އައްޑޫ ސިޓީގެ ގުޅިފައިވާ އެކި ރަށްތަކުން ދޫކުރާ 1000 ގޯއްޗަށް 4000 އަށްވުރެ ގިނަ މީހުން ކުރިމަތިލާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ރޭ ބޭއްވި ބައްދަލުވުމުގައި މޭޔަރު އަލީ ނިޒާރު ވިދާޅުވީ އައްޑޫއިން ދޫކުރަން ހުޅުވާލި 1000 ގޯތީގެ ލިސްޓު އާންމު ކުރުން ލަސްވެފައިވަނީ 4000 އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާތީ ކަމަށެވެ.

ފޯމްތައް އިވެލުއޭޓްކޮށް ގާތް ގަނޑަކަށް އެ މަސައްކަތް ނިމިފައިވާ ކަމަށް ނިޒާރު ވިދާޅުވިއެވެ. ހުޅުމީދޫ އާއި ފޭދޫގެ ފޯމުތައް ނިމިފައިވާ ކަމަށާއި ހިތަދޫއިން ލިބުނު ފޯމުތަކުގެ 50 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ނިޒާރު ވިދާޅުވިއެވެ. ނިޒާރު ވިދާޅުވީ ގޯތި ލިބޭ މީހުންގެ ލިސްޓު އަންނަ މަހު ކައުންސިލުން އާންމުކުރާނެ ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ހިތަދޫން 500 ގޯއްޗާއި ފޭދޫން 300 ގޯއްޗާއި ހުޅުދު އާއި މީދޫގެ ކޮންމެ ރަށަކުން 100 ގޯތި ދޫކުރަން ނިންމާ ހުޅުވާލީ މި އަހަރުގެ ކުރީކޮޅު ކުއްލިގޮތަކަށެވެ. އައްޑޫއިން ބިން ދޫކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

އައްޑޫގެ ބިން ހިއްކުމުގެ ޕްރޮޖެކްޓްގެ ދަށުން 194 ހެކްޓަރުގެ ސަރަހައްދެއް ހިއްކަން ނިންމާފައިވާއިރު، އޭގެ ތެރެއިން 90 ހެކްޓަރު ހިއްކަނީ ހިތަދޫންނެވެ. އެއީ ހިތަދޫގެ އެތެރެއަށްވާ ގޮތަށް 50 ހެކްޓަރާއި ހިތަދޫ ސަރަހައްދީ ބަނދަރުން ފެށިގެން މައި ބަނދަރާއި ހަމައަށް 40 ހެކްޓަރުގެ ބިމެވެ.

ހިތަދޫގެ އިތުރުން މަރަދޫ ފޭދޫން 76 ހެކްޓަރުގެ ބިން، ރިސޯޓު ހަދަން 8.3 ހެކްޓަރުގެ ތިން ރަށެއްގެ އިތުރުން ލިންކް ރޯޑު ހަދަން 3.3 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފައެވެ.

މިއީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އިންތިހާބަށް ކޮންމެ ފަހަރަކު އައްޑޫން ތަރިބާލަދެނީ !

  2. ސަރުތު

    މީ ރާއްޖޭގެ ރައިއްޔަތުންގެ ފައިސާއިން ހިއްކާފަ ވާ ބިން ވީމާ, އައްޑޫ ރައިއްޔަތުންނަށް ހިލޭ ބިން ބަހައިގެން ނުވާނެ