ރާއްޖޭގައި މީހުން މަރުވާ ނިސްބަތަށް ބަލާއިރު 70 އިންސައްތަ މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގައި ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭ ކުރިއަށްގެންދިޔަ "ނޭޝަންލް ފުޑް ބޭސްޑް ޑަައެޓަރީ ގައިޑްލައިން" އާބެހޭ މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ.މޫސާ މުރާދު ވިދާޅުވީ، ރާއްޖޭގައި ޒުވާން އުމުރުގައި ތަފާތު ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ ނިސްބަތް އިތުރުވެފައިވާކަމަށެވެ. އެގޮތުން ރާއްޖޭގައި މީހުން މަރުވާ ނިސްބަތަށް ބަލާއިރު 70 އިންސައްތަ މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގައިކަމަށް އޭނާ ވިދާޅުވިއެވެ.

މުޅި ދުނިޔެއަށް ބެލި ނަމަވެސް މިހާރު ގައިންގަޔަށް ނާރާ ބަލިތަކުގައި މީހުން މަރުވާ މީހުންގެ ނިސްބަތް ދަނީ އިތުރު ވަމުންނެވެ.

ރާއްޖޭގައި އާންމުކޮށް މީހުން މަރުވާ ބަލިތަކުގެ ތެރޭގައި ލޭ މައްޗަށްދިއުމާއި، ހަކުރު ބައްޔާއި، ހިތުގެ ބަލީގެ އިތުރުން ސްޓްރޯކާއި، ކެންސަރ ފަދަ ބަލިތައް ހިމެނެއެވެ.

ޑރ.މުރާދު ވިދާޅުވީ ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވުމަށް ދިމާވާ ސަބަބަކީ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކާއި، ކެއިންބުއިމުގެ އާދަތަކަށް އައިސްފައިވާ ބަދަލުތައް ކަމަށެވެ.

ގައިން ގަޔަށް ނާރާ ބަލިތައް މަދު ކުރެވެން އޮތީ ސިއްހީ ރަނގަޅު އާދަތައް ހިފަހައްޓައިގެންނެވެ. ސިއްހަތައް ގެއްލުން ލިބޭ ކާބޯތަކެއްޗާއި ދުރުވެ، ކަސްރަތު ކުރުން ފަދަ ހަރަކާތްތެރި ދިރިއުޅުމެއް އުޅޭ މީހުންނާއި މިފަދަ ނުރައްކާތެރި ބަލިތައް ދުރެވެ.