އައްޑޫ ސިޓީގައި ބިން ހިއްކާ ސަރަހައްދަށް ވަނުން ސިޓީ ކައުންސިލުން މަނާ ކޮށްފިއެވެ.

އައްޑޫގެ 194 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރަސްމީކޮށް ފައްޓަވައި ދެއްވީ ޖޫން ތިން ވަނަ ދުވަހެވެ.

މި މަޝްރޫއަށް 1.5 ބިލިއަން ރުފިޔާ ހަރަދުވެއެވެ.

އައްޑޫސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން، ހިތަދޫ ފަޅުތެރޭން ބިންހިއްކާ ސަރަހައްދަށް ހުއްދަ ހޯދުމަކާއި ނުލާ އަދި ރައްކާތެރި ފިޔަވަޅެއް ނެތި ގިނަ ޢަދަދެއްގެ ރައްޔިތުން ވަދެ މަސްބާނަން ތިބުމާއި ފޮޓޯ ނެގުން ފަދަ ކަންކަމުގައި އުޅޭކަން ފާހަގަ ކުރެވޭ ކަމަށެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ ބިން ހިއްކުމުގެ މަސައްކަތަކީ ބޮޑެތި އެއްގަމު އުޅަނދުތަކާއި ބަރު އާލާތްތަށް ބޭނުންކޮށްގެން ކުރަމުންދާ މަސައްކަތެއް ކަމުން މި ސަރަހައްދަށް އާންމުކޮށްވަދެ އުޅުމަކީ ނުރައްކާތެރި ކަމެއް ހިގައި ހިތާމަވެރި ހާދިސާއެއް މެދުވެރި ވެދާނެ ކަމެއްކަމަށްވާތީ ކަމަށެވެ.

އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭ ފިޔަވަޅެއްގެ ގޮތުން، ހިތަދޫ ބިން ހިއްކާ ސަރަހައްދަށް ހުއްދަނެތި ވަދެ އުޅުމަކީ މަނާކަމެއް ކަމަށްވެސް އިއުލާނުގައި ވެއެވެ.