުލއޖުމްހޫރިއްޔާގެ ހާއްސަ ހުއްދައެއް ކޮންމެ ބިމަކަށް ވަކިން އޮންނަންވާނެ..

  2. ޗާބޫކުން

    ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ މީހުންގެ ހާލަތު ރަނގަޅުކުރަން ތައްޔާރު ކަމަސް ތަމެން ފޮރިނޭ މެން ކިޔަމުން ގޮސް ތަމެން ރާއްޖޭގެ ރިސޯރޓްސް ތަކުގައި ހުރި މެދު ފަންތި އާއި މަތީ ފަންތީގެ ވަޒީފާ ތައް ދިވެހިންނަށް ނުދީ އިންޑިއާ މީހުންނަށް ދީގެން މިރާއްޖެ އަކީ އެއީ އިންޑިއާ ގެ އަވަށަކަށް ހަދާލާށޭ ތަމެން ވެރިކަމަށް ފާވެ ތިބުމުގެ ބޭނުމުގައި ތިޔާއީ ތަމެން ރައްޔިތުން ގައިގައި ޗާބޫކުން ތެޅުން ނޫންތޭ މިހާރު ތިޔާ ގެންދަނީ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ..

  3. އިބްރާހިމް

    އަތޮޅު ކައުންސިލާއި، ރަށު ކައުންސިލަށް ކޮންކަމެއްތޯ އޮތީ؟ 5

  4. ސދ

    މިކަން ކަމަކީ ޓޫރިޒަމް މިނިސްޓްރީން ކުރަންޖެހޭ ކަންކަން ސިޓީ ކައިންސިލް ތަކައް ދިނުމަކީ ނާގާބިލްކަމުގެ އިންތިހާ

  5. ޖޮއްބެ

    ކޮރަޕްޝަންގެ ދޮރެއް ހުޅުވާލުން ތިޔައީ އެއްވެސް ޝައްކެއްނެތް.

  6. ނުރަބޯ

    މައުމޫނަށް އެވޯޑްދީފަ ނަޝީދަށް އެވޯޑް ނުދިނުން އެއީ ވަރަށްބޮޑު މަކަރުވެރި ރޭވުމެއް. ބޭނުމަކީ ތިމަން މެންނަކީ ވަރަށް އިންސާފުން ކަން ކުރާބައެއްކަން ރައްޔިތުންނަށް އެންގުން. އެހެންނޫންނަމަ ނަޝީދު އެކަމާ އަޅާނުލާ ދެނަހުރިކަމަށް ނުހަދާ މަޑުން ހުރީސްތަ......؟؟؟